އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 700،000 އަންހެނުންނަށް ދައުވަތު ދިނުމަށް ނިންމައިފި އެވެ.
މި ދިރާސާގައި އޭއައި ބޭނުންކުރާނީ މެމޯގްރާމްތައް ދިރާސާކުރުމަށެވެ. މީގެ މައިގަނޑު މަގްސަދަކީ ކެންސަރުގެ ކުރީކޮޅު ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ. އަދި ހަމައެއާއެކު، ބަލި ނެތް މީހުންނަށް ބަލި ހުރި ކަމަށް ނުބައިކޮށް ދެއްކުން މަދުކުރުމަކީ ވެސް މި ދިރާސާގެ އަމާޒެކެވެ.
"އީޑިތު"ގެ ނަމުން ނަންދީފައިވާ މި ދިރާސާގައި ބައިވެރިވާނެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ކޭމްބްރިޖް ޔުނިވާސިޓީ ހޮސްޕިޓަލްސްގައި ފަށާފަ އެވެ. މިއީ އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި މި ދިރާސާ ކުރިއަށްގެންދާ 30 މަރުކަޒުގެ ތެރެއިން ފުރަތަމަ މަރުކަޒެވެ.
އިނގިރޭސިވިލާތުގައި އުމުރުން 50 އަހަރާއި 71 އަހަރާ ދެމެދުގެ އަންހެނުންނަށް ކޮންމެ ތިން އަހަރަކުން އެއް ފަހަރު އާންމު އުސޫލުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ފުރުސަތު ދެއެވެ. އަދި ކޮންމެ އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ އަންހެނުން މި ސްކްރީނިންގް ހަދަ އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލަކީ، އުރަމަތީގެ ކޮންމެ އެކްސް-ރޭއެއް ނުވަތަ މެމޯގްރާމެއް އެންއެޗްއެސްގެ ދެ މާހިރުން ބަލައި ދިރާސާކުރުމެވެ. ނަމަވެސް މި ދިރާސާގެ ދަށުން، އެ ދެ މާހިރުންގެ ތެރެއިން އެކަކުގެ ބަދަލުގައި އޭއައި ބޭނުންކުރާނެ އެވެ.
މީގެ ކުރިން ހަދާފައިވާ ކުދި ދިރާސާތަކުން ދައްކާ ގޮތުގައި، އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މި ދިރާސާ ކުރިއަށްގެންދާ މާހިރުން ބުނާ ގޮތުގައި، ބަލި ނެތް އަންހެނުން އިތުރު ޓެސްޓުތަކަށް އަނބުރާ ގެނައުން ފަދަ ކަންކަން މަދުކުރަން ޖެހެ އެވެ.
އުރަމަތީގެ ކެންސަރަކީ އިނގިރޭސިވިލާތުގެ އަންހެނުންގެ މެދުގައި އެންމެ އާންމު ކެންސަރެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް 59،000 މީހުންނަށް މި ބަލި ޖެހޭކަން ދެނެގަނެވެ އެވެ.
މީގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް ބަލި ޖެހިފައިވާކަން އެނގެނީ އާންމުކޮށް ހަދާ މެމޯގްރާމްތަކުންނެވެ. ގިނަ ފަހަރަށް ބަލި ދެނެގަނެވެނީ ފަރުވާ ދޭން ފަސޭހަ، ބަލީގެ ކުރީކޮޅުގަ އެވެ.
އަންދާޒާކުރެވޭ ގޮތުގައި މި ސްކްރީނިންގް ޕްރޮގްރާމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 1،300 މީހުން މަރުވުމުން ސަލާމަތްކޮށްދެ އެވެ.
ކޭމްބްރިޖް ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް ރޭޑިއޮލޮޖީގެ ޕްރޮފެސަރު އަދި އެޑެންބްރޫކްސް ހޮސްޕިޓަލުގެ އޮނަރަރީ ކޮންސަލްޓަންޓް ފިއޯނާ ގިލްބާޓް ވިދާޅުވީ، ކޮންމެ އަހަރަކު އެތައް މިލިއަން އަންހެނުންނެއް މެމޯގްރާމް ހަދާއިރު، ކެންސަރު ހުންނަނީ އެކެއް އިންސައްތައަށް ވުރެ މަދު މީހުންގެ ކަމަށެވެ.
"ޓެކްނޮލޮޖީގެ އެހީގައި މި ފޮޓޯތައް ބެލުން އިތުރަށް ހަލުވިވެގެންދާނެ. މީގެ ސަބަބުން އުރަމަތީގެ ކެންސަރަށް ހާއްސަ ރޭޑިއޮލޮޖިސްޓުންނަށް، ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ގިނަ ވަގުތު ހޭދަކުރުމަށާއި، ބަލި އަވަހަށް ދެނެގަނެ ފަރުވާ އަވަސްކުރުމަށް ފުރުސަތު ލިބޭނެ،" ގިލްބާޓް ވިދާޅުވި އެވެ.







