Advertisement

ބޯހިޔާވަހިކަން ދޫކުރުމުގެ ސިޔާސަތު އިންސާފުވެރިއެއް ނޫން

4 ޖުލައި 2023 - 11:10 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ސޯލިހު ބައްލައްވާލައްވަނީ: މާލެ ސަރަހައްދުން ގޯތި ދޫކުރަން މިހާރު ޖެހެނީ ފަޅު ހިއްކަން --- ފޮޓޯ: ރައީސް އޮފީސް


ބޯހިޔާވަހިކަން ދޫކުރުމުގެ ސިޔާސަތު އިންސާފުވެރިއެއް ނޫން

4 ޖުލައި 2023 - 11:10 4

އުމުރުން އެންމެ ފަސް އަހަރުގައި މި ފުރަމާލެއަށް ބަދަލުވީ މަޖުބޫރުވެގެންނެވެ. މި ނޫން ގޮތެއް ނެތިގެންނެވެ. އުނގެނެން ވެސް, ބޭސްކުރަން ވެސް, ވަޒީފާ ހޯދަން ވެސް އަދި އެ ނޫން ކޮންމެ ކަމެއް ކުރަން ޖެހުނު ކަމުގައި ވިޔަސް އަންނަން އޮތް ހަމައެކަނި ތަނަކީ ގާތްގަނޑަކަށް އަށް އަކަކިލޯމީޓަރުގެ މި މާލެ އެވެ.

ކުރަން ޖެހޭ ދަތުރުގެ އަގުބޮޑުވެފައި ބުރަ ބޮޑުވުމުން އާއިލާ ފެންނަނީ ހަމައެކަނި ސްކޫލް ޗުއްޓީގަ އެވެ. މި މާލެ އައިސް އަތްވާއި ވާރޭން ހިޔާވާން ވަންނަން ޖެހެނީ ބޮޑު ކުލި ދީފައި ކޮންމެވެސް މީހެއްގެ ގެޔަކަށެވެ. އެޑްވާންސަށް އެތައް ހާސް ރުފިޔާއެކެވެ. ބާކީ ބައި މަހު ކުއްޔަށެވެ. އެއީ, ބޮޑު އަދަދެއްކަން އިހުސާސް ކުރެވުނީ ވަޒީފާއަށް ނުކުމެ އަމިއްލައަށް ކުލި ދައްކަން ޖެހުނު ހިސާބުންނެވެ. މިއީ, ރާއްޖެތެރެއަށް ނިސްބަތްވާތީ ހަމައެކަނި އަހަރެން ކުރި ތަޖުރިބާއެއް ނޫނެވެ.

މިއީ, މާލެއަށް ހިޖުރަ ނުކުރިޔަސް މިތަނުގައި ދިރިއުޅެމުންދިޔަ މާލޭ ރަށްވެހި އެތައް ސަތޭކަ އާއިލާއެއްގެ ވެސް ތަޖުރިބާ އެވެ. މި މާލޭން ގޯތި ދޫނުކުރާތާ 36 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދެ ޖީލު ވަންނާނެ ފުރާޅެއް ނެތި ގޮސް މަގުމަތިވީ އެވެ. އެއާއެކު, ކުރިލައި އުފެދުނު އިޖުތިމާއީ މައްސަލަތަކުގެ އަޑީގައި އޮތީ މި ބުނާ ބޯހިޔާވަހިކަމުގެ ދަތިކަމެވެ.

މިކަމާ ދެބަސްވެވޭކަށް ނެތެވެ. މިއީ, މާ ހާލުގައި, މާ ދަތިކަމުގައި, މާ ތުރާލުގައި ދިރިއުޅުމުންދާ އެތައް ސަތޭކަ މާލޭ އާއިލާއަކަށް ތަސައްލީއެއް ނުލިބި އޮތް ކަމެކެވެ. އަމިއްލަ ފުރާޅެއްގެ ދަށުގައި ދިރިއުޅުން އާރާސްތުކޮށް, ބިނާ ކުރުމުގެ ފުރުސަތު އޮތީ ނުލިބި އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ސަރުކާރުތަކުން ދައްކަނީ ދެ ހައްލެކެވެ. އެއީ, ފްލެޓާއި, ގޯތި ދިނުމެވެ.

