ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެ އިއްޔެ އެކަނި ވެސް ރިކޯޑު އަދަދަކަށް 328 މީހުން ބަލިޖެހިފައިވާކަން ޓެސްޓުތަކުން ދައްކައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާންމު ކުރަމުންދާ ހިސާބުތަކުގައިވާ ގޮތުން ހޯމަ ދުވަހު 3252 މީހެއްގެ ހަށިގަނޑުން ނެގި ސާމްޕަލްތައް ތަހުލީލު ކުރިއިރު އޭގެ ތެރެއިން 328 މީހަކަށް ހުރީ ކޮވިޑް-19 ޖެހިފަ އެވެ. އެއީ ސާމްޕަލް ނެގި މީހުންގެ ތެރެއިން 10 ޕަސެންޓެވެ.
އިއްޔެގެ އިތުރު ހިސާބުތަކަށް ބަލާއިރު، ބަލީގައި ހާލު ބޮޑުވެގެން 126 މީހަކަށް މިހާރު ފަރުވާދެމުން އަންނަނީ އެނދުމަތިކޮށްގެނެވެ. އެކަމަކު ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 22 ވަނަ ދުވަހު އެނދުމަތިކޮށްފައި އޮތީ 90 މީހުންނެވެ. އެހެންކަމުން އެންމެ ފަސް ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން 36 މީހުން އެ ވަނީ އެނދުމަތިކޮށްފަ އެވެ.
ހޯމަ ދުވަހުގެ ރިކޯޑާއެކު މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 28،202 އަށް އުފުލުނީ އެވެ. އެއީ ދިވެހިރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓު މީހުންނެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިހާރު ވެސް ކޮވިޑް-19 ޖެހި ފަސޭހަ ނުވާ 3701 މީހުން އެބަ އުޅެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ މާލޭގައި އުޅޭ މީހުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް 2072 މީހުން މާލޭގައި އުޅޭއިރު އެހެން ރަށްތައް އެއްކޮށްލައިގެން އެރަށްރަށުގައި އުޅެނީ ބަލިޖެހިފައިވާ އުޅެނީ 969 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް 291،227 މީހުންގެ ގަޔަށް ކޮވިޑް-19 ވެކްސިން ޖަހައިފި އެވެ. އޭގެ ތެރެއިން 76،923 މީހުން ވަނީ ވެކްސިނުގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.












