Advertisement

އެއްބަސްވުންތަކުގައި ސިއްރުތައް ފޮރުވިފައި އެބަހުއްޓޭ ބުނަނީ އެކަން އެނގޭތީ: ޔާމީން

19 މާރިޗު 2022 - 20:33 1

އަމަން ހަލީމް

އަމަން ހަލީމް

ިއިންޑިއާ އައުޓް ކެމްޕޭނު ހަރަކާތެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ. -- ފޮޓޯ: އަދަދު ފައިލް


އެއްބަސްވުންތަކުގައި ސިއްރުތައް ފޮރުވިފައި އެބަހުއްޓޭ ބުނަނީ އެކަން އެނގޭތީ: ޔާމީން

19 މާރިޗު 2022 - 20:33 1

އިންޑިއާއާއެކު ވެފައިވާ ދިފާއީ އެއްބަސްވުންތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަނީ ހަގީގަތާހިލާފު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޔާމީން ހޫނު ރައްދެއް ދެއްވެފައިފި އެވެ.

މި އެއްބަސްވުންތަކާ ގުޅިގެން ރައީސް ޔާމީން އިތުރުފުޅު ހައްދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ހުސްވި ހަފުތާގެ ހޯމަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގަ އެވެ. އެ ދުވަހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ރިޔާސަތުން ދެއްކެވި ވާހަކަގައި ޔާމީނަށް ރައްދުކޮށް މިހެން ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއްކަން މެމްބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ވާހަކަތަކަށް ސީދާ ރައްދު ދެއްވަމުން މިއަދު ނައިފަރުގައި ބޭއްވި އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތުގައި އެއްބަސްވުންތަކާ ގުޅިގެން ނަޝީދު ހިމެނޭ ގޮތަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ގޮންޖައްސަވާ އެއްބަސްވުންތަކުގައި ފޮރުވިފައިވާ ސިއްރުތަކެއްވާ ކަމަށް ވިދާޅުވަނީ އެކަން އެނގޭތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެގްރީމަންޓުގައި ފޮރުވިފައި ހުރި ކަންތައްތަކެއް އެބަވޭ. އެ ފޮރުވިފައި ހުރި ކަންކަން މިއުޅެނީ އެންމެނަށް ނުފޮރުވިގެން. އެ އެނގޭ މީހުންނަށް އެބަ އިނގޭ. އެ އެނގޭ މީހުންގެ ތެރޭގައި އަޅުގަނޑި މިއީ އެކެއް." ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އެއްބަސްވުންތަކުގައި ދިވެހި ގައުމުގެ ސިޔާދަތަށް އުނިކަން އަންނާނެ ކަންކަން ހިމެނޭ ކަމަށް މި ސަރުކާރު ވެރިކަމަށް އައިންސުރެން ފެށިގެން އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި މި ސަރުކާރު ގެންނަން ހަރަދުކުރީ ސީދާ އިންޑިއާ ސަރުކާރުން ކަމަށާއި ދިވެހިންނަށް ގެއްލުންވާ ގޮތަށް އެއްބަސްވުންތައް ގާއިމުކުރީ މި ސަބަބާ ހުރެ ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.

އެ މޭރުމުން ޔާމީންގެ ވާހަކަތައް ބައްޓަން ކުރައްވަމުން ޔާމީން ވަނީ މިއީ އިންޑިއާގެ "ގޮނޑިކޮއްކޮ ސަރުކާރެއް" ކަމަށާއި މި ސަރުކާރުގައި ތިބީ އިންޑިއާގެ "އަޅުންތަކެއް" ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ މި ސަރުކާރަށް އިންޑިއާއާ ނުލާ އެއްވެސް ކަމެއް ނުކުރެވޭތީ ކަމަށް ވިދާޅުވެ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާއާ ބާއްވާ ގާތްގުޅުމަށް ގޮންޖެއްސެއްވި އެވެ.

އިންޑިއާ އެއްބަސްވުންތަކާ ގުޅިގެން އިދިކޮޅުން އެހެން ބުނި ނަމަވެސް، މި ސަރުކާރުން ބުނަނީ އެއިން އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ ސިޔާދަތާ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އެއްވެސް މާއްދާއެއް ނޯންނާނެ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ހަމަހިމޭނުން އޮތުމަށް ފަހު މިފަހުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެސް މިކަން ފާހަގަކޮށްފައިވާއިރު، މިއިން އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނޫޅޭ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެރުވި އެވެ.

އެކަމަކު، މިހާތަނަށް މިއިން އެއްބަސްވުމަކާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން މިފަހުން ނަޝީދު މަޖިލިހުގައި، ސޯޝަލް މީޑިއާގައި ލީކުކޮށްލަފާނެ ކަމުގެ ބިރަށް މެމްބަރުންނަށް އެއްބަސްވުންތައް ދެއްކެން ނެތް ކަމަށް ދެއްކެވި ވާހަކަތަކަށް ވެސް ޔާމީން ރައްދު ދެއްވި އެވެ. އަދި އާންމުންނަށް ފޮރުވަން އުޅެނީ ފޮރުވިފައިވާ ސަބަބުތަކެއް ހިމެނޭތީ ކަމަށް އިޝާރާތްކުރައްވާ، އެއްބަސްވުންތަކުގައި ހުރި އެއްޗެއް އެނގެންވީ ދިވެހި ރައްޔިތުން ނޫން ކޮން ބަޔަކަށްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"ސޯޝަލް މީޑިއާގައި ދައުރުވީމަ މުޅި ދިވެހި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ހައްގުތައް ކިހާވަރަކަށްތޯ އުނިކަން ލިބެނީ، ނޫނީ ދިވެހި ރައްޔިތުންނަށް ހައްގުތަކަށް ކިހާވަރެއްގެ ތަނަވަސްކަމެއް ގެނެސްދޭ އެގްރީމަންޓުތަކެއް ކަމެއް ނޭނގި ދިވެހި ރައްޔިތުންނަށް ނޭނގި މިކަން އިނގެން ޖެހެނީ ޕިޗޯރީންނައްތަ," ޔާމީން ވިދާޅުވި އެވެ.

މިއަދު ޖަލްސާގައި އުތުރުތިލަފަޅާ ގުޅިގެެން ދައްކަވާ ވާހަކަތަކުގެ އިތުރުން ރާއްޖޭގެ ކަނޑުތައް މެޕުކުރަން އިިންޑިއާ ސަރުކާރާ އެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގައި ވެސް މިނިވަންކަމަށް ބުރޫއަރާ މާއްދާތަކެއް ހިމެނޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދިރާސާގެ ނަމުގައި މަސްވެރިކަމަށް ހުރަސް އެޅުމުގެ ބާރު ވެސް ލިބޭ ކަމަށެވެ.

މީގެ ކުރިން މި އެއްބަސްވުމާ ގުޅިގެން ދެކެވޭ ވާހަކަތައް ވެސް މި ސަރުކާރުން ދޮގުކުރި އެވެ. އެކަމަކު މި އެއްބަސްވުމުގައި ހުރި މައުލޫމާތުތައް ހާމަކުރަން ވެސް ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފަ އެވެ.