Advertisement

މާލީ ތާށިކަމުގެ ތެރޭގައި އޮއްވާ، ހެލްތަށް އިތުރު ނައިބަކު އައްޔަނުކޮށްފި

30 އޮގަސްޓު 2024 - 12:01 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހެލްތުގެ ނައިބަކަށް އައްޔަނުކުރި ނަޒްލީން ނަޖީބު: މިހާރު ވެސް ހެލްތުގައި އެތައް ނައިބުންނެއް ތިބޭ -- ފޮޓޯ: ސޯޝަލް މީޑިއާ


މާލީ ތާށިކަމުގެ ތެރޭގައި އޮއްވާ، ހެލްތަށް އިތުރު ނައިބަކު އައްޔަނުކޮށްފި

30 އޮގަސްޓު 2024 - 12:01 2

މާލީ ތާށިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ހެލްތު މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނުކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ހެލްތުގެ ނައިބަކަށް އައްޔަނުކުރީ ނަޒްލީން ނަޖީބު، ފީރޯޒްގެ، ގއ. ވިލިނގިލި އެވެ. އޭނާ ނައިބަކަށް އައްޔަނު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ރައްޓެހިންނާއި އާއިލާ މީހުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ނަޒްލީންއަކީ ގއ. ވިލިނގިލީގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައީސް އެވެ. އޭނާ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޑޮލަރުގެ ތާށިކަން އިންތިހާއަށް އޮތް ދަނޑިވަޅުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުނުކޮށް، އަދިވެސް އިތުރަށް ސިޔާސީ މުވައްޒަފުން ނަގަމުންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާށެވެ. ނަމަވެސް އެ އަދަދު އެއަށް ވުރެ ބޮޑު ތަނުން ވަނީ އިތުރުވެފަ އެވެ.