ރައީސް މުއިއްޒުގެ އާއިލާ މިވަގުތު ސިންގަޕޫރުގައި

May 28, 2026, 1:01 PM
ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ: މިވަގުތު އާއިލާ ތިއްބެވީ ސިންގަޕޫރުގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ: މިވަގުތު އާއިލާ ތިއްބެވީ ސިންގަޕޫރުގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި އެ ދެ ބޭފުޅުންގެ ދެ ދަރިކަލުންނާއި ދަރިކަނބަލުން މިވަގުތު ހުންނެވީ ސިންގަޕޫރުގައިކަން އެނގިއްޖެ އެވެ. 

ނުރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހެވެ. އޭގެ ކުރިން މެއި 13، ގައި އަނބިކަނބަލުން ސާޖިދާ ވަނީ އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަނަށް ވަޑައިގެންފަ އެވެ. 

މުއިއްޒުގެ ދަރިކަނބަލުން ކިޔަވާވިދާޅުވަނީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވާސިޓީގަ އެވެ. މުއިއްޒު ވެސް ކިޔަވާވިދާޅުވީ އެ ޔުނިވާސިޓީއިންނެވެ. އިނގިރޭސިވިލާތުން ސާޖިދާ ސިންގަޕޫރަށް ވަޑައިގެންނެވީ ދެ ދަރިކަލުން އަދި ދަރިކަނބަލުންނާއެކު ކަމަށް ބެލެވެ އެވެ. 

Advertisement

މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ އާއިލީ ޗުއްޓީއަކަށް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މުންދު އެހެން ވިދާޅުވީ، މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ އެމަނިކުފާނުގެ ރުހުން ގެއްލިފައިވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ބައްދަލު ކުރައްވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ. 

"ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމްއާ ވާހަކަ ދެއްކެވުމަށް ކަމަށް ހަބަރު ލިބޭ. ނާޒިމް، ޑރ. މުއިއްޒުއާ ވާހަކަ ދައްކަވާނެ ކަމަކަށް ލަފައެއް ނުކުރެވޭ،" މިދިޔަ ހޯމަ ދުވަހު ނަޝީދު ވިދާޅުވެފައިވެ އެވެ. 

ނާޒިމް ރާއްޖެ ދޫކުރައްވާ ވަޑައިގަތީ އޭނާ ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުމުންނެވެ. އެއިރު މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކި ކުރުމުގެ މަސައްކަތްތަކެއް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އޮތީ ފަށައިފަ އެވެ. 

ނާޒިމް ވަކި ކުރަން ޕީއެންސީގެ މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އޭނާ މަސައްކަތް ކުރެއްވީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެވަޑައިގެން ކަމަށާއި މަޖިލިސް ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށެވެ. 

"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،" އެ މައްސަލާގައި ބުނެެފައިވެ އެވެ. 

މަޖިލީހުގެ ނައިބު ރައީސް ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ. 

ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ. 

ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox