Advertisement

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ 8.5 ބިލިއަން ރުފިޔާ ދޭން އިންވެސްޓަރުންނަށް ހުޅުވާލައިފި

11 ޖަނަވަރީ 2024 - 16:57 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ދަރަނި ނަގާނީ ހެޔޮ އަގުގައި ލިބޭ ނަމަ ކަމަށް ވިދާޅުވެފައިވޭ -- ފޮޓޯ:ރައްޔިތުންގެ މަޖިލިސް


ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ 8.5 ބިލިއަން ރުފިޔާ ދޭން އިންވެސްޓަރުންނަށް ހުޅުވާލައިފި

11 ޖަނަވަރީ 2024 - 16:57 0

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވާ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާގެ ތެރެއިން 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) ދޭން ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުން ވަނީ ސަރުކާރުން އާންމުކޮށްފައިވާ ދަރަނި ނެގުމުގެ ޕްލޭނާ އެއްގޮތަށް ލޯނާއި ޓްރެޝަރީ ސެކިއުރިޓީގެ ގޮތުގައި ފައިސާ ދޭނެ ފާރާތްތަކުގެ ހުށަހެޅުންތަކަށް ހުޅުވާލާފަ އެވެ. މި ފައިސާ ހަރަދުކުރަނީ ސަރުކާރުން އިސްކަންދޭ ޕްރޮޖެކްޓުތަކަށެވެ.

ފިނޭންސުން ބުނި ގޮތުގައި މިގޮތަށް ހުޅުވާލުމުގެ އަނެއް ބޭނުމަކީ ހާމަކަން ބޯޑު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ދަރަނި ހޯދައި، ދަރަނީގެ ޕޯޓްފޯލިއޯގެ ޑައިވާސިޓީ އިތުރުކޮށް ގިނަ އިންވެސްޓަރުންތަކަށް ފުރުސަތު ދިނުމެވެ.

މިގޮތުން ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ފިނޭންސުން ބަލައިގަންނަނީ ބޭނުންވާ ވަގުތުގައި އެންމެ ހެޔޮ އަގުގައި ލިބޭ ހުށަހެޅުންތައް ކަމަށް ބުނެފައި ވެ އެވެ. އަދި މުޅި އަހަރުގެ ތެރޭގައި މިގޮތަށް އަންނަ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުމާ އެއްގޮތަށް ފައިސާ ނަގަން ނިންމާނަމަ އިއުލާންކުރަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި އާއި ދަރަނި ނަގާނެ ގޮތުގެ ޕްލޭންގައި ފާހަގަކޮށްފައި ވެ އެވެ.

މި އަހަރުގެ ބަޖެޓު ހަރަދުތައް ހަމަޖައްސަން 16.3 ބިލިއަން ރުފިޔާ ބޭނުން ވެ އެވެ. އެއީ އާމްދަނީގެ ޑެފިސިޓް ފޫބެއްދުމަށް ބޭނުންވާ 8.8 ބިލިއަން ރުފިޔާ އާއި ދަރަނީގެ އިންޓްރެސްޓް އަދާކުރަން ހަރަދުވާ 5.2 ބިލިއަން ރުފިޔާ އާއި ޕްރިންސިޕަލް އަދާކުރަން ހަރަދުވާ 2.2 ބިލިއަން ރުފިޔާ އެވެ.

ފިނޭންސުން އާންމުކޮށްފައިވާ މި އަހަރުގެ "އެނުއަލް ބޮރޮއިން ޕްލޭން" ގައިވާ ގޮތުގައި، މި ފައިސާގެ ތެރެއިން އެތެރޭގެ ބާޒާރުން ހޯދަނީ 3.9 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން، ސަރުކާރުތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް، ހޯދަނީ 12.3 ބިލިއަން ރުފިޔާ އެވެ.

މިހާރު ހޯދަން އިއުލާންކޮށްފައިވާ 8.5 ބިލިއަން ރުފިޔާއަކީ ބަޖެޓު ހަރަދުތައް ފޫބައްދަން ބޭނުންވާ ފައިސާގެ 68 ޕަސަންޓެވެ.