Advertisement

ބަހާއި ޘަޤާފަތަށް ޝަރީހާންގެ އަގުނުކުރެވޭ ފަދަ ޚިދުމަތެއް

1 ޑިސެންބަރު 2023 - 09:33 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

"ތަކެތި" ގެ މަސްއޫލުވެރިޔާ އާމިނަތު ޝަރީހާން އިބްރާހީމް


ބަހާއި ޘަޤާފަތަށް ޝަރީހާންގެ އަގުނުކުރެވޭ ފަދަ ޚިދުމަތެއް

1 ޑިސެންބަރު 2023 - 09:33 2

އަބަދުވެސް ބުނާތީ އަޑުއިވެ އެވެ. މިހާރުގެ ޒުވާނުންނަކީ ބަހާއި ދުރު، ޘަޤާފަތާ ބީރައްޓެހި ބައެކެވެ. މުޖުތަމަޢުގެ ނަޒަރުގައި ބަހަށް ޚިދުމަތްކުރާކަމަށް ވަނީ، މޮޅަށް ޅެމެއް ހަދަން ނުވަތަ ކުށް ނުލައި މަޒުމޫނެއް ލިޔަން ދަންނަ މީހަކަށް ވިއްޔާއެވެ. ބަހޭ، އަދަބޭ، ޤަވާއިދޭ ކިޔައިގެން، އަހަރެން މި ތަޅުވާހެން ކޮންމެވެސް އަނގައެއް ތެޅުވިއްޔާއެވެ. އެހެން ނަމަވެސް ޙަޤީޤީ ޚިދުމަތަކީ ބަހާއި ޘަޤާފަތަށް ލޯބިކުރާ ޖީލެއް އުފެއްދުމެއް ނޫން ހެއްޔެވެ؟ ތުއްތު ޢުމުރާއި ޒުވާންފުރައިގެ އާބާދީ ބަހަށް ދޯޅުވާނޭ ވަޞީލަތްތަކެއް އުފެއްދުން ނޫން ހެއްޔެވެ.

މީ އަހަރެންގެ އެކަނި ޚިޔާލެއް ނޫނެވެ. ބަހާއި ޘަޤާފަތާ ބެހޭ ދިރާސާތައް ކުރައްވާފައިވާ ދިރާސާވެރިންވެސް މިކަމާ އިއްތިފާޤުވެއެވެ. ބަހެއް ދަސްކޮށްދޭން އުޅޭއިރު އަހަރެމެންގެ ދަރިވަރުންނަށް ޢާއްމުކޮށް މި އިރުޝާދު ދެނީ ފޮތް ކިޔުމަށެވެ. އިހުގެ ޘަޤާފަތްތަކާ ބެހޭ ގޮތުން ލިޔެފައި ހުންނަ މަޒުމޫނުތައް ދަސްކުރުމަށެވެ. އެހެން ނަމަވެސް، އެއީ އެ ދަރިވަރު އަމިއްލައަށް ގަސްދުކޮށްގެން، އޭނާ އެގޮތަށް ކަނޑައަޅައިގެން ކުރަން ނިންމާ ކަމެކެވެ. ޙަޤީޤަތުގައި މި ވަރަކުން ނުފުދެއެވެ. ބަހާއި ޘަޤާފަތަށް އަހުލުވެރިވެ، އެކަންކަމަށް ޝަޢުޤުވެރިކަން އުފެއްދުމަށް، އިންޑިރެކްޓް މޯޓިވޭޝަންގެ ގޮތުގައި، ނުވަތަ ނުސީދާ ގޮތުން ހިތްވަރުދިނުމަށް ކުރެވޭނޭ އެތައް ކަމެއް އެބަހުއްޓެވެ.

