Advertisement

2022 ގައި މަދުވެގެން އެއް މިލިއަން ޓޫރިސްޓުން އަންނާނެ: ދިރާސާ

16 ސެޕްޓެންބަރު 2021 - 16:10 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭގައި ޓޫރިސްޓަކު ހިނގާފައި ދަނީ: އަންނަ އަހަރު ޓޫރިޒަމުގެ ހާލަތު މި އަހަރަށް ވުރެ ރަނގަޅު ވާނެ ކަމަށް އެމްއެމްއޭގެ "ޓޫރިޒަމް ފޯކާސްޓިން މޮޑެލް ފޯ މޯލްޑިވްސް" ދިރާސާގައި ބުނޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


2022 ގައި މަދުވެގެން އެއް މިލިއަން ޓޫރިސްޓުން އަންނާނެ: ދިރާސާ

16 ސެޕްޓެންބަރު 2021 - 16:10 0

އަންނަ އަހަރު އެންމެ ގޯސް ހާލަތުގައި ވެސް ރާއްޖެއަށް މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާއެއްގައި ބުނެފި އެވެ.

އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓް ދަހާ ޝުއައިބު ތައްޔާރުކުރި "ޓޫރިޒަމް ފޯކާސްޓިން މޮޑެލް ފޯ ދަ މޯލްޑިވްސް" ދިރާސާ ބުނާ ގޮތުން އަންނަ އަހަރު އެންމެ ގޯސް ހާލަތު (ވާސްޓް ކޭސް) ގައި އަންނާނީ 1،191،921 ޓޫރިސްޓުންނެވެ. އަދި އެންމެ ރަނގަޅު ހާލަތު (މޯސްޓް އޮޕްޓިމިސްޓިކް) ގައި އަންނާނީ 1،450،000 ޓޫރިސްޓުންނެވެ.

މި ދިރާސާގައި 2023 ވަނަ އަހަރާ ހަމައަށް ޓޫރިޒަމް އެރައިވަލް ނަމްބަރުތަކުގެ އިތުރުން ޓޫރިޒަމް ބެޑްނައިޓް ނަމްބަރުތަކުގެ އަންދާޒާތަކެއް ހިމެނެ އެވެ.

އެގޮތުން މިހާތަނަށް ރާއްޖެއަށް އައިސްފައިވާ އިގުތިސޯދީ ލޮޅުންތަކާއި، ބަލިމަޑުކަމުގެ ކުރިން ޓޫރިޒަމް ނަމްބަރުތަކުގެ މައްޗަށް ބިނާކޮށް ހަތަރު ސިނޭރިއޯއަކަށް ވަނީ ބަލާލާފަ އެވެ. އޭގެ ތެރޭގައި ވާސްޓް ކޭސް، މޮޑަރޭޓް ކޭސް، އޮޕްޓިމިސްޓިކް ކޭސް އަދި މޯސްޓް އޮޕްޓިމިސްޓިކް ކޭސް ސިނޭރިއޯ ހިމެނެ އެވެ.

މި އަހަރުގެ އެންމެ އޮޕްޓިމިސްޓިކް އަންދާޒާއަކީ މިލިއަން ޓޫރިސްޓުން

މި ދިރާސާ ކަރުދާސް ބުނާ ގޮތުން މި އަހަރުގެ އެންމެ އޮޕްޓިމިސްޓިކް އަންދާޒާއަކީ ބަރާބަރު މިލިއަން ޓޫރިސްޓުންނެވެ.

އެކަމަކު ރާއްޖެ އަންނަ ފްލައިޓްތަކުން ކުރާ ދަތުރުތަކާއި، އެއާލައިންތައް ގިނަވަމުން އައުމާއެކު މި އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަަމަށް ވަނީ ފާހަގަކޮށްފަ އެވެ. ހަމަ އެއާއެކީ، ކޮވިޑުގެ އާ ވޭރިއަންޓްތަކުގެ ނުރައްކާ އޮތުމާއެކު މި އަދަދަށް ޓޫރިސްޓުން ނައުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ނަމަވެސް މި އަހަރުގެ "އޮޕްޓިމިސްޓިކް" ހާލަތުގައި ރާއްޖެ އަންނާނެ ކަމަށް މި ކަރުދާހުގައި ލަފާކުރި 757،959 ޓޫރިސްޓުންނަށް ވުރެ ގިނަ ޓޫރިސްޓުން މިހާރު ރާއްޖެ އައިސްފި އެވެ. އެގޮތުން ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 809,764 އެވެ.

2023 ޓޫރިޒަމުގެ ރެކޯޑް އަހަރަކަށް ވެދާނެ

މި ކަރުދާހުގައި ބޭނުންކުރި މޮޑެލްއިން ދައްކަނީ 2023 ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅު ވެގެންދާ ތަނެވެ. އެގޮތުން އެންމެ ގޯސް ހާލަތުގައި ވެސް 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެ އެވެ. އަދި އެންމެ ރަނގަޅު ހާލަތުގައި މި އަދަދު 1.8 މިލިއަނަށް އުފުލިދާނެ ކަމަށް ލަފާކުރެ އެވެ.

އޮޕްޓިމިސްޓިކް ހާލަތުގައި ބުނާ އަދަދަށް ރާއްޖެއަށް ޓޫރިސްޓުން އައިސްފިނަމަ، އެ އަހަރު ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމް ރެކޯޑް މުގުރާލާ އަހަރަށެވެ. މީގެ ކުރިން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި 2019 ވަނަ އަހަރު ރާއްޖެ އައީ 1.7 މިލިއަން ޓޫރިސްޓުންނެވެ.