އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްސަލަ ނިންމައިފި

Nov 26, 2026, 3:40 PM
ބްރެޑް ޕިޓް އަދި އެންޖެލީނާ ޖޯލީ.

ބްރެޑް ޕިޓް އަދި އެންޖެލީނާ ޖޯލީ.

ފްރާންސްގައި ހުންނަ ރާ އުފައްދާ މޭބިސްކަދުރު ދަނޑުން ހިއްސާ ވިއްކާލި މައްސަލައިގައި، ބްރެޑް ޕިޓާއި ޖޯލީއާ ދެމެދު ކުރިއަށްދިޔަ ގާނޫނީ ހަނގުރާމަ، އެއްބަސްވުމަކަށް އައިސް ނިންމާލައިފި އެވެ.

ހޮލީވުޑްގެ މި ދެ ތަރިންގެ މަންދޫބުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އާއިލާގެ އެންމެ މަސްލަހަތު ހުރި ގޮތަކީ ކޯޓުން ބޭރުގައި މި މައްސަލަ ހައްލުކުރުން ކަމަށް ފެންނާތީ، މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މިކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ.

މި ދެ ތަރިން ފްރާންސްގެ "ޝަޓޯ މިރަވަލް" ގެ މެޖޯރިޓީ ހިއްސާ ގަނެފައިވަނީ 2008 ވަނަ އަހަރު އެވެ. އަދި އޭގެ ހަ އަހަރު ފަހުން އެ މީހުން ކައިވެނީގެ ހަފުލާ ބޭއްވީ ވެސް އެ ތަނުގަ އެވެ.

އުމުރުން 62 އަހަރުގެ ޕިޓް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އުމުރުން 51 އަހަރުގެ ޖޯލީ އެ މީހުންގެ ދަނޑުން އޭނާއަށް އޮތް ހިއްސާ ރަޝިއާގެ މަހުޖަނަކަށް ވިއްކާލީ ޕިޓްގެ ހުއްދައާ ނުލައި ކަމަށެވެ. މީގެ ރައްދުގައި ޖޯލީ ކުރި ދައުވާގައި ބުނެފައިވަނީ، ފްލައިޓެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ހުރެ ޕިޓް އޭނާއަށާއި އެ މީހުންގެ ދަރިންނަށް ހަމަލާދީފައިވާ ކަމަށެވެ. ޖޯލީ 2016 ވަނަ އަހަރު ވަރިވާން ހުށަހެޅީ މި ހާދިސާއާ ގުޅިގެންނެވެ.

ބުދަ ދުވަހު އިއުލާންކުރި މި އެއްބަސްވުމާއެކު، ދެ ފަރާތުން އެކަކު އަނެކަކާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ގާނޫނީ ދައުވާތަކެއް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

ދެ ތަރިންގެ މަންދޫބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މީޑިއާ ރިޕޯޓުތަކުގައި "މަސްދަރުތަކާ" ހަވާލާދީ ދައްކާ އެއްވެސް ވާހަކައަކީ އެ ދެ މީހުންގެ ފަރާތުން ނުވަތަ އެ މީހުންނާ ގާތް އެއްވެސް މީހެއްގެ ފަރާތުން ދީފައިވާ މައުލޫމާތެއް ނޫން ކަމަށެވެ.

ޕިޓް ކުރިން ކުރި ދައުވާގައި ބުނެފައިވަނީ، ދެ މީހުންގެ މިލްކިއްޔާތުގައި އޮތް ދަނޑުގެ ހިއްސާ ޖޯލީ ވިއްކާލީ އޭނާއަށް "ގެއްލުން ދިނުމުގެ" ނިޔަތުގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން "ވިހަ ގުޅުންތަކާއި ނުބައި މަގުސަދުތަކެއް އޮތް ބީރައްޓެއްސަކާ" އެކު ވިޔަފާރި ބައިވެރިއަކަށް ވާން އޭނާއަށް މަޖުބޫރުވި ކަމަށް ޕިޓް ބުނެފައިވެ އެވެ.

"ފައިޓް ކްލަބް" ގެ ތަރި ބުނި ގޮތުގައި، އެ ދަނޑުގެ ހިއްސާ ވިއްކާލާ ނަމަ އެކަކު އަނެކެއްގެ ހުއްދަ ހޯދަން ޖޯލީއާއެކު ކުރިން އޮތީ އެއްބަސްވެފަ އެވެ.

ޕިޓަށް އެނގުމަކާ ނުލައި ޖޯލީ އޭނާގެ ހިއްސާ ވިއްކާލީ ލަގްޒެމްބާގްގެ ބުއިންތައް އުފައްދާ ކުންފުންޏަކަށެވެ. އެ ކުންފުންޏަކީ ރަޝިއާގެ މަހުޖަނެއް ކަމަށްވާ ޔޫރީ ޝެފްލާގެ ކޮންޓްރޯލް އޮންނަ ކުންފުންޏެކެވެ.

ޖޯލީގެ ފަރާތުން ހުށަހެޅި ރައްދު ދައުވާގައި ބުނެފައިވަނީ، 2016 ވަނަ އަހަރު ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރަނިކޮށް ޕިޓް އޭނާގެ ބޮލުގައި ހިފާ ތަޅައިގަނެ، އެ މީހުންގެ ދެ ދަރިންނަށް ހަމަލާދީފައިވާ ކަމަށެވެ.

ޖޯލީގެ ވަކީލުން ބުނި ގޮތުގައި، އެ ހާދިސާ ހިނގިއިރު އުމުރުން 8 އަހަރާއި 15 އަހަރާ ދެމެދުގެ ހަ ދަރިންނަށް ޖޯލީ "މާ ބޮޑަށް ދޫދޭ" ކަމަށް ބުނެ ޕިޓް ވަނީ ހަޅޭއްލަވައިފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގި ނަމަވެސް، ޕިޓްގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ. އަދި އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފަ އެވެ.

އަށް އަހަރު ދުވަހުގެ ގާނޫނީ ހަނގުރާމައަކަށް ފަހު، މި ދެ ތަރިން ވަރީގެ އެއްބަސްވުމަކަށް އައީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.

ނަމަވެސް، ރަޝިއާގެ މަހުޖަނުގެ މިލްކިއްޔާތުގައި އޮންނަ "ސްޓޯލީ ގްރޫޕް" އާއެކު ޕިޓް ކުރަމުންދާ ގާނޫނީ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕިޓާއި ޖޯލީ 2014 ވަނަ އަހަރު ކައިވެނިކުރިއިރު، އެ ދެ މީހުންނަކީ ހޮލީވުޑްގައި އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދެ ތަރިންނެވެ.

މި ދެ ތަރިން ފުރަތަމަ ބައްދަލުވީ 2005 ވަނަ އަހަރު ރިލީޒްކުރި "މިސްޓާ އެންޑް މިސިސް ސްމިތް" ފިލްމުގެ ސެޓުންނެވެ. އޭގެ ފަހުން މީޑިއާތަކުން އެ ދެ މީހުންނަށް ނިސްބަތްކޮށް ކިޔައި އުޅުނީ "ބްރެންޖެލީނާ" އެވެ.

މިއީ "ފްރެންޑްސް" ގެ ތަރި ޖެނިފާ އެނިސްޓަންއާ ވަކިވުމަށް ފަހު ޕިޓް ކުރި ދެވަނަ ކައިވެންޏެވެ.

ޖޯލީއަށް މިއީ ތިންވަނަ ކައިވެންޏެވެ. އޭނާ ކުރިން ވަނީ އެކްޓަރުން ކަމަށްވާ ބިލީ ބޮބް ތޯންޓަން އަދި ޖޯނީ ލީ މިލާއާ ކައިވެނިކޮށްފަ އެވެ.

ހޮލީވުޑްގެ މީޑިއާތަކުން ކޯޓު ލިޔެކިޔުންތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމީހުން ވަކިވި ފަހުން، ހަ ދަރިންގެ ތެރެއިން ހަތަރު ކުއްޖަކު ވަނީ އެ ކުދިންގެ ނަމުގެ ފަހަތަށް ކިޔާ "ޖޯލީ-ޕިޓް" ގެ ބަދަލުގައި ހަމައެކަނި "ޖޯލީ" އަށް ނަން ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox