10 އޮކްޓޯބަރު 2025 - 15:41 0
ސާއިފް ޝިޔާދު
ފުލުހުންގެ ޝީލްޑް ލައިނުން މުޒާހަރާ ހުއްޓުވާއިރު ސޮނިކް ވެޕަން ހަރުކޮށްފައި ހުރި ވެހިކަލެއް ފަހަތުން ފެންނަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
10 އޮކްޓޯބަރު 2025 - 15:41 0
އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ކުރިއަށް އޮތް ތަނުގައި ބޭނުން ނުކުރުމަށް ދިވެހި ސަރުކާރަށް ބައިނަލްއަގުވާމީ ހަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
އެ ރޭގެ މުޒާހަރާ ރުޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވުމުން އެކަން ކުށްވެރިކޮށް އޭޝިއަން ފޯރަމް ފޯ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓު (ފޯރަމް އޭޝިއާ) އާއި 26 ޖަމިއްޔާއެއް ގުޅިގެން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. މުޒާހަރާ ފެށުމުގެ ކުރިން ވެސް އަސްކަރީ އުޅަނދުތައް މަގުތަކަށް ނެރެ ރައްޔިތުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައިވާކަން އެ ބަޔާނުގައި ބުނެފައިވެ އެވެ.
މާލެ ފަދަ ތޮއްޖެހިފައި އޮތް ސިޓީއެއްގައި އެލްރެޑު ބޭނުންކުރުމަކީ އާންމު ސިއްހަތާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް އަސްކަރީ ވަމުންދާކަން ކަންބޮޑުވުމާއެކު ޖަމިއްޔާތަކުން ވަނި ފާހަގަކޮށްފަ އެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލި ކަންކަން
މި ޖަމިއްޔާތަކުގެ ތެރޭގައި ރާއްޖޭގެ ބައެއް ޖަމިއްޔާތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ބަންގްލަދޭޝް، ޕާކިސްތާން، ކެމްބޯޑިއާ، ފިލިޕީންސް އަދި އިންޑޮނީޝިއާގެ ޖަމިއްޔާތައް ހިމެނެ އެވެ.
ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރި އެވެ.
ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.
ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.
މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން މިވަގުތު ވެސް ތިބީ ދޫނިދޫގަ އެވެ. އެ މީހުން ބަންދުކޮށްފައި ތިބޭތާ މިރެއަށް ހަފްތާއެއް ހަމަވާނެ އެވެ.
Comment