މަޝްހޫރު ޕޮޕް ބޭންޑް "ޑުރަން ޑުރަން" ގެ ގިޓަރިސްޓް އެންޑީ ޓޭލާ، އުމުރުން 65 އަހަރުގައި މަރުވެއްޖެ އެވެ.
ޓައިންމައުތަށް އުފަން ޓޭލާ އަކީ އެ ބޭންޑުގެ އެންމެ މަގުބޫލު ލަވަތައް ކަމަށްވާ "ސޭވް އަ ޕްރޭޔާ"، "ރިއޯ" އަދި "ގާލްސް އޮން ފިލްމް" ފަދަ ލަވަތައް ކޯ-ރައިޓް ކުރި ފަންނާނެކެވެ. މީގެ އިތުރުން އޭނާ ވަނީ ރޮބަޓް ޕާމާ، ރޮޑް ސްޓެވާޓް އަދި ބެލިންޑާ ކާލައިލް ފަދަ މަޝްހޫރު ލަވަކިޔުންތެރިންނާއެކު ވެސް މަސައްކަތް ކޮށްފަ އެވެ.
އޭނާގެ ބޭންޑުގެ މެންބަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓޭލާ މަރުވީ "ޕްރޮސްޓޭޓް ކެންސަރާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ހިތްވަރާއެކު ކުރި ހަނގުރާމައަށް ފަހު" ކަމަށެވެ. އަދި ނޮވެމްބަރު 23 ވީ ހޯމަ ދުވަހު އޭނާ މަރުވީ ގޭގައި އާއިލާގެ ގާތުގައި ވަރަށް އަމާންކަމާއެކު އޮއްވައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އޭނާގެ އަންހެނުން ޓްރޭސީ ބުނި ގޮތުގައި އެ މިއުޒިކް ކުޅުންތެރިޔާއަކީ "އާއިލާގެ އެންމެ ވަރުގަދަ ތަނބު" ކަމަށާއި، ކޮންމެ ދުވަހަކު ވެސް އޭނާގެ ހަނދާންތައް އާވާނެ ކަމަށެވެ.
މަސްވެރިއެއްގެ ދަރިއެއް ކަމަށްވާ ޓޭލާ ވަނީ އަމިއްލައަށް ގިޓާ، ބޭސް ގިޓާ އަދި ޑްރަމް ކުޅެން ދަސްކޮށް، އުމުރުން އެންމެ 13 އަހަރުގައި ޕްރޮފެޝަނަލްކޮށް މިއުޒިކް ކުޅެން ފަށާފަ އެވެ.
އޭނާ އިނގިރޭސިވިލާތުގެ އެކި ބޭންޑުތަކާއެކު މަސައްކަތް ކުރުމަށް ފަހު، "ލައިވް-ވައިއާ ގިޓަރިސްޓަކު" ބޭނުންވެގެން މިއުޒިކް ނޫހެއްގައި ޖެހި އިއުލާނަކަށް ފެނި، 1980 ވަނަ އަހަރުގެ އެޕްރީލް މަހު ބާމިންހަމްގައި ބޭއްވި އޮޑިޝަނަކަށް ފަހު "ޑުރަން ޑުރަން" އާ ގުޅުނެވެ.
މި ބޭންޑަކީ 1980 ގެ އަހަރުތަކުގައި ދުނިޔޭގައި އުފެދުނު އެންމެ ބޮޑު އެއް ޕޮޕް ބޭންޑެވެ. އަދި އޭގެ ފަސް މެންބަރުންނަކީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދި ތަރިންނެވެ.
އެ ބޭންޑުގެ ހިތްގައިމު ރާގުތަކާއި ފެންވަރު ރަނގަޅު މިއުޒިކް ވީޑިއޯތަކަށް، އޭރު އަލަށް ފެށި އެމްޓީވީން ބޮޑު ތަރުހީބެއް ލިބުނެވެ. މީގެ ސަބަބުން އެމެރިކާގައި އެ ބޭންޑުގެ މަގުބޫލުކަން އިންތިހާއަށް އުފުލިގެންދިޔަ އެވެ.
އެންޑީ ޓޭލާ މަރުވިއިރު، އޭނާގެ އަންހެނުން ޓްރޭސީ ދުނިޔޭގައި އެބަހުއްޓެވެ. ހެއާސްޓައިލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ޓްރޭސީއާ އެންޑީއާ ދިމާވީ ބޭންޑުގެ ކުރީކޮޅުގައެވެ. އެ ދެމީހުން ކައިވެނީގެ ގޮތުން ގުޅުނީ 1982 ވަނަ އަހަރު އެވެ.
ޓްރޭސީ ނެރުނު ބަޔާނުގައި ބުނީ، މިއުޒިކީ ދާއިރާއިން އޭނާއަށް ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، އެންޑީ އަބަދުވެސް އެންމެ އިސްކަމެއް ދިނީ އާއިލާއަށް ކަމަށެވެ.







