އޭޕްރީލް 18، ގައި މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް އަނެއްކާ ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނެއްކާ ވެސް ރައުދު ހައްޔަރުކުރީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށެވެ. ރައުދު ހައްޔަރުކުރުމަށް ފުލުހުން އޭނާގެ ގޭގައި ތިބިކަން އަދަދު އަށް ވަނީ ޔަގީން ކުރެވިފަ އެވެ.
ރައުދު، 21، ދޫކޮށްލީ ފުލުހުން އަމިއްލައަށް މިއަދު ހެނދުނު 11:00 ހާއިރު އެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުފާނު ކުރުމުން މިއަދަށް އޮތީ ހައި ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
ރައުދު ހައްޔަރު ކޮށްފައި ވަނީ ޔުމްނު ވެއްޓުނުތާ ހަ ދުވަސް ފަހުން އޭޕްރީލް 24، ގަ އެވެ. އެކަމަކު، ރައުދު ހައްޔަރު ކުރުމުގެ އަމުރެއް އޭގެ ކުރިން ހަމަ ޔުމްނު ވެއްޓުނު ދުވަހު ވެސް ދަށު ކޯޓުން ނެރުނެވެ. ނަމަވެސް އެ އަމުރު ފުލުހުން ތަންފީޒެއް ނުކުރެ އެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ރައުދުގެ ފަރާތުން އިސްތިއުނާފީ ފަސް ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ:
- ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ހެކި ހުށަހެޅިކަން
- އޮޅުމެއް ކަމަށް ބުނެ ދެވަނަ ފަހަރަށް ވެސް ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ބަންދުގެ މުއްދަތު އިތުރު ކޮށްދޭން އެދުނުކަން
- ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ފަނޑިޔާރު އަމިއްލައަށް މުއްދަތު ޖެހިކަން
- ފަނޑިޔާރު ހަވާލާދިން މާއްދާއާ ހިލާފަށް ބަންދުގެ މުއްދަތު ޖެހިކަން
- އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް، ދަރަޖަ މަތިކުރިކަން
ރައުދު ހައްޔަރު ކުރީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.