ފަހަކަށް އައިސް، ދިވެހި ބަސް އުގެނުމަށް، ނުވަތަ ބަހަށް ޝައުޤުވެރިކަން އުފެއްދުމަށް އިންޑިރެކްޓް މޯޓިވޭޝަން ފޯރުކޮށްދިން އެންމެ މުހިއްމު ބައެއް އުފެއްދުންތަކުގެ މޭސްތިރިއަކީ، "ތަކެތި" ގެ މަސްއޫލުވެރިޔާ އާމިނަތު ޝަރީހާން އިބްރާހީމެވެ. 'ތަކެތީ'ގެ ތަކެއްޗަކީ ބަހާއި ޘަޤާފަތް ދަސްކުރަން ނުސީދާ ގޮތެއްގައި ހިތްވަރު ދޭނޭ ގޮތުގެ ނަމޫނާ އެކޭ މި ބުނަނީ، ހަމަ ހޮއި ޚުޝާމަދެއް ކޮށްލުމުގެ ބޭނުމުގައެއް ނޫނެވެ. ތަކެތީގެ އުފެއްދުމެއްކަމަށްވާ "ހެދުން ވެދުން" މިސާލަކަށް ނަގަމާ ހެއްޔެވެ. މި އުފެއްދުން ބިނާކޮށްފައި މިވަނީ، މިއަދުގެ ބޮޑެތި މީހުން ކުޑައިރު ކުޅުނު "ޕޭޕަރ ޑޯލްސް"ގެ މައްޗަށެވެ. އެހެން ނަމަވެސް މި ކުޅިވަރު ފަރުމާކޮށްފައި ވަނީ ދިވެހިވަންތަ، ޘަޤާފީ ސިފަތައް އޭގައި އެކުލަވައިގެންނެވެ. ބޮޑެތި މީހުންނާއި ކުޑަކުދިން ހެދުން އަޅައި އުޅޭ ގޮތާއި، އެކި ބާވަތުގެ ހެދުމަށް ކިޔާ ނަމުގެ އިތުރުން، ދިވެހި މާހައުލުން ފެންނަ ބައެއް ދިރޭ ތަކެއްޗާއި، ދިރުން ނުހުންނަ ތަކެތީގެ ނަމާއެކު ހިމަނާފައިވުމުން، ކުޅެމުން ދާއިރު، ނުސީދާ ގޮތެއްގައި ނަމަވެސް، އެ މާހައުލާއި، އެ ނަންތަކާ ކުދިން އަދި ކުދިންނާއެކު ކުޅެންއުޅޭ ބޮޑެތި މީހުންވެސް އަހުލުވެރިކުރުވައެވެ.


އެހެން މިސާލެކެވެ. އަހަރެންގެ ދަރިފުޅަށް "ވަސް ބަލަނީ ކީއްވެ؟" ބުކްޝޮޕްގެ ޝެލްފުން ފެނުމާއެކު އެ ފޮތް ނަގައިގެން ކިޔަން ފެށިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފޮތުގެ ނަމާއި، ފޮތުގެ ބަނޑޭރިގަނޑުގައިވާ ކުރެހުމާ އެކުގައި ފެނުމުން، ބޮޑެތި މީހުންގެ ޝައުޤުވެރިކަން ވެސް އަތުލައެވެ. ދިވެހި ބަހުގައި ހުންނަ، އެއް ލަފުޒަކުން ގިނަ މާނަ ދޭހަވާ ލަފުޒުތަކަށް މި ފޮތަށް ވުރެ ވަކިން ރަނގަޅު ތަޢާރަފެއް ނެތެވެ. ޤަވާއިދު ފޮތެއްގައި މިސާލާއެކު މި ފަދަ ލަފުޒުތައް ލިސްޓުކޮށްދިނުމަށްވުރެ، މި ފަދަ ގޮތަކަށް ހުށަހަޅައިދިނުމުން ކުޑަކުދިންގެ ސަމާލުކަން އެއަށް މާބޮޑަށް ލިބެއެވެ. މި ފެންނަނީ، ކުރިން ބުނި ފަދަ އިންޑިރެކްޓް މޯޓިވޭޝަނެވެ. ޚުދު އަހަރެންގެ ދަރިފުޅުވެސް އެފޮތް ކިޔައި ނިންމާލާފައި، އެފަދަ އިތުރު މިސާލުތަކާމެދު ވިސްނައި، އަހަންނާއެކު މަޝްވަރާކުރިއެވެ.


ވިޜުއަލް ކޮމިއުނިކޭޝަނުން މަތީ ތަޢުލީމު ޙާޞިލްކޮށްގެން ހުރި ޝަރީހާނަކީ އަބަދުވެސް ދިވެހި ޘަޤާފަތަށާއި ފޯކްލޯ ވާހަކަތަކަށް ލޯބިކުރާ މީހެކެވެ. "ތަކެތި"ގެ ޚިޔާލު އުފަންވީ ގޮތް އަހަންނާ ހިއްސާކުރަމުން ޝަރީހާން ކިޔައިދިނެވެ.

