Advertisement


(10 ވަނަ ބަޔާ ގުޅޭ)

"ހަސަނާތަ؟ އޯ މައި ގޯޑް." ސަނިއްޔާގެ މޫނުމަތި އުފާވެރިކަމުގެ ކުލަވަރުން ވިދައިލި އެވެ.

"ހެޕީ؟" ހަސަން ހިނިތުންވެލުމާއެކު އޭކާގެ ހުދުކަން ގަދަ ދަތްތައް ފެނުނެވެ.

"ވަރަށް... ވަރަށް ވަރަށް މިސްވި... ނުވެސް ބުނެލާ ފެނުނީމަ ވަރަށް ވަރަށް ހެޕީވެއްޖެ." ސަނިއްޔާ ތުއިވެލަމުން ހަސަނުގެ ދެ އަތުގައި ހިފައިލި އެވެ.

"މިތަނުގައިތަ ތިބޭނީތަ؟" ހަސަން ބަލައިލީ ސަނިއްޔާގެ މޫނަށެވެ.

"ކޮފީ؟ ރައިޑު؟ ރޫމަށް؟" ސަނިއްޔާ އެއްފަހަރާ އަމުނައިލި އެވެ.

"ދެން އެނގެއެއްނު." ހަސަން ލޮލަށް ގޮތެއް ހަދައިލި އެވެ.

"އޯހް. މިސް އިޓް އިނގޭ. ވަރަށް ބޮޑުކޮށް." ސަނިއްޔާ ހިނގައިގަތީ ދޮރާ ދިމާއަށެވެ. "ފިރިހެނަކު ނެތީމަ ނުވެފަ. ހިނގާދޯ."

ސަނިއްޔާ ހީވަނީ ހަސަނުގެ މުލައްދަނޑީގައި އޮޅުވާލައިފައިވާ ހަރުފައެއް ހެންނެވެ. ހަސަން ވެސް ލަސްލަހުން ފިޔަވަޅު އަޅަމުން ސަނިއްޔާއާއެކު ދިޔަ އެވެ. ސަނިއްޔާ މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ހަސަނާއެކު ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ.

ނަވާޒު ސައިކަލަށް އެރުމަށްފަހު ދުއްވާލި އެވެ. އޭނާގެ މިސްރާބުހުރީ ސަނިއްޔާމެން ގެއާ ދިމާއަށެވެ. ހަލަބޮލި މަގުތައް ފަސްދީ ނަވާޒަށް ސަނިއްޔާމެން ގެއާ ހަމައަށް އާދެވުނީ ފަސްވަރަކަށް މިނެޓު ފަހުންނެވެ. އޭނާ މަޑުކޮށްލީ ސަނިއްޔާގެ ކޮޓަރި ފެންނަ ހިސާބުގަ އެވެ.

ނަވާޒު ބަލައިލީ ސަނިއްޔާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ބޮކިތައް ދިއްލާފައި ހުރިކަން ފަނޑުގޮތަކަށް ނަމަވެސް ފާހަގަވަމުން ދިޔަ އެވެ. އެހެންވެ އޭނާ ޔަގީންކުރީ ސަނިއްޔާ ކޮޓަރީގައި އުޅޭނެކަމެވެ. ނަވާޒު ފޯނު ނަގައި ސަނިއްޔާގެ ނަންބަރަށް ގުޅައިލިއެވެ. ފޯނު ނުނެގުމުން ކެނޑުނީ އެވެ. ދެވަނަ ފަހަރަށް ގުޅި އެވެ. އެ ފަހަރު ވެސް ފޯނަށް ޖަވާބު ނުދޭތީ ކެނޑުނީ އެވެ. ތިންވަނަ ފަހަރަށް ގުޅައިގެން އިނދެ ނަވާޒު ކަޅި ޖަހައިނުލާ ބަލަން އިނީ ސަނިއްޔާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ކުޑަ ދޮރެއް ހުޅުވުނު މަންޒަރު އޭނާއަށް ފެނުނެވެ. ސަމާލުވެ އިނދެ ބަލަމުން ދިޔައީ އެ ދިމާއަށެވެ. ނަވާޒުގެ ލޮލުގައި އަޅައިގަތީ ހަސަނެވެ. ހަސަނުގެ މޭކަށިގަނޑާ ހަމައަށް ނަވާޒަށް ފެނުނެވެ. ނަވާޒު ކަމެއް ޔަގީންކުރި އެވެ.

އެހެންވެ އަވަސް އަވަހަށް އޭނާ ސައިކަލް ދުއްވާލި އެވެ. ފިކުރުތަކުން ބަރުޖެހެމުން ދިޔަ ސިކުނޑިއަށް ލުއިކަމެއް އިހުސާސްވޭތޯ އޭނާ ދުއްވީ އެވެ. މަންޒިލެއް ނެތް ގޮތަށް މާލެ ވަށައިގެން ދެ ބުރު ޖެހުނު އިރު ވެސް ނަވާޒުގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ލޯ މަރައިލިޔަސް އޭނާއަށް ސިފަވަމުން ދިޔައީ ކުޑަދޮރުން ހަސަނު ބޯދިއްކޮށްލި މަންޒަރެވެ. އޭނާގެ މޫނާއި ކޮނޑު ވިދަވިދާ ހުރި ސަބަބެވެ.

ދެވަނަ ސިކުންތުގައި ނަވާޒަށް ސިފަވާން ފަށަނީ ސަނިއްޔާއަށް ފިލާވަޅު އޮޅުންފިލުވައިދޭން ދިޔަރޭގެ ހާދިސާ އެވެ. ނިދަން އޮށޯތް މަންޒަރެވެ. ނިދައި ހޭލި އިރު އޮތް ހާލަތެވެ. ސަނިއްޔާ ކަންތައް ކުރި ގޮތެވެ. އޭގެ ފަހުން އޭނާއަށް ދެން ކުރިމަތިލާން ޖެހުނު ކަންކަމެވެ. ޝަފީއުއަށް ދިން ހަމަލާއެވެ. ސަނިއްޔާގެ ފޯނުކޯލުތަކެވެ. ސައިކަލް މަތީ އިން އިރު ވެސް އޭނާގެ ޚިޔާލުތައް އެކި ދިމަދިމާއަށް ހާވިނާވެގެންދެ އެވެ.

ދެ ލޯ ހުޅުވައިގެން އިނަސް އޭނާއަށް އެ މަންޒަރުތައް ފެންނަ ކަހަލަ އެވެ. އެ އިހުސާސްތައް އިވޭ ކަހަލަ އެވެ. އެ އަޑުތައް ކަންފަތުގެ ތޫރީގައި ހަރުލައިފަވާ ކަހަލަ އެވެ.

ކުއްލިއަކަށް ނަވާޒަށް ބުރެކި ޖައްސާލެވުނެވެ. މަރުގެ އެތި ފަހަރަކުން އޭނާ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އޭނާއަށް ހަމަ ހޭވެރިކަންވީ މީހުން ބާރުބާރަށް ހަޅޭއްލަވާގަތީމަ އެވެ. އޭނާއަށް ވަދެވިފައިވަނީ އެއްކޮޅަށް ދުއްވާ މަގަކަށެވެ. އެނާއަށް ދުއްވުނީ ގަވާއިދާ ހިލާފަށެވެ. އެ މަގުގެ މެދާހައިން ދުއްވާފައި އައި ކާރެއްގައި ނުޖެހުނީ ހަމަ ކިރިޔާ އެވެ. ނަވާޒަށް ވަށައިގެން ބަލައިލެވުނެވެ. މީހުން ކުދިކިޔަމުން ދިޔަ އެވެ.

