Advertisement

އެމްޑީޕީގެ ބޮޑު އެއްވުމުގައި ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް މުޒާހަރާ ހުއްޓުވާނެ ކަމުގެ އިޝާރާތެއް ފުލުހުން ދީފި

1 އޮކްޓޯބަރު 2025 - 10:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުންނާއި ބައްދަލުކުރަން ރައީސް މުއިއްޒު މީގެ ކުރިން ބޭއްވި ބައްދަލުވުމަކަށް ވަޑައިގަތުމުން ފުލުހުން އެމަނިކުފާނަށް ސެލިއުޓު ކުރަނީ ---- ފޮޓޯ: ރައީސް އޮފީސް


އެމްޑީޕީގެ ބޮޑު އެއްވުމުގައި ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް މުޒާހަރާ ހުއްޓުވާނެ ކަމުގެ އިޝާރާތެއް ފުލުހުން ދީފި

1 އޮކްޓޯބަރު 2025 - 10:08 1

އޮކްޓޯބަރު 3، ގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމުގައި ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މުޒާހަރާ ހުއްޓުވާނެކަމުގެ އިޝާރާތެއް ފުލުހުން މިއަދު ދީފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޮޑު އެއްވުމުގައި ކުށްކުރާ ގުރޫޕުތައް ނެރެ މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތުތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕުތައް މަގުމައްޗަށް ނެރެ މާލެ ތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ،" ފުލުހުން ބުނެފައިވެ އެވެ.

އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު ފުލުހުން ބުނީ ރައްޔިތުންގެ ސަލާމަތް ކަށަވަރު ކުރަން ކުރަންޖެހޭ ކަންކަން ފުލުހުން ކުރާނެ ކަމަށެވެ.

ބޮޑު މުޒާހަރާގައި މާލެ ތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި އެކަމުގެ ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.

ފުލުހުން އެމްޑީޕީއަށް މިފަދަ ބޮޑެތި ތުހުމަތަކެއް ކޮށްފައިވާއިރު، ރޭ ދަންވަރު ގިނަ އަދަދެއްގެ ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި މާލޭގެ މަގުތަކަށް ނުކުމެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާ ފަށާ އާޓިފިޝަލް ބީޗު ކައިރީގަ އެވެ.

އެގޮތުން، ސަލްމާން މިސްކިތް ކައިރި އަދި ރާޅުގަނޑު ސަރަހައްދު އަދި މަޖީދީ މަގު ޖެލީ ރެސްޓޯރަންޓު ކައިރި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އާންމުކޮށް އެއްވުންތަކާއި މުޒާހަރާތައް ހުއްޓުވަން އަދި ރޫޅާލަން ބޭނުންކުރާ ޝީލްޑު ފަދަ އާލާތްތަކާއެކު ސަފުތަކަށް އެތުރި، ފުލުހުން ތައްޔާރުވަމުން ދިޔަ މަންޒަރު އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެނެ އެވެ.