"ކޮއްކޮމެންނާ އެކީ އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރެއިން ފާހަގަވީ މި ވާހަކަތައް (ދިވެހި ފޯކްލޯ) ނެތި ގެއްލިދާކަން. ފުރަތަމަ ބޭނުންވީ ކުދިންނަށް ކަމުދާ ގޮތަކަށް ކުރަހާފަ އިނގިރޭސި ފޮތްތަކެކޭ އެއްފަދަ ފެންވަރެއްގައި ފޯކްލޯ ވާހަކަ ލިޔަން. ދެން ހިތަށް އެރީ މަށަށްވެސް އަސްލު ފޮތެއް ލިޔާ ވަރަކަށް ދިވެއްސެއް ނޭނގޭޔޭ. ޑިޒައިން ބެކްގްރައުންޑަކުން ވީމާ މިކަމާމެދު ވިސްނުނީ ވަރަށް ވިޜުއަލް ގޮތަކަށް ކަންނޭނގެ. ހިތަށް އެރީ ރަނގަޅު ދިވެހި ކޮންޓެންޓް ހުއްޓަސް، ފޮތްތައް ހުރީ އިނގިރޭސި ފޮތްތަކާ އަޅައިކިޔޭ ފެންވަރެއްގަ ޗާޕުކުރެވިފައެއް ނޫނޭ. އެންމެ ތުއްތު ކުދިން ދިވެހި ބަހަށް އަހުލުވެރިކުރަން ބޯޑްބުކްސް އެއްވެސް ނެތް. އެހެންވެ ހިތަށް އެރީ އަމިއްލައަށް ވެސް ފަށާނީ ހަމަ "ބޭސިކްސް" އިންނޭ. އަމިއްލައަށް ވެސް ދަސްކުރަން އެބަ ޖެހެޔޭ. އެހެންވެ ފުރަތަމަ ހެދީ "123 ގުނަމާ" އަދި "ހށ ދަސްކުރަމާ" ބޯޑް ބުކްސް. ދެން ބެލީ މާލެއިން ޕަބްލިޝަރއެއް ލިބޭތޯ. އެކަމަކު އެހެން ލިޔުންތެރިންނާ ކުޑަކޮށް ވާހަކަ ދައްކާލީމާ އެނގުނީ އެހާ ރަނގަޅު އޮޕްޝަންތަކެއް ނެތްކަން. ދެން ބެލީ މާލެއިން ޗާޕުކުރެވޭތޯ. އެކަމަކު ލިބުނު ކޯޓޭޝަންތައް ވީ މިހާރު ފޮތް ވިއްކާ އަގަށް. އެހެންވީމާ ވިޔަފާރިއެއް ފަށަން މަޖުބޫރުވީ."

މަޖުބޫރީއަކުން ކަމުގައިވިޔަސް ޝަރީހާން މި ފެށި މަސައްކަތް މިއަދު ގުނާލެވެނީ ދިވެހި ބަހަށް ކޮށްދޭ މުހިއްމު ޚިދުމަތެއްގެ ގޮތުގައެވެ. ފޮތްތަކަކުން ފެށި ނަމަވެސް، "ތަކެތި" މި ނަން، އޭނާގެ ވިޔަފާރިއަށް ކިޔަން ނިންމީ، ފޮތް ނޫން ތަކެތި ވެސް އުފެއްދުމުގެ ވިސްނުން އޭރުއްސުރެވެސް ޝަރީހާން ގެންގުޅުނީތީއެވެ. ހުއްޖަތަކީ ކޮބައިތޯއެވެ. ބަހަވީ ޢިލްމުވެރިންވެސް އެ ދައްކާ ހުއްޖަތެވެ.

"ވަރަށް ޤަބޫލުކުރެވޭ ދިވެހި ބަހަކީ ހަމައެކަނި ފޮތަކުން، ނޫނީ ފިލާވަޅަކުން ދަސްކުރަންޖެހޭ އެއްޗެއް ނޫން ކަމަށް. ކުދިންގެ ޢާއްމު މާހައުލުންވެސް ދިވެހި ބަހަށް އަހުލުވެރިވާ ކަހަލަ އެކި އެއްޗިހި ފެންނަން ޖެހޭ."

