10 ޖޫން 2025 - 09:37 0
ލީވާން އަލީ ނާސިރު
ރައުދު އަހުމަދު ޒިލާލް: ޔުމްނު މައްސަލައިގައި އޭނާގެ މައްޗަށް އުފުލަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ -- ފޮޓޯ: އަދަދު
10 ޖޫން 2025 - 09:37 0
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފްލޯގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ރައުދުގެ މައްޗަށް ދައުވާކުރީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. މިހާތަނަށް ރައުދު ވަނީ ބަންދުގައި 34 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ބަންދުގައި ހޭދަކުރަންޖެހޭނީ ދެ ދުވަހެވެ.
ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.
ޔުމްނުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ރައުދު ހައްޔަރުކޮށް އޭނާ ދޫކޮށްލާފައި ވެ އެވެ. އޭނާ އެންމެ ފަހުން ބަންދުން ދޫކޮށްލީ ޕީޖީ އޮފީހުން އެގޮތަށް އިރުޝާދުދީ ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ފުރަތަމަ ރައުދު ހައްޔަރު ކުރަން ނެރުނު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެއިރު ޕޮޒިޓިވް ވެފައި ވެ އެވެ.
އެ މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދިޔަ ގޮތަށް ފާޑުކިޔުން އަމާޒުވާން ފެށުމުން އޭޕްރިލް 24، ގައި ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.
އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ފެންމަތިވި އެވެ.
ފުލުހުން ހެދި ގޯސްތަކުގެ ތެރޭގައި، ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގޭގެ ބައެއް ފަންގިފިލާތަކުގައި ކެމެރާ ހުރި އިރު ވެސް ކެމެރާ ނެތް ކަމަށް ބުނެ ދޮގު ހެދުން ހިމެނެ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ތަންތަން ބަލައި ފާސް ކުރަން ފުލުހުން ވަނީ ފަސްޖެހިފަ އެވެ. އޭގެ ތެރޭގައި ޔުމްނު އާއި އޭނާއާއެކު އުޅުނު ބަޔަކު ދިޔަ މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ ގެ އާއި އެ މައްސަލައިގައި ހިމެނޭ އިތުރު މީހެއްގެ ގެ ހިމެނެ އެވެ.
އެތަންތަން ބަލައި ފާސް ކުރުމަށް ފުލުހުން ދިޔައީ ހަ ދުވަސް ފަހުންނެވެ. ބަލައި ފާސް ކުރުމަށްފަހު ފުލުހުން ބުނީ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް އެ ދެ ގެއިން ފެނިފައި ނުވާ ކަމަށެވެ. އަދި މިނިސްޓަރު އަމީން ދިރިއުޅޭ ގޭގެ ކެމެރާ ހަލާކުވެފައިވާތީ، ވީޑިއޯ ފުޓޭޖް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދައިފަ އެވެ. އެ ކޮމިޝަނުގެ މައިގަނޑު ބޭނުމަކީ ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމެވެ. އެ ކޮމިޝަން އުފެއްދީ އޭޕްރީލް 26، ގަ އެވެ.
Comment