Advertisement

އޭއެފްސީ ކަޕް މައްސަލައިގައި ރާއްޖެ އަށް އަދަބުދިނުމުގެ ފުރުސަތު ބޮޑު: ބައްސާމް

18 މޭ 2021 - 01:42 3

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބައްދަލުވުމެއްގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: އެފްއޭއެމް


އޭއެފްސީ ކަޕް މައްސަލައިގައި ރާއްޖެ އަށް އަދަބުދިނުމުގެ ފުރުސަތު ބޮޑު: ބައްސާމް

18 މޭ 2021 - 01:42 3

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް ފަހު ވަގުތު ފަސްކުރަން ރާއްޖޭން ނިންމި މައްސަލައިގައި އޭއެފްސީން ރާއްޖެއާ މެދު ފިޔަވަޅެއް އެޅުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 11 ވަނަ ދުވަހު މާލޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފް މެޗުގައި ކުޅެން އޮތީ އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އެވެ. އަދި އެ މެޗުން މޮޅުވާ ޓީމެއް ހިމެނިގެން ކުޅޭ ދެކުނު އޭޝިއާ އަށް ހާއްސަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭވިފައި އޮތީ މި މަހު 14 އިން 20 އަށް މާލޭގައި ކުޅުމަށެވެ. އެ ގްރޫޕްގައި އޮތީ ރާއްޖޭގެ މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

މެޗުތައް ފަސްކުރިއިރު، ބެންގަލޫރު ތިބީ މާލޭގަ އެވެ. ބަޝުންދުރާ އާއި އޭޓީކޭ ދިޔައީ ރާއްޖެ އަންނަން ދަތުރަށް ތައްޔާރުވަމުންނެވެ. އީގަލްްސް އާއި މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ކޭމްޕް ކޮށްގެންނެވެ.

ރާއްޖޭގައި ކުޅެން މެޗުތައް ފަސްކުރަން ޖެހުނީ ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ މަގުމައްޗަށް ނުކުތުމުން އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބެންގަލޫރު ޓީމު އެނބުރި ގައުމަށް ދާން އެންގެވި ހިސާބުންނެވެ.

އޭގެ ފަހުން ރާއްޖޭގައި މި ވަގުތު އޭއެފްސީ ކަޕްގެ މެޗުތައް ކުޅެވެން ނެތްކަން ސަރުކާރުން އެންގުމާ އެކު އެފްއޭއެމުން އެކަން އޭއެފްސީއާ ހިއްސާކުރި އެވެ. އޭއެފްސީން އެންމެ ފަހުން ނިންމީ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރާށެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް މިރޭ ވިދާޅުވީ ކޮވިޑްގެ ކޭސް މައްޗަށް ދިއުމާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ އެއްކޮށް ކުރިން ވެސް މުބާރާތަށް ހެދޭނެ ގޮތްތަކާ މެދު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެއީ ހުއްދައިގެ ތެރެއިން އޭއެފްސީ ކަޕް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ބައްސާމް ވިދާޅުވީ މުބާރާތް ކެންސަލްކުރިއިރު، ބޭރުގެ ތިން ޓީމެއް ބައިވެރިވުމާއި އެއާ އެކީގައި މި ގްރޫޕް ސްޓޭޖު ބޭއްވުމަށްޓަކައި ވަރަށް ގިނަ ރެފްރީންނާއި އޮފިޝަލުން އަދި އޭއެފްސީގެ ކޮންޓިންޖެންޓެއް ރާއްޖެ އަންނަން އޮތީ އެކި ތަންތަނުން ޓްރާސިޓްގައި ދަތުރުތައް ފަށާފައި ކަމަށެވެ. އަދި ބޭރުގެ ޓީމުތައް ރާއްޖޭގެ ހޮޓާތަކުން ބުކިން ހެދުމާއި އެއާލައިންގެ ޓިކެޓް ނެގުމާ މިހުރިހާ ކަމެއް ނިމިފައި އޮތްކަން ވެސް ބައްސާމް ފާހަގަކުރެއްވި އެވެ.

އޭއެފްސީން ރާއްޖެއާ މެދު ފިޔަވަޅެއް އަޅާނަމަ އެކަން ކުރާނީ އެފްއޭއެމަށް ކަމަށާއި އޭއެފްސީއާ ރާއްޖެ ގުޅާލައިދޭ ތަނަކީ އެފްއޭއެމްކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"މި ފަރާތްތަކަށް (ކްލަބްތަކާއި އޭއެފްސީގެ އޮފިޝަލުންނަށް) ވަރަށް ބޮޑު ގެއްލުމެއް މި ލިބިގެންދިޔައީ (އޭއެފްސީ ކަޕް ފަސްކުރީމަ). އެއީ އެ ކްލަބްތަކުން އަމިއްލަ ހަރަދުގައި އެ ކަންތައް މި ކުރަނީ. އޭއެފްސީގެ ނުރުހުން ވެސް ފާޅުކުރި ވަރަށް ބޮޑަށް. ކުރިއަށް އޮތްތާގައި އެފްއޭއާ މެދުގައި ކޮންމެވެސް ކަހަލަ ޑިސިޕްލިނަރީ ފިޔަވަޅެއް އެޅިގެންދާނެ. މި މަޑުކުރަނީ ގްރޫޕް ސްޓޭޖު ބޭއްވޭނީ ކޮންތާކުތޯ ކޮން ވަގުތެއްގައި ތޯ ބެލުން. އެއާ އެކީގައި އަޅުގަނޑުމެންނަށް އަންނާނީ ކޮން ކަހަލަ އަދަބެއްތޯ ބެލުން،" ބައްސާމް ވިދާޅުވި އެވެ.

މާޒީގައި ކަންތައްތައް ދިމާވެފައި ހުރި ގޮތަށް ބަލާއިރު، ބައްސާމް ވިދާޅުވީ ރާއްޖެ އަށް އޭއެފްސީން އަޅާނެ އޮތީ ދެ ފިޔަވަޅެކެވެ. އެއީ ޖޫރިމަނާ ކުރުން ނޫނީ އޭއެފްސީގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ވަކި މުއްދަތެއް ވަންދެން ރާއްޖެ އަށް ނުދޭން ނިންމުމެވެ.

"އަޅުގަނޑުގެ ވިސްނުމުގައި ހުރީ ޖޫރިމަނާއެއް ހެން އަންނާނީ. ކްލަބްތަކަށް މިވީ ގެއްލުންތަކަށް ފޫބައްދަން އަޅުގަނޑުމެން ޕަނިޝްކުރާނީ (އަދަބުދޭނީ). ކޮށްގެން އެފްއޭ އިން ފީއެއްގެ ގޮތުގައި ނޫނިއްޔާ އަދަދެއްގެ ގޮތުގައި މި ނަގާ އެއްޗެއް މި ކްލަބްތަކަށް ދެވިގެންދާނީ. ހިތާމަ ހުރި ކަމަކަށް ވާނެ ދިގު މުއްދަތަކަށް ހޯސްޓްކުރުމުގެ ފުރުސަތު ގެއްލިއްޖެނަމަ،" ބައްސާމް ވިދާޅުވި އެވެ.

"މިއީ ހާއްސަ ހާލަތެއް ދުނިޔޭގައި ވެސް ދިމާވެގެން އުޅޭ. މީގެ ކޮންމެ ވެސް ވަރެއްގެ ލުއިތަކެއް ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް. އެކަމަކު ޑިސިޕްލިނަރީ ކޮމިޓީން ނިންމާނީ،"

ބައްސާމް ވިދާޅުވީ އުއްމީދުކުރާ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމު މި މަހު 30 އިން އަންނަ މަހުގެ 15 އަށް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން އަށް ޗައިނާ އަށް ދިއުމުގެ ކުރިން އޭއެފްސީން އަޅާ ފިޔަވަޅެއް އެނގޭނެ ކަމަށެވެ.

"ބޮޑު ޖޫރިމަނާއެއް އައިސްފިއްޔާ އެކަމަށް ވަގުތުން ހައްލެއް ނުހޯދޭނެ. (ފިޔަވަޅު) އެޅުމަށް ފަހު މަސައްކަތްކޮށްގެން ޖޫރިމަނާ އަދާކުރާން ޖެހޭނީ. އަޅުގަނޑަށް ހީވަނީ މި ދިމާވި ކަންތައްތަކާ ހުރެ ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ހެން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


މިދިޔަ މާޗް މަހު ރާއްޖޭން އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ބިޑްކުރިއިރު، ރާއްޖޭގެ ކޮވިޑްގެ ހާލަތު ދިޔައީ ރަނގަޅުވަމުންނެވެ. ބައްސާމް ވިދާޅުވީ ސަރުކާރާއި އެޗްޕީއޭ އިން އޭރު އޭއެފްސީ ކަޕް ހޯސްޓްކުރަން އެއްބާރުލުން ދިނީ ވެސް އެހެންވެ އެވެ.

އެކަމަކު ހާލަތު ބަދަލުވެގެން ގޮސް މުބާރާތުގެ މެޗުތައް ފެށެން ކުޑަދުވަސްކޮޅަކަށް ވީއިރު، ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވި ކަމަށެވެ. އަދި ބެންގަލޫރު ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެގެން މި ދިމާވި ކަންތައްތަކަށް ފަހު ސަރުކާރުން އޭއެފްސީ ކަޕް މި ވަގުތު ނުބާއްވަން ނިންމި ނިންމުން ރަނގަޅުކަަމަށް ގަބޫލުކުރަން ޖެހޭ ސަބަބުތަކެއް ވެސް އެބަހުރި ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ކަންދިމާކުރި ގޮތުން މިއައި އެއް ޓީމު (ބެންގަލޫރު)ގެ ކުޅުންތެރިންތަކެއް ބޭރަށް ނުކުތުމާ ގުޅިގެން އަދި އެ ދަނޑިވަޅަކީ ރާއްޖޭގެ ކޮވިޑް ޕޮޒިޓިވް ކޭސްތައް ވަރަށް މައްޗަށް ގޮސްފައިވާ ވަގުތެއް އަދި އެތައް ފުރާނަތަކެއް ގެއްލިގެންދިޔަ ވަގުތަކާ ދިމާވިއިރުގައި އަޅުގަނޑު ދަންނަވާނީ އެ ނެގި ޑިޒިޝަަނަކީ އަޅުގަނޑު ސަޕޯޓްކުރަން ޖެހޭ ޑިޒިޝަނެއް،" ބައްސާމް ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި ނުބޭއްވުމަކީ އަޅުގަނޑު ދަންނަވާނީ އެތައް ދިވެހިންނަކަށް ހިތަށް ފިނިކަމެއް ގެނުވާނެ ވަގުތަކަށް ވާނެ،"

ބެންގަލޫރުގެ ފަރާތުން ފެނުނީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެކަމަކު މީގެ ކުރިން އޭއެފްސީން ބައެއް މުބާރާތްތައް ނޫނީ މެޗުތައް ބާއްވާފައިވާއިރު، އުސޫލާ ހިލާފުވާ ކުޅުންތެރިން އެނބުރި ގައުމަށް ފޮނުވާލާފައި މެޗުތައް ކުޅެފައި ހުރިކަމަށް ބައްސާމް ވިދާޅުވި އެވެ. އެއީ ވެސް މި ފަހަރުގެ މެޗުތައް ރާއްޖޭގައި ކުރިއަށްގެންދަން ބަލައި އެފްއޭއެމް އޭއެފްސީގެ އަދަބަކުން ސަލާމަތް ކުރެވޭނެ ގޮތެއްކަން ބައްސާމް ފާހަގަކުރެއްވި އެވެ.

ބެންގަލޫރުން ޕްރޮޮޓޮކޯލާ ހިލާފުވި ކުޅުންތެރިންނަށް ފިޔަވަޅުއަޅާނެ ކަމަށާއި ކުރެވުނު ކަންތައްތަކަށް މައާފަށް އެދިފައިވާއިރު، އޭއެފްސީން ވެސް އެ ކްލަބަށް އަދަބެއް ދިނުމުގެ ފުރުސަތު ބޮޑެވެ.

ހާލަތު ބަދަލުވަމުން މި އައި ގޮތުން އެންމެ ފުރަތަމަ ވެސް ދެކުނީ މިއީ މި މުބާރާތުގެ މެޗުތައް ރާއްޖޭގައި ބާއްވަން އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ބައްސާމް ވިދާޅުވި އެވެ. އެކަމަކު ދެ މަހެއްހާ ދުވަސް ކުރިން ދުރާލާ ރޭވިގެން މުބާރާތް މި އޮތް ތާރީހުގައި ހޯސްޓްކުރަން އެކި ފަރާތްތަކުން އެތައް ހަރަދުތަކެއް ކުރެވިފައި އޮތުމުން އޭރު ބެލީ މުބާާރާތް ހަރުކަށި ޕްރޮޓޮކޯލެއްގެ ދަށުން ކުރިއަށް ގެންދެވޭތޯ އެވެ. އެކަމަކު ބެންގަލޫރުގެ ފަރާތުން ފެނުނު ކަންތައްތަކުން ހުރިހާ ކަމެއް ބަދަލުވީ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހާލަތު ރަނގަޅަށް އޮތް އިރެއްގައި އޭއެފްސީ ނޫނީ ބައިނަލްއަގުވާމީ މެޗުތައް ހޯސްޓްކުރަން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.