'ތަކެތި'ން ދިވެހި ބަސް "މެއިންސްޓްރީމް"ކޮށްދެނީ ހަމައެކަނި ކުޑަކުދިންނަކަށް ނޫނެވެ. ތިޔައިގެ ތެރެއިން ކިތަށް މީހުންގެ އަތުގައި، "1# މަންމަ" އަދި "1# ބައްޕަ" ޖަހާފައި އޮންނަ ފޫ އޮވޭ ހެއްޔެވެ؟ ޒުވާން ކުދިންގެ ދަބަސްތަކާއި، ތަޅުދަނޑިލާ އެއްޗިހިން، "ނިދަންމިޔަރު"، "ގަހުވަ" ޕިން ނުފެނޭ ހެއްޔެވެ؟ ދެލޯބިވެރިންގެ އަތުގައި "އޭނަ" އަދި "މީނަ" ޕިން ނޯވޭ ހެއްޔެވެ؟ ޓީޗަރުންގެ އަތުގައި "މޫދު ސްޓިކަރ" ސެޓެއް އޮތުން ލާޒިމެވެ. ހުކުރު ދުވަހު އަތިރިމައްޗަށް ދާއިރު "ށ ކޮތަޅު" ނުފެނުން ވާނީ ނާދިރު ކަމަކަށެވެ. ވިހައިގެން އުޅޭ ރައްޓެއްސަކަށް ހަދިޔާ ބޮނޑި ތައްޔާރުކުރާއިރު "ތާނަ ކޮޑި" ނުހިމަނާ ފުރިހަމައެއް ނުވެއެވެ.


މިއިން ކޮންމެ އުފެއްދުމެއް އަމާޒުކޮށްފައިވަނީ ތަފާތު ޢުމުރުފުރާތަކުގެ މީހުންނަށެވެ. އެހެންކަމުން، ގާތްގަނޑަކަށް މުޅި މުޖުތަމަޢު އެކުލެވޭފަދަ ގޮތަކަށް، "ތަކެތި"ގެ އުފެއްދުންތަކުން ދިވެހިބަސް "ކޫލް"ކޮށްދީފިއެވެ. ޝަރީހާންގެ މި މަސައްކަތަކީ ލުއި މަސައްކަތެއް ނޫނެވެ. މަސައްކަތުގައި ބޭނުންވާ ފަންނީ ލަފާ ހޯދައި، އެ އިރެއްގައި އެ އުފައްދާ އުފެއްދުމަކަށް ބާޒާރު އޮތް މިންވަރު ދިރާސާކޮށް، ފަންނުވެރިންނާ ބައިވެރިވެގެން މަސައްކަތްކުރުމަކީ ޝަރީހާންގެ މަސައްކަތުގެ ވައްޓަފާޅިއެވެ.

"ތަކެތީގެ ގިނަ އުފެއްދުންތަކަކީ މިހާރު އެކި ކުރެހުންތެރިންނާއި ލިޔުންތެރިންނާ އެކު ހެދޭ އެއްޗެތި. އަދި އަމުދުން ވާހަކަ ފޮތެއްވިއްޔާ އެޑިޓަރެއްވެސް ކޮންޓްރެކްޓްކޮށްގެން ފޮތުގެ މަސައްކަތް ކުރިއަށްގެންދަނީ، ވަރަށް ބޮޑަށް ޤަބޫލުކުރެވޭ އެކަނި މަސައްކަތްކުރުމުގެ ބަދަލުގައި ޓީމެއް އެކުލެވިގެން މަސައްކަތްކުރީމާ ނެރެވޭ ނަތީޖާ މާ މޮޅުވާނެކަމަށް. ފުރަތަމަ ޑްރާފްޓް ނިމުނީމާ ފީޑްބެކް ހޯދަންއެކި ފަރާތްތަކަށް ދައްކަން. އަދި އެ ފީޑްބެކަށް ބިނާކޮށް ބަދަލުކޮށްގެން ޗާޕުކުރަނީ. އެބަހުރި އެއްބައި އުފެއްދުންތައް ނެރުނު ފަހުން ޓީޗަރުންނާއި ބެލެނިވެރިންގެ ކިބައިން ލިބުނު ފީޑްބެކްގެ ސަބަބުން ދެވަނަ އެޑިޝަންވެސް ނެރެފައި. ބޮޑަށް ބަލަނީ ހަމަ ކުދިންނަށާއި ބޮޑެތި މީހުންނަށް ދިވެހި ބަހަކީ "ފަން" ބަހެއްކަމަށް ޤަބޫލުކުރެވޭ އުފެއްދުންތަކެއް ނެރެވޭތޯ"، ޝަރީހާން ކިޔައިދިނެވެ.

