Advertisement

މި ސަރުކާރުގެ ފުލެޓު ކޮމެޓީން އެކުލަވައިލި ލިސްޓު ވެސް ކަމުނުދާތީ، ފުލެޓު ލިސްޓު އިއުލާނު ކުރުން އަންނަ މަހަށް ފަސްކޮށްފި

28 އޮކްޓޯބަރު 2024 - 09:37 7

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހައުސިން މިނިސްޓަރު، އަލީ ހައިދަރު: ދައްޗެއް ދިމާ ނުވާ ނަމަ މި މަހު ލިސްޓު އިއުލާނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


މި ސަރުކާރުގެ ފުލެޓު ކޮމެޓީން އެކުލަވައިލި ލިސްޓު ވެސް ކަމުނުދާތީ، ފުލެޓު ލިސްޓު އިއުލާނު ކުރުން އަންނަ މަހަށް ފަސްކޮށްފި

28 އޮކްޓޯބަރު 2024 - 09:37 7

މި ސަރުކާރުގެ ފުލެޓު ކޮމެޓީން އެކުލަވައިލި ފުލެޓު ލިސްޓު ވެސް ރަނގަޅު ނޫން ކަމަށް ބުނެ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފްލެޓު ލިބޭ 4000 މީހުންގެ ލިސްޓު އާންމުކުރުން އަންނަ މަހަށް ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލެޓު ލިސްޓު އަލުން ރީއިވެލުއޭޓު ކުރުމަށް ވަގުތު ބޭނުން ވާތީ ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރުން އަންނަ މަހުގެ ދެވަނަ ހަފުތާއަށް ލަސްކޮށްފައިވާ ކަމަށެވެ. ލިސްޓު ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓަރީން ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލެވުނު "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވައިލި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ" އިން ވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދާއިމީ ލިސްޓު އެކުލަވައިލާފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނާތީ، މި ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓް ކުރުމުގެ މަސައްކަތް މި މިނިސްޓަރީން ވަނީ ފަށައިފަ އެވެ." ހައުސިން މިނިސްޓްރީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުން ލަސްކޮށްފައި މި ވަނީ އެއްވެސް ދައްޗެއް ކުރިމަތި ނުވާނަމަ މި ހަފުތާ ނިމުމުގެ ކުރިން ފުލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

މިދިޔަ ޖުލައި 29، ގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން އިންޑިއާގެ އެހީތެރިކަމާއެކު ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި މި މަހުގެ ހަތް ވަނަ ދުވަހު އެ ގައުމުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސަރުކާރާ އެ ތަންތަން ހަވާލުކޮށްފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހަޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.

އޭގެ ފަހުން އޭސީސީން ހިންގި ތަހުގީގަށް ފަހު މިދިޔަ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ފެބްރުއަރީ 5، ގައި އެ ކޮމިޝަނުން އިއުލާނުކުރި އެވެ.

އޭސީސީން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް 19.7 ޕަސެންޓު ފޯމުގެ މައްސަލަ ހުރި ކަމަށް އޭސީސީން ބުންޏެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް ކަމަށާއި އެއީ ޖުމުލަ ފޯމުތަކުގެ 70 ޕަސެންޓު ކަމަށް އޭސީސީން އެ ދުވަހު ބުންޏެވެ.