މި ސަރުކާރުން ވެސް ދެއްކީ އެ ހައްލުތަކެވެ. "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމެވެ. މާލޭ ރަށްވެހިންނަށް ބިމެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ފްލެޓެވެ. މާލޭގެ ރަށްވެހިންނަށް "ނޭވާލާނެ" ގޮތެއް ބޭނުންވެ އެވެ. އެކަމާ ދެކޮޅެއް ނަހަދަމެވެ. މީގައި ސުވާލު އުފައްދަނީ ކަން ކުރަން އުޅޭ ގޮތާއި މެދު އެވެ.

ބޯހިޔާވަހިކަމަކީ އަސާސީ ހައްގެކެވެ. އެ ހައްގު ލިބިގަތުމުގައި އެންމެން ވެސް ދައުލަތުގެ ކުރިމަތީގައި ހަމަހަމަވާން ޖެހެ އެވެ. ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 17 ވަނަ މާއްދާގައި އެއޮތީ ވަރަށް ސާފު ސަރީހަ އިބާރާތުން އެކަން ބަޔާންކޮށްފަ އެވެ. އެހެންކަމުން, ބޯހިޔާވަހިކަމުގެ ހައްގު ލިބިގަތުމުގައި ވެސް ދައުލަތުގެ ކުރިމަތީގައި ކޮންމެ ދިވެއްސެއް ވެސް ހަމަހަމަވާން ޖެހެ އެވެ.

ދެން ވިސްނާލަން ޖެހެނީ މި ދެންނެވި ބޯހިޔާވަހިކަން ދިނުމަށް ބޭނުންވާ ބިން މި ގައުމުގައި ހުރިތޯ އެވެ. 99 ޕަސެންޓު ކަނޑެވެ. ބިން އޮތީ އެންމެ ޕަސެންޓެކެވެ. ގިނައީ ފަޅު ރަށްރަށެވެ. އާބާދީގެ 41 ޕަސެންޓު މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގަ އެވެ. އެ އެންމެންގެ މުޅި ހަޔާތް ބިނާވެފައި އޮތީ މި ސަރަހައްދަށެވެ. އަނބިދަރިންނާއި, ރައްޓެހިންނާއި, ވަޒީފާ ވެސް އޮތީ މިތަނުގަ އެވެ.

މިއީ ޒަމާނުއްސުރެއް ކަންކަން ހިނގަމުން އައިސްފައިވާ ގޮތެވެ. މިތަނަށް ހިޖުރަކުރުމަކީ ދަންތުރަ އެކެވެ. މިއަށްވުރެ ވަކި ރަނގަޅު އިތުރު ގޮތެއް އެއްވެސް ސަރުކާރަކުން ދައްކާފައެއް ނުވެ އެވެ. ދެތިން ބުރިއަށް ހުރި ގެތައް އުސްވެ ގޮސް 10, 12 ބުރީގައި މީހުން ދިރިއުޅެން ފެށިއިރު ވެސް މިތަނުގައި އޮތް ތޮއްޖެހުމުގެ ކަންބޮޑުވުންތައް ބޮލާލައި ޖެހީ އެވެ.

އިހުލާސްތެރިިކަމެއް ނެތް ސިޔާސީ ވެރިންގެ ހޮޅި ވާހަކައިގައި ދައުރުތައް ނިމިގޮސް ރައީސުން ބަދަލުވާއިރު ވެސް މާލޭގައި, ކުލީގެ އަޅުވެތިކަމުގައި އުޅެމުންދިޔަ އެއްވެސް މީހަކަށް އިތުރު ގޮތެއް ދެއްކިފައި ނުވެ އެވެ. މާލޭ ރަށްވެހިންނާއި މިތަނަށް ހިޖުރަކުރި މީހުން ހިމެނޭހެންނެވެ. އިޖުތިމާއީ މައްސަލަތައް ހައްދުން ނެއްޓިގެން ދިޔައީ އެވެ.

މިފަހުން ރާއްޖޭގެ ވެރިކަން ކުރި ކޮންމެ ރައީސެއްގެ ވެރިކަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކިހާ ބިންތައް މަތިން ދަތުރުކުރާ ކޮންމެ މީހަކަށް ފެންނާނެ އެވެ. އޭގެ ތެރެއިން ގިނަ ބިންތަކުގައި އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވެ އެވެ. ގޯއްޗެއްހާ ވަރު ވެސް ދޫކުރީ މަދު ރަށަކުންނެވެ.

ވިލިމާލެ އާއި ތިލަފުއްޓާ ދެމެދުން މިހާރު ތިލަވަމުން އެދަނީ އަނެއްކާ ވެސް ގޯތި ދޭނެ ބިންތަކެވެ. މި މާލޭގައި ވެސް އަދިވެސް ނުހެދި ހުރި ބިންތައް އެބަހުއްޓެވެ. ސުވާލަކީ 6,200 ގޯތި ދޭއިރު އެ ގޯތީގައި އިމާރާތް އަޅައި ދިރިއުޅެން ފެށުމުގެ ގާބިލުކަން ހުރީ ކިތައް މީހުންގެ ތޯއެވެ. މަދު މީހެއްގެ އެވެ.

ހަމަ ޔަގީނުން ވެސް އޭގެ ތެރެއިން ގިނަ މީހުން ޖެހޭނީ ބޭންކަކުން ނުވަތަ ކޮންމެވެސް އެހެން ސްކީމަކުން ފައިސާ ނެރޭށެވެ. މާލެ ސަރަހައްދުގައި ބިމުގެ އަގުބޮޑުވުމުން ބިން މޯގޭޖު ކުރުމަށް ފަހު ލޯނެއް ނަގައިގެން ގެ ހެދިދާނެ އެވެ. އެކަމަކު, އެވަރަށް ފައިސާ ނެރުމުގެ ގާބިލުކަން މި ރާއްޖޭގެ މާލީ ބާޒާރަކު މިވަގުތު ނެތެވެ. ނުވަތަ, ދެން ޖެހޭނީ ރިއަލް އެސްޓޭޓް މާކެޓުގައި ހަރަކާތްތެރިވާ ކުންފުންޏަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ގެ ހަދާށެވެ. އަނެއްކާ ވެސް, ދިވެހި ޓެކްސް ފައިސާއިން ހިއްކި ބިމުގައި އެސެޓުތައް ފަތުރާލާނީ މި ބުނާ ބޮޑެތި ކުންފުނިތަކުންނެވެ. މުއްސަދިން އިތުރަށް މުއްސަދިވުން ނޫން އިތުރު ކަމެއް މިކަމުގެ ސަބަބުން ވާތަނެއް ނުފެނެ އެވެ. އަދި, އާމްދަނީގެ ފަރަގުތައް އިތުރުވެ އިޖުތިމާއީ މައްސަލަތައް ވެސް ވާނީ އިތުރެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ވަގުތީ ހައްލުތަކެވެ. އާބާދީ އިތުރުވެ, މީހުން ގިނަވެ ތޮއްޖެހުމުން އަނެއްކާ ވެސް ޖެހޭނީ ކަނޑަށް ވެލި އަޅައިގެން ހިއްކާށެވެ.

ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް މިއޮތީ ގެންނަން ޖެހިފަ އެވެ. ގޯތި ދިނުން އެއްކޮށް ހުއްޓާލަން ވީ އެވެ. މާލޭން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށަކުންވެސްމެ އެވެ. އެއަށް ފަހު, ކުރާންވީ ކަމަކީ ފްލެޓު އަޅައި ރައްޔިތުން ގެދޮރުވެރި ކުރުމެވެ. ކޮންމެ ރަށެއްގައި އަޅާ ފްލެޓަކަށް ވެސް ހުރިހާ އެންމެނަށް ކުރިމަތިލެވޭނެ ގޮތްތަކެއް މިވަނީ ހޯދާން ޖެހިފަ އެވެ.

