ދިވެހި ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާއިން ޕެޓްރޯލް ބޯޓުތަކާއި މަތިންދާބޯޓެއް ދެނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ޑޮނަލްޑް ލޫ ބައްދަލުކުރައްވަނީ: އެމެރިކާއިން ވަނީ މިފަހުން ރާއްޖެއަށް ހާއްސަ ސަފީރެއް ފުރަތަމަ ފަހަރަށް އައްޔަނުކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ޑޮނަލްޑް ލޫ ބައްދަލުކުރައްވަނީ: އެމެރިކާއިން ވަނީ މިފަހުން ރާއްޖެއަށް ހާއްސަ ސަފީރެއް ފުރަތަމަ ފަހަރަށް އައްޔަނުކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ދިވެހި ސިފައިންނަށް އެހީތެރިވެދިނުމުގެ ގޮތުން ހަތަރު ޕެޓްރޯލް އުޅަނދު ދޭން އެއްބަސްވެ، މަތިންދާބޯޓެއް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފި އެވެ.

މިކަން ހާމަކުރެއްވީ އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލްޑު ލޫ އެވެ. އޭނާ ވަނީ މީގެ ދެ ހަފުތާ ކުރިން ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.

ބޯޓުތައް ދޭން ނިންމާފައިވާ ކަމަށް ލޫ ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި ހުކުރު ދުވަހު ބޭއްވު "އިންޑޯ-ޕެސިފިކް ސްޓްރެޓިޖިކް އިން އެކްޝަން: ކޮމެމޮރޭޓިން ދަ ސެކަންޑް އެނިވާސަރީ" ޕެނަލް ޑިސްކަޝަންގެ ތެރެއިންނެވެ.

Advertisement

އެމެރިކާ ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުންތަކެއް ބައިވެރިވި މި ޕެނަލް ޑިސްކަޝަންގައި ރާއްޖެ ހިމެނޭ ސަރަހައްދަށް ހާއްސަވާ ޑިޕްލޮމެޓު ލޫ ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ހީވެފައި އޮތް ނަމަވެސް ދިފާއީ ބޭނުންތަކަށް ބަލާއިރު، ރާއްޖެއަކީ ބޮޑު ގައުމެއް ކަމަށެވެ.

"ރާއްޖެއަކީ 1200 ރަށް އެކުލެވޭ ޖަޒީރާ ގައުމެއް. ސަރަހައްދީ ކަނޑުގެ ބޮޑުމިނުގައި 53000 އަކަކިލޯމީޓަރު ހުރޭ. މިއީ ގާތްގަނޑަކަށް ފަރަންސޭސްވިލާތާ އެއްވަރުގެ ސަރަހައްދެއް. އެއީ މާސިންގާ ގައުމެއް. އަހަރަމެން ހީކުރަނީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ނަމަވެސް ދިފާއީ ބޭނުންތަކަށް ވިސްނާއިރު އެއީ ބޮޑު ގައުމެއް،" ލޫ ވިދާޅުވި އެވެ.

މިހާ ބޮޑު ސަރަހައްދެއްގެ ސިޔާދަތު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ފަސޭހަ ނޫން ކަމެއް ނަމަވެސް ޓެކްނޮލޮޖީ އާއި ތަމްރީނާއި އާލާތްތަކުގެ ތެރެއިން މިކަން ކުރެވޭނެ ކަމަށް ލޫ ވިދާޅުވި އެވެ.

މި މަގުން އެމެރިކާއަށް ގިނަ އެހީތަކެެއް ވެދެވޭނެ ކަން ފާހަގަކުރައްވަމުން މިހާރު ވެސް ރިއަލް ޓައިމް ކޮމާޝަލް ސެޓެލައިޓް ޑޭޓާ ރާއްޖެއަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޕެޓްރޯލް ބޯޓާއި މަތިންދާބޯޓުގެ ވާހަކަ ވެސް ދެއްކެވީ މި ވާހަކައިގެ ތެރެއިންނެވެ.

"މިފަހުން އަހަރަމެން ވާނީ ރާއްޖޭގެ ނޭވީއަށް ހަތަރު ޕެޓްރޯލް ބޯޓޫ ދޭން ކޮމިޓުވެފައި. އެއާކްރާފްޓެއް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ވެސް އެބަކުރެވޭ. މިހުރިހާ އެއްޗެއްސާ އަދި އިތުރު އެއްޗެހި އެ ސަރަހަައްދު ރައްކާތެރިކުރަން [ރާއްޖެއަށް] ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ޕެނަލް ޑިސްކަޝަންގައި ލޫ މިކަން ހާމަކުރެއްވި ނަމަވެސް އެމެރިކާ ސަރުކާރުން ރާއްޖެެއަށް ޕެޓްރޯލް ބޯޓުތަކެއް ފޯރުކޮށްދޭން އެއްބަސްވެފައިވާ ކަމެއް ދިވެހި ސަރުކާރަކުން ހާމައެއް ނުކުރެ އެވެ. މިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ބޯޓުތަކާއި މަތިންދާބޯޓާ ގުޅޭ އެއްވެސް ވާހަކައެއް ހާމަނުކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހަަށް އިހުތިރާމުގެ ޒިޔާރަތެއް ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރި އާއި އިގުތިސޯދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް އަލި އަޅުއްވައިލެއްވި،" ރައީސް އޮފީހުން ޝާއިއުކުރި ހަބަރުގައި ލިޔެފައިވެ އެވެ.

އެމެރިކާ ސަރުކާރަކީ މިހާރު ވެސް ދިފާއީ ދާއިރާއިން، ހާއްސަކޮށް ސިފައިން ތަމްރީނުކުރުމުގައި، ގިނަ އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން އެމެރިކާ ސަފީރާ ބައްދަލުކުރައްވާ ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އޭގެ އިތުރުން މި އަހަރުގެ ކުރީކޮޅު އެ ގައުމުގެ އިންޑޯ-ޕެސިފިކް ކޮމާންޑުން ރާއްޖެއަށް ކުރި ދަތުރެއްގައި އެ ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ރައީސްއާ ބައްދަލުކުރައްވާ ސިޔާދަތު ބަލަހައްޓަން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. ހަމަ އެ ދަތުރުގެ ތެރެއިން އެމްއެންޑީއެފްއަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ.

ކަނޑުގެ ސަރަހައްދު ރައްކާތެރިކަން އިތުރުކުރަން ގައުމުތަކުން ލިބެމުންދާ އެހީތަކުގެ އިތުރުން ދިވެހި ސަރުކާރުން އަންނަނީ އެމްއެންޑީއެފްގެ ގާބިލިއްޔަތު އިތުރުކުރަން ޑްރޯނާއި އެހެން ޒަމާނީ އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox