އަލީ ވަހީދު ހައްޔަރުކުރިކަން ޔޫކޭއިން ދިވެހި ފުލުހުންނަށް އަންގައިފި

އަލީ ވަހީދު: އޭނާ ހައްޔަރުކުރިކަން ފުލުހުންނަށް މިއަދު ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އަލީ ވަހީދު: އޭނާ ހައްޔަރުކުރިކަން ފުލުހުންނަށް މިއަދު ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން އިނގިރޭސި ވިލާތުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރިކަން އެ ގައުމުގެ ފުލުހުން ދިވެހި ފުލުހުންނަށް އަންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި, އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންނަށް ރަސްމީކޮށް މިއަދު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު ކަމުގައި ހުންނަވައި 13 މުވައްޒަފަކާ މެދު ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުވާ އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގެ ޑިޓެންޝަން ސެންޓަރެއްގަ އެވެ. އޭނާ ހައްޔަރުކުރުމަށްފަހު, މިއަދާ ހަމައަށް އެ މައުލޫމާތު ރާއްޖޭގެ އެއްވެސް އިދާރާއަކަށް އިނގިރޭސި ވިލާތުން އޮތީ ނާންގަ އެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހުގެ ޖަލު ހުކުމެއް އައިސްފައިވާ، އަލީ ވަހީދު ހޯދުމަށް ދިވެހިން ފުލުހުން ގެންދިޔައީ، އިނގިރޭސިވިލާތުގެ ފުލުހުންނާއި އިންޓަޕޯލްއާއެެކު މަސައްކަތް ކުރަމުންނެވެ.

އަލީ ވަހީދުގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް، އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ ބޮޑެތި ތުހުމަތުތަކެއް އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާ އެކު އެވެ.

ބޭސްފަރުވާއަށް ދިޔުމަށް ހުއްދަދީ، އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކުރެއްވީ އޭނާގެ މައްޗަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޖާމިނުވުމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.

އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދައުލަތުން ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ އަލީ ވަހީދަށް ޗިޓް ރައްދުނުވާ ކަމަށް ބުނެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

އޭރު އަލީ ވަހީދު އުޅޭނޫޅޭ ތަނެއް އެއްވެސް ކޯޓަކަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އޭގެ ފަހުން އަލީ ވަހީދު ވަނީ ކުރިމިނަލް ކޯޓާ މުއާމަލާތްތަކެއްކޮށް އޭނާ ދިރިއުޅޭ އެޑްރެހާއި ގުޅޭނެ ނަންބަރުތަކާއި އީމެއިލް ހިއްސާކޮށްފަ އެވެ.

އަލީ ވަހީދުގެ އެދުމަށް ކުރިމިނަލް ކޯޓުން ނިންމީ އޭނާ ރާއްޖެ ނުގެނެސް، ރާއްޖޭން ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށެވެ. މި އިންތިޒާމް ކުރިމިނަލް ކޯޓުގެ މީހަކަށް ހަމަޖައްސައިދިން މިއީ ފުރަތަމަ ފަހަރެވެ.

އެކަމަށް ދައުލަތުން އިއުތިރާޒުކުރި ނަމަވެސް، އިނގިރޭސި ވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުވެގެން ދެ އަޑުއެހުމެއްގައި ބައިވެރިވި އެވެ. އެހެންވެ، އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި އެވެ. އެ ޗިޓް އަލީ ވަހީދަށް ރައްދުވެފައިވީ ނަމަވެސް، ސުޕްރީމް ކޯޓާ އޭނާ އެއްވެސް މުއާމަލާތެއްކޮށްފައެއް ނުވެ އެވެ. އަދި މިއަދަށް ތާވަލުކުރި އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ވެސް ނުވެ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެއީ އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ ދަށުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox