Advertisement

މިއީ މަޑި ބިހެއް ނޫން، ހިޔަމަ!

11 މާރިޗު 2023 - 08:00 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ހިޔަމައިގެ އެކި ވައްތަރުތައް


މިއީ މަޑި ބިހެއް ނޫން، ހިޔަމަ!

11 މާރިޗު 2023 - 08:00 0

ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތައް އިތުރަށް ފުރިހަމަވެގެންދަނީ އެތަނުގައިވާ ގުނާ އަދަދުނުކުރެވޭހާ ތަފާތު ދިރުންތަކާއި އަދި އެތަކެތީގެ ނިޝާންތަކުންނެވެ. ގަދަ އޮފުދާރު ބޮއްޔާއި ކުލަކުލައިގެ ގާކޮޅުކޮޅާއި ތަށިފަޅިތަކާއި ވެޔޮގަސްތަކުންނެވެ. އެތަކެތީގައި އެކުލެވިފައިވާ ބަލައިފޫހިވުމެއް ނެތް ފުރިހަމަ ކުރެހުންތަކުންނެވެ.

ގޮނޑުދޮށުން ފެންނަ އެފަދަ އެއްބާވަތަކީ މަޑި ބިހާއި ރާޅު ބިހެވެ. މި ތަކެއްޗަށް ބިހޭ ކިޔާ އުޅެނީ އެތަކެތި ބިހަކާ ވައްތަރު ކަމުންކަމަށް ފެނެ އެވެ. މީގެ ތެރެއިން ރާޅަކީ ގައިމުވެސް ބިސްއަޅާ އެއްޗެއް ނޫންކަން އެނގެ އެވެ. ނަމަވެސް މަޑިއަކީ ދިރޭ އެއްޗެއް ކަމުން ފަހަރުގައި ބިސް ވެސް އަޅައިފާނެ ތޯއްޗެކެވެ.

މިތަކެއްޗަށް އަހަރުމެން މަޑި ބިސް ކީ ކަމުގައިވިޔަސް މިއީ މަޑިބިހެއް ނޫނެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ކަނޑުތަކުގައި ދިރިއުޅޭ 950 ބާވަތުގެ ހިޔަމަތަކުގެ ތެރެއިން ގްރީންސީ އާޗިންގެ ހިޔަމަ މަރުވެ އޭގެ ކަށިތައް ދިޔުމުން އޭގެ ހަށިގަނޑުގެ ބޭރު ތޮށިގަނޑެވެ. މޫދުން އަހަރުމެންނަށް މިފެންނަ މަޑިއަކީ ބިސްއަޅާ އެއްޗެއް ނޫނެވެ. އެއީ ފޫޅުދަނޑިން ނުގުޅޭ ރަހިމުގައި ދަރިމައިވެ އަމިއްލަ އަށް އުޅޭ ވަރުމުން ވިހަ އެވެ. މަޑި ބިސް ނޭޅިއެއް ކަމުގައިވިޔަސް މަޑިއާ އެއްވައްތަރުގެ އެއްޗެއްކަމުގައިވާ ސްކޭޓްސް (Skate) އަކީ ހާއްޔަށް ނުވަތަ ވަކި ތަނަކަށް ބިސްއަޅާ ވައްތަރެކެވެ. ނަމަވެސް މިއީ ރާއްޖޭގައި އުޅޭ ވައްތަރެއް ނޫނެވެ. އެބިސް ހުންނާނީ ފަތާކޮށް ތުނިކޮށެވެ. އެބިހަށް "މާމެއިޑް ޕާސް" އޭ ވެސް ކިޔާއުޅެއެވެ.

ގޮނޑުދޮށަށް ލައްގާފައިވާ ބަޑިބިހެއް: މިއީ ހިޔަމައިގެ ތޮށިގަނޑު. މަޑި އަޅާ ބިހެއް ނޫން. -- ފޮޓޯ: ހަސަން ޒަރީރު (ލަގާން)


ހިޔަމަ

އާންމު ގޮތެއްގައި ހިޔަމަ އުފެދިފައި ހުންނަނީ ވަށް ބޯޅައެއްގެ ބައްޓަމަށް, ނަމަވެސް ފަތިކޮށްނާއި ހިތުގެ ބައްޓަމުގެ ސިފައަށް ވެސް ހިޔަމަ ތިބެއެވެ. ދިރިއުޅުމުގައި މާބޮޑު ހަރަކާތްތެރިކަމެއް ނެތް ހިޔަމާގެ ހަށިގަނޑުގައި ސިކުނޑިއެއް ލޮލެއް ނުހުރެ އެވެ. މި ސޮރުމެންގެ ހަށިގަނޑުގެ ތެރޭގައި މަސައްކަތް ހިނގަނީ ފެން ދައުރުކުރާ ހޮޅިތަކަކުން ދައުރުކުރާ ފެނުގެ ސަބަބުންނެވެ.

