ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާ ގުޅޭ މާއްދާތަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައިވާ ގޮތަށް މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ދާއިރާތައް ގުނާ ގޮތަށް އަމަލު ނުކުރުމަށް އެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
އެގޮތަށް ނިންމީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ ވޯޓާއެކު އެވެ. އެއްވެސް މެމްބަރަކު އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައި ނުވެ އެވެ.
މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ އަމުރަށް އަމަލު ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަން މިއަދު އެދިވަޑައިގަތީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެމްބަރުންނެވެ. އޭގެ ތެރެއިން ހަތް ބޭފުޅަކު ވަނީ މި ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް މެމްބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާ އެކު ޖުމުލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ދާއިރާތަކެއް ނުގުނާނެވެ. އެހެންކަމުން މަޖިލީހުގެ ޖުމުލަ އަދަދަކީ 80 ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން ވެސް އަޒުލު ކުރުމުގެ މަރުހަލާއާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައި އޮތް އިތުރު މާއްދާތަކެއް ވެސް މަޖިލީހުން އިސްލާހު ކުރި އެވެ.













