ބާސެލޯނާ (ނޮވެމްބަރު 29) - ސްޕެނިޝް ލީގުގައި މިރޭ ޑިޕޯޓިވޯ ލަ ކަރޫނިއާ 5-1 އިން ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުންހިފައިފި އެވެ.
ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް މި ހަފްތާގައި އަމިއްލަ ދަނޑުގައި އަލަވޭސް އަތުން ބަލިވުމުގެ ފައިދާ ބާސެލޯނާ މި ވަނީ ނަގައިފަ އެވެ. ބާސެލޯނާ އިން އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 14 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 14 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލަށް 14 މެޗުން ލިބުނީ 33 ޕޮއިންޓެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ދެ ވަަނަ މިނިޓްގައި ޕެޑްރީ ގޮންޒާލޭޒް ދިން ބޯޅައަކުން ލަމީން ޔަމާލް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އޭގެ ހަތް މިނިޓް ފަހުން، މެޗުގެ ނުވަ ވަނަ މިނިޓްގައި ޑިޕޯޓިވޯ އިން ލަނޑު ޖަހައި އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ބާސެލޯނާ އަށް ކުރިން ކުޅުނު ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ގޯލުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން އަލުން ލީޑުނެގި އެވެ. މިއީ، އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތަކުން ޑެނީ އޮލްމޯ ޖެހި ގޯލެކެވެ. އަނިޔާ އިން ރަނގަޅުވެ، އަލުން ފިޓްވަމުން އަންނަ އޮލްމޯ އަންނަނީ މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުކުރަމުންނެވެ.
ޔަމާލް ދިން ބޯޅައަކުން މެޗުގެ 50 ވަނަ މިނިޓްގައި ރަފީނިއާ ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އަދި، 83 ވަނަ މިނިޓްގައި ރަފީނިއާ ދެ ވަނަ ލަނޑު ޖެހީ ރަނގަޅު ތަނަށް އަރައި ހުރެ އެވެ. އަދި، އިތުރު ވަގުުތުގައި ރަފީނިއާ ހެޓްރިކް ފުރިހަމަަ ކުރި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ވެސް ޔަމާލް އެވެ.
މި މެޗުގައި ހެދި ހެޓްރިކާ އެކު، ރަފީނިއާ މި ވަނީ މި ސީޒަނުގެ މިހާތަނަށް ހުރިހާ މުބާރާތެއްގައި، 22 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން، 18 ލަނޑު ޖެހީ ސްޕެނިޝް ލީގުގަ އެވެ. އަދި، ސްޕެނިޝް ލީގުގައި ތިން ހެޓްރިކް ވަނީ ހަދައިފަ އެވެ.