މި މަސައްކަތަށް "ބަހަވީ ކޮމިއުނިޓީ"ގެ ފަރާތުން އިޖާބަލިބުނީ ކޮން ގޮތަކަށްތޯވެސް އަހަރެން އަހާލީމެވެ. ޝަރީހާންގެ ޝުކުރާއި ތަޢުރީފް ބަންޑުންކޮށްލީ، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދަށެވެ. "ތަކެތި ފަށައިގެން އައިއިރުވެސް އެންމެ ބޮޑު ސަޕޯޓަކަށްވީ ބިންމާ އިބްރާހިމް ވަހީދު. ގާތްގަނޑަކަށް ތަކެތީގެ ހުރިހާ ފޮތެއްގެ ކުށް ފިލުވާ (އަދި އޭގެ ތެރެއިން މަށަށް ދިވެހި ދެތިން ފިލާވަޅު ނަގައިދީ) އެން.ބީ.ސީގެ ދަށުން ފާސްކޮށްދިން އެކަކު އެއީ. އެހެންވީމަ އެހާ ބޮޑަށް ދިވެހި ބަހަށް ޚިދުމަތްކޮށްދީފައިވާ ބޭފުޅެއްގެ ހިތްވަރު ލިބޭތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން. ބިންމާ އިބްރާހިމް ވަހީދަކީ ދިވެހި ބަހުގެ "ލެޖެންޑެކޭ" ބުންޏަސް ގޯހެއް ނުވާނެ ދޯ؟"

މި ފަދަ ބުރަ މަސައްކަތެއް ޝަރީހާން ފެއްޓީ އެތައް ހުރަސްތަކެއް ގިރާކޮށް، އެތައް ގޮންޖެހުންތަކަކުން އަރައިގަނެގެންނެވެ. އަހަރެންގެ އޮތީ އެންމެ ސުވާލެކެވެ. ދިވެހި ބަހާއި ޘަޤާފަތަށް ޚިދުމަތްކޮށްގެން ވިޔަފާރިން ނަފާ ނެރެވޭހެއްޔެވެ. ޝަރީހާން ހަނދާން އާކުރަމުން ކިޔައިދިނެވެ.

"ފަށައިގަނެގެން މާ ގިނަ ދުވަސް ނުވަނީސް ތަނެއް ކުއްޔަށް ނަގަން ޖެހުނު. ތަކެތި ވަރަށް ގިނަ ދުވަހު ހިންގީ އަމިއްލައަށް ވިއްކޭ އެއްޗަކުން ރޯޔަލްޓީޒް ފިޔަވައި އެހެން އެއްވެސް ފައިސާއެއް ނުނަގާ. އަމިއްލަ ޚަރަދުތައް ދެކޮޅުޖެއްސީ ފްރީލޭންސްކޮށްގެން. އެކަމަކު ބައެއް މަސްމަހު މުސާރައިންވެސް ވިޔަފާރީގެ ކުލި ދައްކަންޖެހުނު. ދެން އޮތް ގޮތަކަށްވީ އިތުރަށް އަގު ބޮޑުކުރުން. އެކަމަކު އެހެން ހަދާކަށް ބޭނުމެއްނުވި. ބޮޑަށް ފޯކަސްކުރީ ހަމަ ޕްރޮޑަކްޓް ކެޓަލޮގް ފުޅާކޮށް، އޯވަހެޑް ކަވަރު ކުރެވޭނެކަހަލަ އިތުރު ޕްރޮޑަކްޓްތައް ނެރުމަށް. މިހާރު އަލްޙަމްދުﷲ އޭރާ ވަރަށް ތަފާތު. ގާތްގަނޑަކަށް ހުރިހާ ބުކްޝޮޕެއްގައިވެސް ސްޓޮކް ކުރެވިފައި. އެހެންވީމާ ހަމަ ރަނގަޅު އާމްދަނީއެއް ލިބޭ. މިހާރު ފުލްޓައިމްކޮށް ކުރަނީ ހަމައެކަނި ތަކެތީގެ މަސައްކަތް." އިތުރަށް ތަފްޞީލުކޮށްދެމުން ޝަރީހާން ކިޔައިދިނެވެ.


