5 އޮކްޓޯބަރު 2024 - 16:26 1
ލީވާން އަލީ ނާސިރު
ޗަމްޕާ ހުސެއިން އަފީފް: ވީއައިއޭގެ މަސައްކަތް ނިމޭއިރު ހިދުމަތް ދޭން ތައްޔާރު ނުވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
5 އޮކްޓޯބަރު 2024 - 16:26 1
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމޭއިރު އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ތައްޔާރުވަމުން ނުދާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވައިސް ޗެއާމަން ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި އަފީފް ވިދާޅުވީ އެއާޕޯޓްގެ މަޝްރޫއު ނިމުމުން އަހަރަކު ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭއިރު، އެ ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދޭން ވާން ޖެހޭ ތައްޔާރީތައް ވަމުން ނުދާ ކަމަށެވެ.
"އާ އެއާޕޯޓް ހުޅުވުނީމަ ހަތް މިލިއަން ޓޫރިސްޓުން އައިސް ދާންވާއިރަށް ކޮބައިތޯ އަޅުގަނޑުމެންގެ މަސައްކަތް ކުރާނެ މީހުން. އަޅުގަނޑަށް ނީވޭ އެމީހުންނަށް ތައްޔާރުވާން މަސައްކަތް ކުރާ ވާހަކައެއް. ހަމައެކަނި އެއާޕޯޓް ނިމުނީމަ އަޅުގަނޑުމެންގެ ޒިންމާ ނިމުނީއެއް ނޫން،" އަފީފް ވިދާޅުވި އެވެ.
އެއާޕޯޓް އާ ކުރެވުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރަނގަޅު ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް ވެސް ވަރުގަދަ ކުރަން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިތުރު ސީޕްލޭނާއި ބޯޓުތައް ވެސް ގެންނަން ޖެހޭ އަދަދު ބަލައި، އެއާޕޯޓް ނިމެންވާއިރަށް ވަރަށް ރަނގަޅަށް ވިސްނައި ތައްޔާރުވާން ޖެހޭ ކަމަށެވެ.
"އެކަހަލަ ކަންތައްތަކަށް ވަރަށް ވީކްހެން އަޅުގަނޑަށް ހީވަނީ. އެއީ ކަލްޗަރަލީ ކުރިން ފެެއްޓުނު ކަމެއް. ފުރަތަމަ ވެސް އެކަން ކުރިއިރު އަޅުގަނޑުމެން ނުވިސްނަން އެކަންތަކަށް. ހުއްޓާ މީހުން އައީ. އައިިމާ ބަދިގެއަށް ވަދެ ކައްކާފައި ކާންދިނީ. އެކަމަކު އެ ޒަމާން ހިނގައްޖެ މިހާރު،" އަފީފް ވިދާޅުވި އެވެ.
އޭގެ އިތުރުން އަފީފް ވިދާޅުވީ ރާއްޖޭގެ ޒުވާން ވިޔަފާރިވެރިން އޮތް ހިޔާލުތައް ހިފައިގެން ނިކުމެ، ސަރުކާރުން ކަމެއް ކޮށްދޭނެ ކަމަށް ނުބަލައި އަމިއްލައަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގަ އެވެ. ނަމަވެސް މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގައި ދިމާވި ދަތިތަކާއި ޓާމިނަލްގެ ޑިޒައިނަށް އައި ބަދަލާ ގުޅިގެން އެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފަ އެވެ.
ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.
Comment