"ތި އޮތީ ރަނގަޅަށް ވެސް ބެލިފައެއްނު. ބަލަންވާ ކަންކަން ނުބަލާ، ނުބަލަންވާ ކަންކަން ބެލޭދޯ." ސަނިއްޔާ ރުޅި ގަދަވި އެވެ.
"ސަނީ ވަކި ސަހަލުތަ؟" ނަވާޒު ޖެއްސުމުގެ ރާގުގައި ވާހަކަދެއްކި އެވެ.
"ސަހަލު މީހެއް ހޯދަންތަ ތި ގުޅީ؟" ސަނިއްޔާ ދެބުމަ ގޮށް ޖަހައިލަމުން މޫނުމަތިން ދެތިން ރޫ އެއްކޮށްލި އެވެ.
"މި ގުޅީ މި ކުޅިވަރު ނިންމަނީއޭ ބުނަން. ދެން އިތުރަށް މި ސަކަރާތެއް ޖަހާކަށް ބޭނުމެއް ނޫން. މިހާރު އެނގިއްޖެ ސަނީއަކީ ކާކުކަން؟" ނަވާޒު ރުންކުރު ރާގެއްގައި ބުނެލި އެވެ.

ސަނިއްޔާ އަނގައިން ވެސް ނުބުނެ ހުރީ އެވެ. ނަވާޒުގެ ވާހަކަތަކުން އޭނާ ފުފެމުން ދިޔައީމަ އެވެ. ދެ ލޯ ބޮޑުވެ މޫނު ރަތްވަމުން ދިޔަ އެވެ.
"ދޭ ދޭ ފަހުން ނާންނާތި. މާފަށް ނޭދޭތި." ސަނިއްޔާ ހަޅޭއްލަވާ ގަތެވެ.
"ބަލަ އަހަރެން މި ދައްކާ ވާހަކައިގެ ތެދު ދޮގު ސާފުކޮށްދީބަލަ." ނަވާޒު ހިތްހަމަ ނުޖެހުނެވެ.
"މި ބުނީނު ދާށޭ. ނާންނަ ގޮތަށް ދާށޭ. އަހަންނަށް މައްސަލައެއް ނެތޭ." ސަނިއްޔާ އަޑު ކުރަކިވަމުން ދިޔަ އެވެ.
"އޯކޭ ދެން އަހަންނަށް ނުގުޅާތި. އަހަންނަށް އުނދަގޫ ނުކުރާތި. އަހަންނާއި ސަނީއަކީ އެއްވެސް އިރެއްގައި ގުޅުމެއް އޮތް މީހެއް ނޫން." ނަވާޒު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.
ފޯނު ކަންފަތުން ނައްޓައިލުމަށްފަހު އޭނާ ހަށިފުރާ ނޭވާއެއް ބޭރުކޮށްލި އެވެ. ހީވީ ބޮޑު މުސީބާތެއްގެ ތެރެއިން މިނިވަންކަން ހޯދިހެންނެވެ. ނަވާޒު ވެއްޓިގަތީ އޭނާގެ ރަސްމީ އެނދަށެވެ. އެހެން އޮއްވާ އޭނާގެ ވިސްނުމުގެ މިސްރާބު މާދުރަށް ދަތުރުކުރާން ފެށި އެވެ.
އޭނާގެ ހިޔާލުތަކުގެ އަސް ދުވެފައި ގޮސް ހުއްޓުނީ ޖުމާނާގެ ހަނދާންތަކަށެވެ. އޭނާގެ ހިތުގައި ފަސްއެޅި ފޮރުވިފައިވާ ޖުމާނާގެ ސޫރައިން ފަސް ކެހެމުންދިޔަ އެވެ. މަޑުމަޑުން އެ މައުސޫމު ދެލޯ ސިފަވާން ފެށި އެވެ. އެ ހިމަ ދިގު ނޭފަތް ހާމަވާން ފެށި އެވެ. ހިމަހިމަ ރީތި ދަތްދޮޅިން ވިދުންކަންޏެއް ވިދައިލިހެން ހީވި އެވެ. ޖުމާނާގެ ދިގު އެސްފިޔަތައް ހަރަކާތްކޮށްލިހެން ހީވި އެވެ. އޭނާގެ އޮމާން ފަން އިސްތަށިގަނޑު ވައިގެ ތެރެއަށް ވިހުރިލިހެން ހީވި އެވެ.
ނަވާޒު އެސްފިޔަ ޖަހައިނުލައި އެދިމާއަށް ބަލަން އިނެވެ. އޭނާއާ ދިމާއަށް ޖުމާނާ ހިނގައިލައިފަ އައި ފަރި ގޮތް ފެނިފައި ނަވާޒު އިނީ ބަސްހުއްޓިފަ އެވެ. ކަޅި ހުއްޓި މީހާގެ ހިތް ހުއްޓިފައި އިންނަ މީހެއް ފަދައިންނެވެ. ޖުމާނާގެ ގަޔަށް ހެޔޮވަރުކޮށްފައިވާ ރަތްކުލައިގެ އެ ހިމަ ދިގު ހެދުމުގައި އޭނާ ފެންނަނީ ފަތްމިންޏެއްގެ ސިފައިގަ އެވެ. ވައިރޯޅިއަށް ފިރުމަށް ދޫކޮށްލައިފައި އޮތް ހުދުކުލައިގެ ދޯޕައްޓާއިން އޭނާއަށް އިތުރު ފުރިހަމަކަމެއް ގެނުވަ އެވެ.
ޖުމާނާގެ ލުއި ހަރަކާތްތަކާއެކު ވަށައިގެންވާ މާހައުލު ވެސް އޭނާގެ ފަރި ހިނގުމަށް ސަނާ ކިޔަމުން ދިޔަ އެވެ. ވައިރޯޅިތައް ވެސް ލަދުން ޖުމާނާގެ ގައިގައި ބީހިނުލައި ޖުމާނާއާ ދުރަށް ދަތުރުކުރަމުން ދިޔަ އެވެ. އޭނާގެ އެ ލުއިލުއި ހަރަކާތްތަކާއެކު މުޅި މާހައުލަށް ގެނުވައިދެމުން ދިޔަ ހިނިތުންވުމަށް ގެއްލިފައި ނަވާޒަށް އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.
"އަހަރެން ހިތަށް އަރާ ފަތްމިނިންގެ ތެރެއިން ވެސް ފަތްމިންޏެއް އަހަރެން ކަހަލަ މީހަކަށް އާނއެކޭ ބުނީ ކީއްވެބާއޭ؟" ޖުމާނާ އައިސް ނަވާޒުގެ ކުރިމައްޗަށް ހުއްޓިލިލުމުން ނަވާޒު ކޮޅަށް ތެދުވެލައި އަދަބު އިހުތިރާމު އަދާކުރުމަށްފަހު ބުނެލި އެވެ.
"އަހަރެން ހިތަށް އަރާ ފިރިހެންވަންތަ ހަށިގަނޑެއްގެ ފަހަތަށް ވަންނަން އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް ފުރުސަތު ލިބުނީ ކޮންކަމެއް އިތުރުވެގެންބާއޭ." ޖުމާނާ ވެސް ވާހަކަ ބައްޓަންކުރީ ނަވާޒުގެ ބަސްމަގުންނެވެ.
"ހިތަކީ ބާރެއް ނުފޯރާ ބޯހަރު އެއްޗަކަށްވެފަ، ލޮލުގެ ވިހަގަދަކަން ހަރުފައަކާ އެއްފަދަވެ ސިކުނޑިއާއި ހިތް ދެބަސްވުން އިތުރުވީމަ އަހަންނަށް ކުރެވޭނެ ހަނގުރާމައެއް ނެތް." ނަވާޒު ހިނިތުންވެލި އެވެ.
"ފަތިހަށި ބައިމަތި، ނިޔަނެތި ނިތްމަތި ބާޒުގެ ކަޅިރަވަ ފުއްލާގެ ބުންވަރު މިހުރީ ފިރިހެންވަންތަކަމުގެ ސިފަތައް. މި ސިފަތައް ހާމަވެގެން މަށަށްމަށަށް ކިޔައިލަ ކިޔައިލާ ތިބެ، ތިގޭ ދޮރާށި ބުޑަށް މާ ފޮނުވާ ކުދިންގެ ލިސްޓެއްގެ ކުރިއަށް އަހަންނަށް އެރުނީ ކިހިނެއްބާ؟" ނަވާޒުގެ އަތާއި އަތް ޖޯޑުކޮށްލަމުން ޖުމާނާ ބުނެލި އެވެ. "އިރު އަލިފާންފަދަ ހޫނުގެ ދޯދިތައް ހަނދަށް އެޅުނީމަ ފެންނަނީ އުފާވެރި ސިފައެއްގައި. ކީއްވެ؟"
"ހަނދުގެ ބޮޑާ ކަމާއި ކިބުރުވެރިކަމެއް ނެތީމަ." ނަވާޒު ކޮށްޓައިލީ ޖުމާނާގެ ނޭފަތުގަ އެވެ.
އެދުވަސް ނިމިގެން ދިޔައީ އެ ގޮތުގައެވެ. ޖުމާނާއާއި ނަވާޒު ބައްދަލުކުރާ ރަސްމީ މާލަމަކަށް ވެފައި އޮތީ ރަށުގެ ހުޅަނގުފަރާތު ތުނޑީކޮޅެވެ. އުމުރުން ޅަ ކަމާއި މީހުންގެ އުނދަގޫ ބޮޑުކަމުން އެމީހުން އެތަނަށް ދަނީ ސިއްރު ސިއްރުންނެވެ. ހޭޅިތަކުގެ ތެރެއިން ބޮނދަބޮނދައިގެންނެވެ. ފިލަފިލައިގެންނެވެ.
"ދެން މިހެން އަބަދަކު ނޫޅެވޭނެއްނު." ޖުމާނާ އޮތީ ނަވާޒުގެ މޭމަތީގައި ބޯ އަޅައިގެންނެވެ.
ނަވާޒުގެ އިނގިލިތަކުން ޖުމާނާގެ އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔަ އެވެ. ލޯތްބާއި އޯގާތެރިކަމާ އެކުގަ އެވެ. ޖުމާނާގެ ހިމަ ހޯލިތަކެއް ފަދަ އިނގިލިތަކުން ނަވާޒުގެ މޭމަތީގައި ހުރި ލޯލިތަކާ ކުޅެމުން ދިޔަ އެވެ.
"ދެން ޖުމާއަށް ވެސް އެނގެއެއްނު އަހަންނަށް މެރީ ކުރެވޭނީ އަދި ކިޔަވާ ނިންމައިގެންކަން. އަދި ކޯސް ފެށެނީ ވެސް އަންނަ ޖަނަވަރީގައި. ތިން އަހަރުގެ ކޯހެއް. އަމިއްލަ ފައި މައްޗަށް ތެދުވެވުނީމަ ކާވެންޏަކާ ހަމައަށް ދެވޭނީ." ނަވާޒު ލޯބިން ފުރިގެންވާ ރާގެއްގައި ބުނެލި އެވެ.
"އެކަމަކު މިކަން އެހެން މީހުންނަށް އެނގިގެން ވާނެ ގެއްލުމެއް އެބައޮތްތަ؟" ޖުމާނާ ވެސް ލަސްލަހުން ބުނެލި އެވެ.
"ޔަގީންނުން ވެސް އެސްފީނާ ޖެހޭނެ." ނަވާޒު ހިނިގަނޑެއް ޖަހައިލި އެވެ.
"ކާކުގެ؟" ޖުމާނާ ވެސް ހިނިތުންވެލި އެވެ.
"އަހަރެންގެ." ނަވާޒު ޕަކަޕަކަ ލައިފައި ހޭންފެށި އެވެ.
"ނަވާގެ މަންމަ ގަބޫލު ނުވެދާނެތީ ބިރު ގަންނަނީތަ؟" ޖުމާނާ ރާގު ބަދަލުވާން ފެށި އެވެ.
"ޖެހިލުންވޭ. މައްސަލައަކީ..." ނަވާޒު ހުއްޓައިލި އެވެ.
"ކޮބައިތަ އަސްލު މައްސަލައަކީ؟ އަހަންނަކަށް ނުވިސްނޭ." ޝަކުވާގެ ރާގުގައި ޖުމާނާ ބުނެލި އެވެ.
"އަސްލު މައްސަލައަކީ މަންމަމެންގެ ހުންނަ ގޮތްދޫ ނުކުރުން. މާމައާއި ޖުމާގެ މާމައާ ޖެހުނު މައްސަލައެއްގައި އެ ރުޅިވެރިކަން މުޅި އުމުރަށް ބާއްވާކަށް ނުޖެހޭނެދޯ." ނަވާޒު އޮޅުންފިލުވައިދިނެވެ.
"މަންމަ ކިޔަނީ އެހެން ލަވައެއް." ޖުމާނާ ވެސް ފެށި އެވެ.
"ކީކޯ؟" ނަވާޒު ޝަޢުޤުވެރިވި އެވެ.
"ނަވާޒުގެ ކާފައާއި އަހަރެންގެ މާމައަކީ އެކްސް އެކޯ. ދެން މާމަގެ ބައްޕަ ނިޔާވަމުން ވަސިއްޔަތެއް ކުރިއްޔޯ އެހެން މީހަކާ އިންނަން. އަދި ދުނިޔޭގައި ތިބިހާ ދުވަހަކު ވަރިނުކުރަން." ޖުމާނާ ކިޔައިދިނެވެ.