ހަގީގަތުގައި ބޭނުމީ ޖީލުތަކަަށް ދެމިގެންދާނޭ ބަދަލުތަކެއް އަންނާނޭ ސިޔާސަތުތަކެކެވެ. އޮސްޓްރިއާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާފަދަ ގެދޮރުވެރިކުރުމުގެ ސިޔާސަތެކެވެ. ހަމައެކަނި ސަރުކާރުން ފްލެޓް އަޅައި ދިނުމުގެ އިތުރުން، 'ލިމިޓެޑް-ޕްރޮފިޓް ހައުސިން އެސޯސިއޭޝަން' ތައް އުފެއްދޭނޭ ގާނޫނުތަކެކެވެ. ބިމުގެ އަގު ކުޑަކޮށްގެންނާއި، ސަބްސިޑައިޒް ކޮށްގެންވިޔަސް އަގުހެޔޮ ފްލެޓްތައް ބިނާކުރެވޭނޭ ގާނޫނީ އޮނިގަނޑެކެވެ. ކުންފުނިތަކުން އަޅާ ފްލެޓްތަކަކީ ހަމައެކަނި މުއްސަނދިންނަށް ހާއްސަ ކުރެވޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، ހަމަ ނޭވާލާން ބޭނުންވާ ހަމަ ކޮންމެ މީހަކަށްވެސް އެ ފްލެޓްތަކުން ވަކި އިންސައްތައެއް ހާއްސަ ކުރެވޭނޭ ގޮތެކެވެ.

ކުލީގެ ދަންތުރައިން އެންމެން ސަލާމަތް ކުރެވޭނީ އޭރުންނެވެ. ގާނޫނަށް ބަދަލުގެނެސް، ނުސީދާކޮށް ކުލި ކޮންޓްރޯލް ކުރެވޭނޭ ގޮތްތަކެއްވެސް ހޯދަންވީ އެވެ. އުމުރުން ފަސް އަހަރުގައި މާލެ ހިޖުރަކޮށް، އުމުރުން ފަންސަވީސް ފަހަނައަޅައިދާއިރު، އެއް ގެއެއްގައި އަހަރަކަށްވުރެ އަހަރެއް ބޮޑު ކުއްޔެއް ދައްކަން ޖެހުމަކީ ނޭވާ ހޮޅިއަށް މަޑުމަޑުން ފިއްތާލުމެވެ. އިމާރާތަށް ވިހި ތިރީސް އަހަރުވެ، ފާރުގައި ރެނދުލައިދާއިރު ކުލި ކުޑަ ނުކުރެވުމުގެ ޒިންމާ ސަރުކާރުތަކުންވެސް ނަގަންޖެހެ އެވެ. އިމާރާތް ވަކި އުމުރެއް ފަހަނައަޅައި ދިޔުމުން، އެ އިމާރާތުގެ އަގު ވެއްޓުނީ އެވެ. އެކަން ކުލިންވެސް ފެންނަންވާނެ އެވެ. ގާނޫނުން އެކަން ލާޒިމް ކުރަން ޖެހެ އެވެ. 

ކޮންމެ ފަހަރަކު ވެސް ގޯތީގެ ވާހަކަ ދައްކަން ފެށުމާ އެކު ތިލަވަނީ މާލެ މީހާ އާއި ރާއްޖެތެރޭ މީހާގެ ބަހުސެވެ. މިއީ, މިކަމުގެ އަސްލަށް ވާހަކަ ނުދައްކައި, ސަރުކާރުތަކުން ގެންގުޅުނު ތަފާތުކުރުންތަކަށް ހިތްވަރު ދިނުމެވެ. ދެބަސްވުންތަކުގެ ތެރެއިން ފައިދާ ނަގަނީ މުއްސަނދި މަހުޖަނުންނެވެ. އެމީހުންނަށް މަދުވާ އެއްޗެއް ނެތެވެ. ހައްތަހާ ވަނީ އިތުރެވެ. ބިމާއި ފްލެޓުވެސްމެ އެވެ.