އޭއެފްސީ ކަޕްގައި އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ބެންގަލޫރު ޓީމު ރާއްޖެ އަތުވެއްޖެ

އީގަލްސްއާ ދެކޮޅަށް ކުޅެން ބެންގަލޫރުުން ގޯއާގައި އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު އެފްސީ

އީގަލްސްއާ ދެކޮޅަށް ކުޅެން ބެންގަލޫރުުން ގޯއާގައި އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ބެންގަލޫރު އެފްސީ

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު މިއަދު މާލެ އަތުވެއްޖެ އެވެ.

ބެންގަލޫރުން ދާދި ދެންމެ އަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައްކާތެރިކަމާ އެކު ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މާލެ އާދެވިފައިވާ ކަމަށެވެ.

މި މެޗު ކުޅުމުގެ ފުރުސަތު ބެންގަލޫރުން ހޯދީ ކޮލިފައިން ދެ ވަނަ ބުރުގައި ނޭޕާލްގެ އާްމީ ކްލަބް އަތުން މޮޅުވެގެންނެވެ. އީގަލްސް އިން ކޮލިފައިން ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މިދިޔަ މަހު ހަތް ވަނަ ދުވަހު މޮޅުވި އެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް ކުޅެވޭތޯ ކުރި ހުރިހާ މަސައްކަތެއް ކާމިޔާބުނުވުމުން އޭއެފްސީން އެ ޓީމު ވަކިކޮށް ޕްލޭއޮފްގެ ފުރުސަތު ދިނީ އީގަލްސް އެވެ.

ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް ކޮލިފައިން ގްރޫޕްގެ ފަހު ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް މާލޭގައި ކުޅެން ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 އިން 20 އަށެވެ. ރާއްޖޭން އެ މެޗުތައް ހޯސްޓްކުރުމުގެ ފުރުުސަތު ހޯދީ އިންޑިއާއާ ވާދަކޮށް ބިޑް ކާމިޔާބު ކޮށްގެންނެވެ.

ސަރަހައްދުގެ ގަދަބާރެއް ކަމަށްވާ ބެންގަލޫރުން އޭއެފްސީ ކަޕްގައި މިހާތަނަށް ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް 10 މެޗު ކުޅެފައިވެ އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ހަ މެޗާއި ނިއުއާ ދެކޮޅަށް ދެ މެޗާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ވެސް ބެންގަލޫރު އޮތީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ އަތުންނެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވެ ހާލަތު ގޯސްވާތީ މި މަހު ރާއްޖޭގައި ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗާއި ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު މަޝްވަރާ ކުރި ނަމަވެސް އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ.

ބެންގަލޫރު ކުޅުންތެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި.-- ފޮޓޯ: އެފްއޭއެމް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ހާއްސަ ހުއްދައާ އެކު މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ މެޗުތައް މާލޭގައި ކުރިއަށްގެންދާނީ އޭއެފްސީގެ ހަރުކަށި ގައިޑްލައިންތަކާއި އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށެވެ.

އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ އީގަލްސް އާއި މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެ ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. އަދި މިއަދު އެ ދެ ޓީމު ވަނީ އޭއެފްސީ ކަޕަށް ކޭމްޕް ކޮށްފަ އެވެ. އެ ދެ ޓީމު މި ވަގުތު ތިބި ހޮޓަލުން ދެން ނުކުމެވޭނީ ހަމައެކަނި ޓްރެއިނިންގެ އިތުރުން މެޗުތައް ކުޅެން އެކަންޏެވެ. ގަވައިދުން ދުވާލަކު އެއް ފަހަރު ހޫނިމިން ޗެކްކުރުމަށް ފަހު ފޮނުވަން ޖެހޭނެ އެވެ. އަދި ބޭނުންވި ކޮންމެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ދޭން ޖެހޭނެ އެވެ.

އޭއެފްސީ ޕްރޮޓޮކޯލްގައިވާ ގޮތުން ކޮންމެ ޓީމެއް ވެސް އަމިއްލަ ގައުމުން ފުރުމުގެ ކުރިން ކޮވިޑަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ އެވެ. އެ ގޮތުން ބެންގަލޫރުން ވެސް ވަނީ ކޮވިޑް ޓެސްޓް ހަދައިފަ އެވެ. އަދި މާލޭގައި އެ ޓީމު ތިބޭ ހޮޓަލަށް ވަނުމުގެ ކުރިން އިތުރު ޓެސްޓެއް އަދި ހަދާނެ އެވެ. ބެންގަލޫރަށް ވެސް އަދި ދެން ރާއްޖެ އަންނަން އޮތް މޯހަން ބަގާން އާއި ބަޝުންދުރާ އަށް ވެސް ހޮޓަލުން ނުކުމެވޭނީ ހަމައެކަނި ޓްރެއިނިންނާއި މެޗުތަކަށް އެކަންޏެވެ.

ބެންގަލޫރުން ފާއިތުވި އަށް މަހެއްހާ ދުވަހު އުޅުނީ އަމިއްލަ ބަބްލްއެއްގެ ތެރޭގަ އެވެ. އަދި މި މުބާރާތުގެ ކުރިން އެ ޓީމުން ކޭމްޕް ކޮށްގެން ތިބީ އިންޑިއާގެ ގޯއާގަ އެވެ. އެ ތަނުގައި ދާދި ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. މޯހަން ބަގާން ވެސް އަންނަނީ އަމިއްލަ ސޭފްޓީ ބަބްލްއެއްގެ ތެރެއިން ޓްރެއިނިންތައް ކުރިއަށްގެންދަމުންނެވެ. އަދި ބަޝުންދުރާ އިން ވެސް ސަލާމަތީ ކަންތައްތަކަށް އިސްކަން ދީގެން އަންނަނީ އެ ގައުމުގެ ލީގުގެ މެޗުތައް ކުޅެމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންޑިއާގެ ޓީމުތައް ރާއްޖޭން ފުރާއިރު ވެސް ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށާއި ރާއްޖޭގެ ޓީމުތަކުން އެ މުބާރާތަށް ފަހު ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

ގަލޮޅު ދަނޑުގައި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އޭއެފްސީ ކަޕް ބާއްވާނީ ވީ އެންމެ ފުރިހަމަ އަށް ސަލާމަތީ ގޮތުން ތައްޔާރުވުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ހާލަތުގެ ގޮތުން މި މުބާރާތުގެ މެޗުތައް ބާއްވަން އެންމެ މުނާސަބު ވަގުތު ކަމުގައި ނުވި ނަމަވެސް މި މުބާރާތުގެ ކަންކަން ކުރިއަށްގެންދަން ރޭވިފައިވާ ގޮތަށް ބަލާއިރު ރައްކާތެރި މާހައުލެއްގައި މިކަން ކުރެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށް ބައްސާމާއި މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox