ދިވެހިންގެ ތެރޭގައި މަޝްހޫރު ފިނިބުއިން "ޑޮންޑޮން" ތައްޔާރުކުރުމުގެ މޭސްތެރިޔާ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހިދުމަތްތެރިޔާ ލޯޖެހި އަހުމަދު މަނިކު މިރޭ އަވަހާރަވެއްޖެ އެވެ.
އަހުމަދު މަނިކު އަވަހާރަވީ، އާލާސްކަންފުޅެއްގައި އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިއަދުގެ އިރުއޮއްސުނު ވަގުތުގަ އެވެ. މީގެ 12 ދުވަސް ކުރިން އިންޑިއާ އަށް ދިއުމުގެ ކުރިން މާލޭ އައިޖީއެމްއެޗުގައި ވެސް މަހެއްހާ ދުވަހު އޭނާ ފަރުވާ ހޯއްދެވި އެވެ.
އަހުމަދު މަނިކަށް ދިވެހި ސަރުކާރުން ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން 2009 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ދީފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރު 1961 ވަނަ އަހަރު "ބީޗްވިލާ" ހިންގެވިއިރު ރާއްޖެ އަށް ތައާރަފްކުރެއްވި "ޑޮންޑޮން" ފުޅިފުޅީގައި ބަންދުކުރުމުގެ މަސައްކަތްކުރިއިރު އަހުމަދު މަނިކަކީ އެތަނުގެ މުވައްޒަފެކެވެ. ފަހުން "ތުރީ ޗޮއިސް" ގެ ނަމުގައި މަޝްހޫރުވި "ޑޮންޑޮން" ގެ ވިޔަފާރީގެ ތެރެއަށް އަމިއްލަ ގޮތުން އަހުމަދު މަނިކު ވެންނެވީ، ނާސިރު އެ މަސައްކަތް ހުއްޓާލެއްވުމުން ސަރުކާރުގެ އެ ސާމާނުތައް ނީލަން ކިޔުމުން ނީލަމުން ނަގައިގެން، 1989 ވަނަ އަހަރު އެވެ. "ތުރީ ޗޮއިސް" ގެ ގޮތުގައި ފަހުން ތައާރަފްވި އެ ބުއިމުގެ ރަހަތަކަކީ ސީދާ އަހުމަދު މަނިކުގެ އަމިއްލަ ފޯމިއުލާއަކަށް ތައްޔާރުކުރެއްވި ބުއިމެކެވެ.
ލޯޖެހި ވަނީ 1998 އިން 2012 އަށް ވިކްޓްރީގެ ވައިސް ޗެއާމަންގެ މަގާމް ފުރުއްވައިފަ އެވެ. އަދި އެ ކްލަބަށް އަމިއްލަ ޖީބުން ވަރަށް ބޮޑު ހަރަދުތަކެއް ވެސް ކުރެއްވި އެވެ. އެއީ އެ ކްލަބުގެ ތާރީހުގެ އެންމެ ކާމިޔާބު ދުވަސްތަކެވެ. އެގޮތުން ވިކްޓްރީން 2002 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ލޯޖެހި އަކީ އެ ކާމިޔާބީގެ ބޮޑު ހިއްސާދާރެކެވެ.

"އެ ދުވަސްވަރު ވިކްޓްރީ ގެންގުޅުނީ ލޯޖެހި. ކްލަބުގެ ތާރީހުގެ އެންމެ ކާމިޔާބު އަހަރުތަކުގެ ތެރޭގައި ހިމެނޭ އެ މުއްދަތުގައި ލޯޖެހި ވަނީ ކްލަބަށް ވަރަށް ބޮޑު ހިދުމަތްތަކެއް ކޮށްދެއްވާފައި،" އޭރު ވިކްޓްރީގެ ކޯޗަކަށް މަސައްކަތްކުރި އަލީ ސުޒޭން ބުންޏެވެ.













