އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ދަށުން ހިންގާ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) ގެ ދައުވަތަކަށް، އެ ގައުމުގެ އެކި ސިޓީތަކުގައި ލައިވް ޝޯތަކެއް ދިނުމަށް ރާއްޖޭގެ ޒުވާން މިއުޒިކް ބޭންޑް "ހީރަޕަންނާާ" ފުރުމަށް ހަމަޖެހިއްޖެ އެވެ.
މި ދަތުރުގައި "ހީރާޕަންނާ" ބޭންޑުން ލަކްނޯގެ ޓްރައިބަލް ފެސްޓިވަލާއި، ކަޓަކްގެ ބަލިޔާތުރާ އަދި ކަޗްގެ ރަން އުތުސަވުގައި ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޓުއާ ނިންމާލުމުގެ ގޮތުން އެންމެ ފަހު ޝޯ ދިނުމަށް ހަމަޖެހިފައިވަނީ ވެރިރަށް ނިއުދިއްލީގަ އެވެ.
މި ދަތުރަކީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާއެކު އިންތިޒާމުކުރެވިގެން ކުރިއަށްދާ ދަތުރެކެވެ. ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޭންޑު އިންޑިއާއަށް ފުރާނީ މާދަމާ އެވެ. ޝޯތައް ނިންމުމަށްފަހު އެ ބޭންޑް އެނބުރި ރާއްޖެ އައުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު ހަވަނަ ދުވަހު އެވެ.
މި ބައިނަލްއަގުވާމީ ޓުއާ ކުރިއަށްދަނީ އެ ބޭންޑަށް މުހިންމު ކާމިޔާބީއަކާ ވެސް ދިމާކޮށެވެ. އެގޮތުން ބޭންޑުގެ ފުރަތަމަ އީޕީ "ދުނިޔަވީ އުސޫލު" މި މަހުގެ ފަހުކޮޅު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
"އަސާސީ ކިލާސް" ޕްލެޓްފޯމުން މިއުޒިކް ސީނަށް ތައާރަފުވި"ހީރާޕަންނާ"އަކީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި ކުރިއަރަމުން އަންނަ ޒުވާން ފަންނާނުންގެ ތެރޭގައި ފާހަގަކޮށްލެވޭ ބޭންޑެކެވެ. މޯލްޑިވްސް އެކްސްޕޯ، ބީއެމްއެލް ކާނިވާ، ޔޫތު ހަބް، ދިރާގު ރޯޑް ރޭސް އަދި އަސާސީ ކިލާސް ފަދަ އެކި ހަރަކާތްތަކުގައި ޕާފޯމްކޮށް، ގިނަ ބައެއްގެ މަގުބޫލުކަން އެ ބޭންޑުން ވަނީ ހޯދާފަ އެވެ.
އިންޑިއާގެ ސްޓޭޖުތަކުގައި އެ ބޭންޑުން ހުށަހަޅައިދޭނީ ދިވެހި ސަގާފީ މިއުޒިކާއި ޒަމާނީ އަޑުތައް އެއްކޮށްލައިގެން، ރާއްޖޭގެ މިއުޒިކީ ތަފާތު ކުލަވަރުތައް ދައްކުވައިދޭ ހާއްސަ ހުށަހެޅުންތައް ކަމަށް ބޭންޑުން ބުނެ އެވެ. މި ދަތުރުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނެއްގައި ރާއްޖެ ތަމްސީލުކޮށް، އިންޑިއާގެ އެކި ސަރަހައްދުތަކުގެ ބެލުންތެރިންނާ ހަމައަށް ދިވެހި މިއުޒިކް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބޭނެ ކަމަށް ބޭންޑުން ބުނެ އެވެ.
މި ދަތުރަކީ ރިފްރެކްޝަން އިވެންޓްސް، ކޭ ކޮންސެޕްޓްސް އަދި މޯލްޑިވްސް އާޓް ކަލެކްޓިވްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ސަގާފީ އެކްސްޗޭންޖު ދަތުރެކެވެ.