"ވަންވޭއެއްކަން ވެސް ނޭނގިތަ ދުއްވަނީ؟ ކަލޭއަށް ލައިސަންސް ދިނީ ކާކުތަ؟ އަލަށްތަ މާލެ އަރައިގެން ތި އުޅެނީ؟" ނަވާޒުގެ އެންމެ ގާތުގައި ސައިކަލް މަތީގައި އިން މެދު އުމުރުގެ މީހަކު ރުޅި އައިސްގެން އެއް ފައްޗަކަށް އަމުނައިލި އެވެ.

"ހަމަތޯ ބަލަން ޓެސްޓު ކުރާންދާންވީ. ބަލާބެލުމަށް ތިބޭނީ ނިކަން ޑީސެންޓުކޮށް. އެކަމަކު ރީތި ގޮތުގައި ހިއްޕަވާނެ. މި ރާއްޖޭގައި އެކަން ނުކުރާ މީހުންނަކީ މިއަދު އެއްވެސް ބަޔެއް ނޫން. ކުޑަކޮށް ޗިލްވެލައިގެން ނޫނީ ޒުވާނަކަށް ނުވެވޭނެ މިހާރަކު." އެ ސައިކަލްގެ ފަހަތުގައި އިން މީހާ ވެސް ކުރިން ވާހަކަދެއްކި މީހާއާ ބައިވެރިވެލި އެވެ.

ނަވާޒު އަނެއްކާ ވެސް ވަށައިގެންވާ މާހައުލަށް ބަލައިލި އެވެ. އެ ވަގުތު މަގުމަތީގައި ތިބި އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ނަވާޒާ ދިމާއަށެވެ. އޭނާގެ މޫނަށެވެ. ނަވާޒު ލަދުން އިސްޖަހައިލި އެވެ. އޭނާ މިސްރާބު ބަދަލުކޮށްލި އެވެ.

އިރުކޮޅެއް ފަހެވެ. އޭނާ ގޮސް އިށީނީ ރަސްފަންނުގައި ހުރި ޖޯއްޔެއްގަ އެވެ. ބޯދަށަށް ކަނާއަތް ލައިގެން ވައަތް ނިތްކުރިމަތީގައި ބާއްވައިލަމުން އޭނާގެ ހިޔާލުތަކާއި ފިކުރުތައް ދޫކޮށްލި އެވެ. އެއްވެސް ކަމަކާ ނުވިސްނަން އޭނާ ނިންމި އެވެ. ފެނުނު މަންޒަރުތަކާއެކު ހިތަށް ވަދެގެން ދިޔަ ކަންކަން އެއީ ވަހުމުތަކެއް ގޮތަށް އޭނާއަށް ސިފަވި އެވެ. އޭނާ ބޭނުންވީ ރަނގަޅަށް ވިސްނާށެވެ. ފެނުނު މަންޒަރުތައް ވެސް އެއްކީލިކޮށް ތަރުޖަމާކުރާށެވެ.

ނަވާޒަށް ސިހުން ލިބުނީ ފޯނު ވައިބުރޭޓުވާން ފެށުމުންނެވެ. އޭނާ ފޯނު ނަގައި ސްކުރީނަށް ބަލައިލި އެވެ. ގުޅަނީ ޝަފީއު އެވެ.

"ކޮބާ އަދި ވެސް ނުނިމޭތަ؟ ޚަބަރެއް ނުވީމަ ނިމިދާނެ ކަމަށް ބަލައިފަ މި ގުޅީ." ޝަފީއުގެ އަޑުގައި ހުރީ ދިމާކުރުމުގެ ވައްޓަފާޅި އެވެ.

"ނޫނޭ." ނަވާޒުގެ ޖަވާބު ކުރުކޮށްލެވުނީ އިޚްތިޔާރުން ބޭރުގަ އެވެ.

"ހާދަ ނުގޮތަކަށް." ޝަފީއު އެކަން ދެނެގަތެވެ.

"އާނ. ހީކުރި ގޮތަކަށް ނޫން ދިމާވީ." ނަވާޒު ދުރުދުރުން ފެށި އެވެ.

"ތިބުނީ؟" ޝަފީއު ސުވާލު ތަކުރާރުކޮށްލި އެވެ.

"މި ބުނީ އަހަރެން ވަރަށް ރާވައިގެން ޑައިލޮގުތައް ހިތު ދަސްކޮށްގެން ދިޔައީ." ނަވާޒު މަޑުމަޑުން ބުނެލި އެވެ.

"ޑައިލޮގެއް ހަނދާން ނެތުނީދޯ. ޔަގީން ބަޓުވީކަން. ޑައިލޮގު ދަސްކޮށްގެން ދިޔަކަން." ޝަފީއުގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

"އެހެންނެއް ނޫން." ނަވާޒު ރުންކުރުވާން ފެށި އެވެ.

އޭނާގެ އެންމެ ގާތް އެކުވެރިޔާ ވެސް އޭނާއަށް މަލާމަތް ކުރާކަމުގެ އިހުސާސް ކުރެވޭން ފެށުމުންނެވެ. އޭނާއަށް ދިމާވާ ކޮންމެ ކަމެއްގެ ފަހަތުގައި ހިފަން ހުރި މީހާ އޭނާއަށް މަލާމަތްކޮށް ހޭނެ ކަމަކަށް އޭނާއަކަށް ނުވިސްނެ އެވެ.

"ފިލްމުތަކުގައި ވާހެން ދޯ މިވީ." ޝަފީއުގެ ރާގު ބަދަލުވި އެވެ.

ނަވާޒު ރުޅިއައި ވަރުން އަނގައިން ނުބުނެ އޮތީ އެވެ. ބަހެއް ވެސް ނުބުނެ ހަމަ އޮތް ގޮތަށް އޮތީ އެވެ. އެކަން ޝަފީއުއަށް ދެނެގަނެވުނީ ތަންކޮޅެއް ލަހުންނެވެ.

"އޭ، ސޮރީ. ވީގޮތް ކިޔައިބަލަ." ޝަފީއަށް ވިސްނުނު ކަހަލަ އެވެ.

"ކަމެއް ނުވޭ. އަހަންނަށް ހީވަނީ ގޯސްކޮށް ވިސްނުނީހެން." ނަވާޒު އަޑުމަޑުވި އެވެ.

"މަންޒަރެއް ފެނުނީތަ؟" ޝަފީއު ވެސް މަޑުމައިތިރި ރާގެއްގައި ބުނެލި އެވެ.

"ކޮޓަރިން، ފިރިހެނެއް. ދާހިއްލާ ފޯވެފަ ހުރީ." ނަވާޒު ލަސްލަހުން ބުނެލި އެވެ.

"ނަވާޒު ވެސް އެ ކޮޓަރިއަށް ވަނީތަ އަނެއްކާ ވެސް؟" އަބުއި ރާގެއްގައި ޝަފީއު ބުނެލި އެވެ.

ނަވާޒު ކަންވީ ގޮތް ކިޔައިދިނެވެ. އޭނާއަށް ފެނުނު މަންޒަރާއި ސަނިއްޔާ ފޯނަށް ޖަވާބު ނުދިނުމާ ގުޅުވާލި އެވެ.

"އެބައާދޭ ފޯނެއް، ކާކު މި ގުޅަނީ؟" ނަވާޒު ކަންފަތުން ފޯނު ދުރުކޮށްލަމުން ފޯނަށް ބަލައިލި އެވެ. "އޭ ސަނީ ގުޅަނީ. ނަގަންވީތަ؟"

"ނަގައިފަ ބަހައްޓާ، ނަވާޒަށް ހުރިހާ ކަމެއް އެނގޭކަން ވެސް އަންގައިލާ." ޝަފީއު ހިޔާލު ދިނެވެ.

"ހަލޯ." ނަވާޒު އަޑު މަޑުކޮށްލި އެވެ.

"އަންނާނަމޭ ކިޔައިފަ ނައީމަ." ޝަކުވާގެ ރާގުގައި ސަނިއްޔާ ބުނެލި އެވެ.

"ސަނީ ހުރީ ތަނަކަށް ދާން ބޭނުންވެފަތަ؟" ނަވާޒު ނުގޮތަކަށް އޭނާއަށް ފެނުނު މަންޒަރުގެ ވާހަކަ ހިއްސާކުރި އެވެ.

"ތި ބުނީ؟" ނަވާޒު ބުނި އެއްޗެއް ސަނިއްޔާއަކަށް ނުވިސްނުނެވެ.

"މި ބުނީ އެހެން މީހަކު ކޮޓަރިއަށް ލައިގެން އުޅެމުން ތަނަކަށް ދެވޭނެހޭ." ނަވާޒު ސީދާކޮށް ބުނެލި އެވެ.

"އަހަރެން؟ ކާކު؟ ކޮންތާކު؟" ސަނިއްޔާގެ ރާގު ބަދަލުވާން ފެށި އެވެ.

"ސަނީ ހީކުރީ އަހަންނަށް ނޭނގޭނެ ކަމަށްތަ؟" ނަވާޒު ރުޅި އިސްކުރި އެވެ.

"ކާކުހޭ؟" ސަނިއްޔާ ވެސް ހުރީ ދޫ ދޭގޮތަކަށް ނޫނެވެ.

"އަހަންނެއް ނޫނެއް ބެލީ ކާކުތޯއެއް،" ނަވާޒު ގާތަށް ރުޅި އަ އެވެ. "އަހަންނެއް ނޫނޭ އަލަށް ނުކުން ކޮންމެ ވައްތަރެއްގެ ކޮފީއެއް ނުބޮވިގެން ހަނދުބޮޑުވަނީ."

"ނަވާޒު ސާފުކޮށް ކިޔައިބަލަ ކިޔާ އެއްޗެއް." ސަނިއްޔާ އަޑުބާރުވި އެވެ.

"ޒަމާނީ ބޮޑު ތުނބުޅިއެއް ލައިފަހުރި، ޖާނު ވަރުގަދަ މީހެއް. އަހަންނަށް ފެނުނީ ހުސްގަޔާ ހުރި މީހެއް ކޮނޑުން ފެށިގެން މަތި،" ނަވާޒު އޭނާއަށް ފެނުނު މަންޒަރު ސިފަކޮށްދިނެވެ. "އޭނާގެ މޫނުމަތިން އަރަމުންދިޔަ ވިދުންކަނިތަކުން އަހަންނަށް ޔަގީންވީ އެންމެކަމެއް."

"ނަވާއަށް ތިޔަ ވިސްނެނީ ރަނގަޅަކަށް ނޫން." ސަނިއްޔާ ރުޅި އިސްކުރި އެވެ.

"ދެން ހުރިހާ ކަމެއް ފެނުނީމަ ވެސް ދައްކާނެ ބަހަނާ ހުހެއް ވެސް ނުވޭތަ؟"

"މީ ބަހަނާއެއްތަ؟ ނަވާޒު އެއް ފަހަރު ވެސް އަހައިލިންތަ އަހަރެން ކުރީ ކޮންކަމެއްތޯ؟ ދެން އަހައި ވެސް ނުލާ، ބަލައިވެސް ނުލާ ކޮންހާ ޝައްކެއް ތި ކުރަނީ؟" ސަނިއްޔާ ހިތްހަމަ ނުޖެހުނެވެ.

"ބަލަ އަހަންނަށް ފެނުނީއޭ. އަހަރެން މަގުމަތިން ބަލަން ހުއްޓާ އެމީހާ ދޮރު ހުޅުވާލި. ސަނީއަށް ގުޅައިގުޅައި ފޯނު ނުނެގީމަ ބަލަން ޖެހޭނެދޯ." (ނުނިމޭ)