"ދެން ތީގައި ކޮބާ މައްސަލައަކީ؟" ނަވާޒު ވިސްނައިލި އެވެ.
"އަސްލު މީގައި ނެތް މައްސަލައެއް. މައްސަލައަކަށްވީ ކާވެނި އެހާ ކުޑަތަންވެފައި އޮއްވާ ވަކިވާން ޖެހުމުން. ދެން މާމަ ކާވެނިކުރީޔޯ މާމަގެ ބައްޕަ ދެއްކި މީހާއާ. އެހާ ހިސާބުން މައްސަލަ ބޮޑުވާނެއްނު. ދެން ވީގޮތަކީ ނަވާގެ ކާފަ ބޭނުންވީއޯ ކޮންމެ ގޮތެއް ހަދައިފަ ނަމަވެސް މާމަ ހޯދަން. އެހެންވެ ފަންޑިތަ ހަދަން ފެށީއޯ."
"ފަންޑިތައިން ލޯބި ހޯދޭތަ؟ ކާންޓް ބިލީވް. ވާހަކަތަކުގައި ހުންނަ ޚިޔާލީ ސިފަކުރުންތައް. ގަބޫލުނުކުރެވޭ ވާހަކަތައް." ނަވާޒު ސުވާލުކޮށްލި އެވެ.
"ފަންޑިތައިން ވެސް ކަންކަން ބަދަލުވޭ. އެކަމެއްނު އެނގުނީ މި ވާހަކައިން ވެސް." ޖުމާނާ ނިތް އަރުވާލި އެވެ.
"ތިބުނީ؟" ނަވާޒު އަހައިލި އެވެ.
"މިބުނީ މާމަ އިން މީހާ ކުއްލިއަކަށް މަރުވީ." ޖުމާނާ ތެދުވެ އިށީނެވެ.
"އެހެންތަވީ؟ ދެން ކިހިނެއްވީ؟ މިހާރު ވަރަށް ޝައުޤުވެރިކަން އުފެދިއްޖެ." ނަވާޒު ޝައުޤުވެރިކަމާއެކު ބުނެލި އެވެ.
"މާމައަށް އެކަން އެނގުނު ހިސާބުން މާމަ ބަދަލުވީ." ޖުމާނާ ސީދާ ބަލައިލީ ނަވާޒުގެ ދެ ލޮލަށެވެ.
"ލޯބި އަލިފާނަށް ވޭތަ؟" ނަވާޒު އަހައިލި އެވެ. "އެހެންތާ ވީދޯ. އެހެންވީމަ އަހަންނަށް ހަމަ ޖެހިލުން ވެވެނީ."
"މާނައަކީ އަހަރުމެން އުޅެންވީ މުޅި އުމުރަށް ވެސް މިހެންނޭތަ؟" ޖުމާނާ ހިތްހަމަ ނުޖެހުނެވެ.
"ނޫނޭ. އަހަރެން ކޯސް ނިންމައިފަ އަންނައިރު މި ހުރިހާ ކަމެއް ބަދަލުވާނެ ކަމަށް މިބަލަނީ." ނަވާޒު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.
ކުއްލިއަކަށް ނަވާޒުގެ ދެ ލޯ ހުޅުވާލެވުނެވެ. ޖުމާނާގެ އުފާވެރި ހަނދާންތަކުން އޭނާގެ ހިތަށް ލިބެމުންދިޔަ އުފާވެރިކަން އެކުގައި ފޮހެވުނެވެ. އޭނާގެ ފޯނު ރަނގަބީލުވާން ފެށުމުންނެވެ. ފޯނު ނަގައި ސްކުރީނަށް ބަލައިލި އެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނަވާޒު ފޯނަށް ބަލަން އިރުކޮޅަކު އިނެވެ. އޭނާ ފޯނު ނިއްވާލި އެވެ.
"ބަލައިގެން އުޅޭތި. އެހާ ސޭފެއް ނޫން އިނގޭ." ނަވާޒުގެ އެކުވެރި ރަމީޒު ފޯނުން ގުޅީ އޭނާއަށް ލިބުނު މައުލޫމާތެއް ހިއްސާކުރާށެވެ.
"ތިބުނީ އަހަންނަށް ނުރައްކަލެއް އޮތީތަ؟" ނަވާޒު އަހައިލި އެވެ.
"ނުރައްކާ ކުޑައެއް ނޫން." ނަވާޒު ހިނިތުންވެލި އެވެ. (ނުނިމޭ)










