2 އޮކްޓޯބަރު 2023 - 21:34 0
މާޒިޔާ ކޮޅަށް ގޯލު ޖެހުމަށް ފަހު މޯހަން ބަގާން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މޯހަން ބަގާން
2 އޮކްޓޯބަރު 2023 - 21:34 0
އޭއެފްސީ ކަޕް ގްރޫޕް ޑީގައި މިރޭ ފަހު ވަގުުތު މޯހަން ބަގާން ސުޕަ ޖަޔަންޓުން ގޯލު ޖަހައި 2-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން މޮޅުވެއްޖެ އެވެ.
މިއީ މާޒިޔާގެ މައްޗަށް މޯހަން ބަގާން އިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. މި ދެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޯހަން ބަގާން ތިން މެޗުން މޮޅުވިއިރު، މާޒިޔާ ދެ މެޗު ކާމިޔާބުކުރި އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ މޯހަން ބަގާން އިންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި މޯހަން ބަގާން އަށް ކުޅޭ ސްކޮޓްލެންޑްގެ ފޯވާޑް، ޖޭސަން ކަމިންގްސް މި ގޯލު ޖެހީ އޭރިއާބޭރުންނެވެ. ކަމިންގްސް ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަތްކައިރިން ގޮހެވެ.
މޯހަން ބަގާން އަށް ލީޑު ހިފަަހައްޓައިލެވުނީ އަށް މިނިޓް އެވެ. މާޒިޔާ އަށް ކުޅޭ ޖަޕާންގެ މިޑްފީލްޑަރު، ޓޮމޯކީ ވާޑާ ވަނީ މޮޅު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި އޭރިއާބޭރުން ވާޑާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން މޯހަން ބަގާންގެ ކީޕަރު ވިޝާލް ކެއިތު އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މޯހަން ބަގާން ޓީމުގެ ކަމިންގްސް ބޯޅަ ފޮނުވާލަނީ: މި ފަހަރުގެ އޭއެފްސީ ކަޕްގައި ކަމިންގްސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން.--- ފޮޓޯ: މޯހަން ބަގާން/ ފޭސްބުކް
ނަތީޖާ ހަމަހަމަކޮށް މެޗުގެ ބޮޑުބައި އޮތްއިރު، މޯހަން ބަގާން އިން ފޮނުވާލި ރަނގަޅު ހަމަލާތަކެއް މާޒިޔާ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ. އެ ގޮތުން މޯހަން ބަގާންގެ ފޯވާޑް މަންވީރު ސިންގު އާއި ޑިމިޓްރީ ޕެޓްރާޓޯސް އަދި ލިސްޓަން ކޮލާސޯ އޭރިއާބޭރުން ފޮނުވާލި ޝޮޓްތައް ކީޕަރު ހުސެން ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ.
ކައުންޓަ އެޓޭކުގައި މާޒިޔާގެ ކެޕްޓަން ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އަދި އަލީ ފާސިރު (ސެންޓޭ) ހުސް ޖާގައިގެ ބޭނުންކޮށްގެން އެޓޭކްކުރެވޭތޯ ބެލި އެވެ. އޭގެތެރެއިން ބައެއް އެޓޭކްތައް ހުއްޓުވީ މޯހަން ބަގާންގެ ޑިފެންޑަރުން ފައުލުކޮށްގެންނެވެ.
ނަތީޖާ އެއްވަރުވެފައިވަނިކޮށް، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި މޯހަން ބަގާން އިން ވަނީ ގޯލެއް ޖަހައިފަ އެވެ. ބަދަލަކަށް ކުޅެން އަރައި ރަނގަޅު ކުޅުމެއް ދެއްކި ސަހާލް އަބްދުލް ސަމަދު ދިން ބޯޅައަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި، ކަމިންގްސް ވަނީ ތިރިތިރިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ވަނީ އަމިއްލަ ދަނޑުގައި އިންޑިއާގެ އޮޑީޝާ އަތުން 3-2 އިން މޮޅުވެފަ އެވެ. މިއީ ބަޝުންދަރާގެ އެެރީނާގައި ކުޅުނު އޭއެފްސީ ކަޕްގެ ފުރަތަމަ މެޗެވެ. ބަޝުންދަރާ ވަނީ ފުރަތަމަ މެޗުން މާޒިޔާ އަތުން 3-1 އިން ބަލިވެފަ އެވެ. އަދި އޮޑީޝާ އަތުން މޯހަން ބަގާން މޮޅުވީ 4-0 އިންނެވެ.
Comment