"މިހާރު ބުނެވޭނެ މި މަސައްކަތުގެ އިކޮނޮމީއެއް އުފެދިއްޖެޔޭ. އެކަމަކު އިތުރަށް މި ފުޅާވެ ފުރިހަމަ ވާންޖެހޭ. ހަމައެކަނި "ތަކެތި' ކުރާ މަސައްކަތްތަކަކުން ނޫން. މި ފީލްޑަށް ނިކުންނަ އެންމެނަށްވެސް މިކަމަކި މަންފާ ލިބޭ ކަމަކަށް ވާންޖެހޭ. އަދި ޘަޤާފަތާ ގުޅޭ އެހެން މަސައްކަތްކުރާ އެހެން މީހުންނަށްވެސް މި ކަންކަމުން ވިޔަފާރިއެއް ނުވާނަމަ، ހިތަށް އަރާ ވަރަށް އަވަހަށް އެ ހުރިހާ ކަމެއް ނެތިގެން ހިނގައިދާނެޔޭ. ތުނޑުކުނާ ވިޔާ ދައްތައަކާ ވަރަށް ފަހުން ވާހަކަދެއްކީމަވެސް ދެއްކީ ހަމަ މިވާހަކަ. ބުނީ ވިޔަން ބޭނުމޭ. އެކަމަކު ވިޔެގެން ލާރި ލިބޭކަށް ނެތޭ. ދަސްކޮށްދޭން ވެސް ބޭނުމޭ. އެކަމަކު ރަށުގެ ކުދިން ޝައުޤުވެރިއެއް ނުވެޔޭ." ޝަރީހާން ބުނީ، "އޮތެންޓިކް މޯލްޑިވްސް" ތަޢާރަފުކުރި ފަހުންވެސް ދިވެހި ޘަޤާފަތާ އާދަކާދަތަކާ ގުޅޭ އެކި އުފެއްދުންތައް ބާޒާރަށް ނެރޭތަން ފެންނަން ފަށައިފިކަމަށެވެ. "ތަކެތި" ފެށިތާ ހަތް އަހަރަށްވުރެ އިތުރުވެފައިވާއިރު، މިއަދު، އެ ފެންވަރުގެ އެހެން ބްރޭންޑްތައްވެސް ފެންނަކަމަށް އޭނާ ބުންޏެވެ. ޝަރީހާންގެ ވިޔަފާރީގައި ކުރާ އުއްމީދެއް އެބައޮތެވެ.

" އެންމެ އުއްމީދުކުރަނީ މިހާރު އަމިއްލަ ފިހާރައެއް ހުޅުވަން. އޭރުން އަދި ތަފާތު އިތުރު ދިވެހި ޕްރޮޑަކްޓްތަކެއް ނެރުމުގެ ފުރުޞަތު ފުޅާވެގެންދާނެ އިންޝާﷲ."

ޝަރީހާން ދެކެނީ، އޭނާ މި މަސައްކަތް ފެށި އެންމެ މުހިއްމު އެއް މަޤްޞަދުކަމަށްވާ ދިވެހި ބަސްދެކެ ފޫހި ނުވެ، އެބަހަށް އަހުލުވެރިކުރުވުމުގެ މަޤްޞަދު، މަޑުމަޑުން ނަމަވެސް ހާސިލުކުރެވެމުންދާކަމަށް ޤަބޫލުކުރެވޭކަމަށެވެ. ދެން ޝަރީހާން ބޭނުންވަނީ، މި ދާއިރާއަށް އިތުރު މީހުން ނިކުތުމެވެ. އަދި މިކަމުގައި "ތަކެތި" އަދި ދިވެހި ކުޑަކުދިންގެ އުފެއްދުންތައް އުފައްދާ ޖަމާޢަތުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަންވެސް އޭނާ އެރުވިއެވެ.

ރަސްމީ މުވައްސަސާތަކުން ފަންނިއްޔާތުގެ ތެރެއިން ދިވެހި ބަހަށް ޚިދުމަތްކޮށްދޭ މީހުންނަށް އިތުރު ހިތްވަރާއި އެހީތެރިކަން ދިނުމަކީ ޝަރީހާންގެ އުއްމީދެކެވެ. މި އުއްމީދު އަހަރެންވެސް ހިއްސާކުރަމެވެ. ޝަރީހާން ކިޔައިދިނެވެ.

"މި އުފެދުނު އާ މިނިސްޓްރީގެ ދަށުން އުއްމީދުކުރެވޭ ބަހުގެ އެކެޑަމީގެ ހަރަކާތްތައް ފުޅާވެ، މި ނިކުންނަ އާ "ކޮންޓެންޓް ކްރިއޭޓަރސް" އާ އެކުގައި މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށް. އެއީ ފޮތްކަމުގައިވިޔަސް، އެޕް، ލަވަ، ޑްރާމާ ކަމުގައިވިޔަސް، ޓިކްޓޮކްގައި ދިވެހިބަސް ދަސްކޮށްދޭ ފަންނުވެރިން ކަމުގައިވިޔަސް. ދިވެހި ބަހުން ދެއްކޭ ކޮންމެ ފަންނެއް، އަދި ދިވެހި ކޮންމެ ފަންނުވެރިޔަކީ، ދިވެހި ބަހަށް މީހުން އަހުލުވެރިކުރުވުމަށް ވަރަށް މުހިއްމު ބައެއް,"


އަހަރެންވެސް އެއްބަހެވެ. ފަންތޮށީގައި ރައިވަރު ލިޔެދީގެނެއް މި ޒަމާނުގެ ކުޑަކުދިން ދިވެހި ބަހަކަށް އަހުލުވެރިއެއް ނުކުރެވޭނެއެވެ. މިއަދު އެކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި އުފެއްދޭނީ، އެކުދިން ދަންނަ އެކި ވަޞީލަތްތައް ބޭނުންކޮށްގެންނެވެ. އޮންލައިން ޕްލެޓްފޯމްތަކާއި، ކުދިންގެ ޢުމުރާއި ޒަމާނާ ގުޅޭ އުފެއްދުންތައް، ކްލާސްރޫމުން ބޭރުންވެސް ލިބެން ހުރެގެންނެވެ.

ކޮންމެ ދިވެހި ޒުވާނަކީ ދިވެހި "ކްލެސިކް" އަދަބިއްޔާތާއި ބަހަވީ ކަންކަމަށް ޚިދުމަތްކޮށްދޭ މީހަކަށް ނުވެދާނެއެވެ. މިއަދު ޒުވާނުން ބަހަށް ކުރާ ޚިދުމަތް މި ފުޅާކުރަނީ ޝަރީހާން ފަދަ މީހުން މި މަސައްކަތްކުރާ ބީދައިންނެވެ. ދިވެހި ޕްރޫފްރީޑިން އެޕްލިކޭޝަންތައް ހެދުމުގެ މަސައްކަތްތަކާއި، ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް އެކަށީގެންވާ ފޮތްފޮތާއި، ގޭމް ބޯޑުތަކާއި އެ ނޫންވެސް އެފަދަ އުފެއްދުންތައް ބާޒާރަށް ނެރެ، ޢާއްމުކޮށްގެންނެވެ. ބަހަވީ ޚިދުމަތަށް އިންޑިރެކްޓް މޯޓިވޭޝަން މުހިއްމުވާކަން ދެނެގެންނެވެ. މަންމައެއްގެ ހައިސިއްޔަތުން ޝަރީހާނަށް ޝުކުރިއްޔާއެވެ. ބަހަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ދޭނީ އައްސަރިބަހުން ސާބަހެވެ. ދިވެއްސެއްގެ ހައިސިއްޔަތުން، ތިފަދަ ޒުވާނުން މި ފަސްގަނޑަށް އުފަންވީތީ ފަޚުރުވެރިވަމެވެ.