ބައެއް ހިޔަމާގެ ހަށިގަޑުގެ ތޮށިގަނޑު ހަރުކޮށް ވަރުގަދައަށް ހުންނައިރު އަނެއް ބައި ހިޔަމާގެ ތޮށިގަނޑު އުފެދިފައިވަނީ އެހާ ހަރުކޮށްނެއް ނޫނެވެ. އަދި މަތީގައި ފުއްގަނޑެއްލައިފައި ހުންނަ ގޮތަށް ހުންނަ ހިޔަމަ ވެސް އުޅެއެވެ. ހިޔަމާގެ ހަށިގަނޑުގެ މި ތޮށިފަށް އުފެދި ބަހާލެވިފައިވަނީ ފަސްބަޔަށް އެއްވަރަށް ވާނޭ ފަދަ ގޮތަކަށެވެ. ކަނޑުބުރަފަށްޗާއި ފަސް އިނގިލީގެ ބާވަތްތައް އުފެދިފައިވަނީ މިގޮތަށެވެ. އެހެން ކަމުން މިއީ ކަނޑު ބުރަފައްޗާއި ދެބޭން ފަދަ ގާތް ގުޅުމެއް އޮންނަ އެއްޗެއްގެ ގޮތުގައި ބަލައެވެ.

ހިޔަމާގެ ބޭރުގައިވާ ހަރަކާތްކުރާ ތޫނު ކަށިތަކަކީ އެސޮރުމެންގެ ރައްކަލަކަށް ލިބިފައިވާ އެއްޗެއްކަމުގައި ވިޔަސް އެއްތަނުން އަނެއްތަނަށް ހިނގައި ދަތުރުކުރުމަށާއި އޮޔާދާ ކާނާ އަތުލައިގަތުމުގައި މިކަށިތަކުގައިވާ ބުޅަފަތިތަކެއް ބޭނުން ކުރެއެވެ. އަދި މީގެ އިތުރުން މި ބުޅަފަތިތަކުގެ އެހީގައި އެ ސޮރުމެންގެ ހަށިގަނޑު ސާފުކޮށް ހަދަ އެވެ. އެކި ބާވަތުގެ ހިޔަމާގައި ހުންނަނީ އެކިވަރުގެ ކައްޓެވެ. ބައެއް ތަކެތީގެ ކަށިތައް ހިމަކަމުން އޭގައި ކިރިޔާ ޖެހެލިޔަސް އެޖެހުނު އެއްޗަކަށް ހެރި ކުދިކުދި ވެއެވެ. އަނެއް ބައި ކަށިތަކަކީ ފަންސޫރެއްހާ ފަލަ އަދި ފަސޭހައިން ނުބިނދޭ ކައްޓެވެ. ބައެއް ކަށިތައް އެކިކުލަތަކުން ކުރެހުން އެޅިފައި ހުންނައިރު އަނެއްބައި ކަށި އެއްކުލައެއް ގައި ހުރެއެވެ. މި ގޮތުން ވައިލެޓް ކުލައާއި މުށިކުލަ އާއި ނުލާއި ފެހި އަދި ރީނދޫ ކުލަތައް ހުރެއެވެ. މި ތަނުގައި އަހަރެން މި ވާހަކަ ދައްކާ ހިޔަމަ އާންމު ގޮތެއްގައި ހުންނަނީ ފަނޑު ފެހިކުލައިގައެވެ. މި ލިޔުމުގައި މި ހިޔަމައަށް އަޅުގަނޑު ބޭނުންކުރާނެ ނަމަކީ "ބިސް ހިޔަމަ" އެވެ.

ހިޔަމާގައި ދިރުން ހުންނައިރު އޭގެ ކަށިތަކާއެކު ވާފަތްގަނޑެއްގެ ތެރޭގައި. -- ފޮޓޯ: ސުހާ


ހިޔަމާގެ ކަށިތަކުގެ ކުލަތައް ތަފާތުވާ ފަދައިން އެކަށިތަކުގެ ދިގުމިނުގައި ވެސް އެކިހިޔަމާގައި ތަފާތެވެ. އާންމުކޮށް ހިޔަމައެއްގެ ކަށިތަކުގެ ދިގުމިނުގައި 1-3 ސމ (0.39-1.18 އިންޗި) ހުރެ އެވެ. ނަމަވެސް ކެރޭބިއަން ހިސާބުގައި ދިރިއުޅޭ ހިޔަމައެއްގައި 10-30 ސމ (3.9-11.8 އިންޗީ)ގެ ކަށި ހުރެ އެވެ. ރައްޖޭގެ ފަރުފަރުންނާއި ތޮށިމަތީގައި ވެސް, ކަށިތަކުގައި ތިން ހަތަރު އިންޗި ހުންނަވަރުގެ ހިޔަމަ އާންމުކޮށް ފެނެއެވެ.

ހިޔަމަތަކުގެ ތެރޭގައި ވިހަ ހިޔަމަ އާއި ވިހަ ނޫން ހިޔަމަ ހުރެ އެވެ. ވިހަވާ ޒާތުގެ ހިޔަމާގެ ވިހައަކީ އިންސާނުންގެ ފުރާނަ އަށް ނުރައްކަލެއް ހުންނަ އެއްޗެއް ކަމުގައި ނުވިޔަސް ވިހަ ހިޔަމައެއްގެ ކަށި ހެރިއްޖެނަމަ ވިހަވުމާއެކު ވަރަށް ގަދަ ތޫނު ދިލައެއް ނަގަ އެވެ. އަދި އޭގެ ކަށިތައް ތަނަކަށް ހެރުމާއި އެކު އެތަނަކަށް ބިނދި ކުދިކުދިވެ އެވެ. މަޑިބިސް ހިޔަމާގެ ކަށްޓަކީ އިންސާނުންނަށް ވިހަ އެއްޗެއް ނޫނެވެ.(ނުނިމޭ)