މެޑްރިޑް (ނޮވެމްބަރު 29) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އަލަވޭސް އަތުން ރެއާލް މެޑްރިޑް 2-1 އިން ބަލިވެއްޖެ އެވެ.
މިއީ، އެންމެ ފަހުން ކުޅުނު 10 މެޗުން މޮޅުވި ރެއާލުން މި ސީޒަނުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. އަދި، މި މެޗުން ރެއާލް ބަލިވުމުން ލީގުގެ އެއް ވަނައިގައި ބާސެލޯނާ އަށް ލީޑުފުޅާކުރަން ވަނީ ފުރުސަތު ލިބިފަ އެވެ. ބާސެލޯނާ، މި ވަގުތު އެއް ވަނައިގައި އޮތީ 13 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލަށް 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ.
ރޭގެ މެޗުގެ 22 ވަނަ މިނިޓްގައި އަލަވޭސް އިން ލީޑުނެގީ ރެއާލްގެ ޑިފެންޑަރު، ޑީން ހައުސަން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. އަލަވޭސް އަށް މި ލަނޑު ޖަހައިިދިނީ ޓޯނީ މާޓިނޭޒް އެވެ. މި ލަނޑާ އެކު އަލަވޭސް އިން އިތުބާރާ އެކު ކުޅެ، ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ.
ދެ ވަނަ ހާފު ފެށިއިރު ރެއާލުން ވަނީ ބެނާޑޯ ސިލްވާ އާއި ޔަން ޑިއޮމަންޑޭ ކުޅެން އަރުވައިފަ އެވެ. އެކަމަކު، މި ހާފު ފެށިގެން ތިން މިނިޓް ތެރޭ އަލަވޭސް އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. އަލަވޭސްގެ އަބްދޭ ރެބަޗް ޖެހި ގޯލު ވަނީ އޮފްސައިޑް ކަަމަށް ނިންމައިފަ އެވެ.
އަލަވޭސް އިން ދެ ވަނަ ލަނޑެއް ޖަހައި ލީޑުފުޅާކުރީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ، އެންޖެލް ޕެރޭޒް އެވެ. މިއީ ވެސް ރެއާލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައިގެން އަލަވޭސް އިން ޖެހި ގޯލެކެވެ. ރެއާލުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުުރީ، އަލަވޭސް އިން ލީޑުފުޅާކުރިތާ އަށް މިނިޓް ފަހުންނެވެ. އެ ގޮތުން، މެޗުގެ 69 ވަނަ މިނިޓްގައި ރެއާލްގެ ލަނޑު ޖެހީ ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ކީލިއަން އެމްބާޕޭ އެވެ.
އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރަން ރެއާލުން ކުރި މަސައްކަަތް ނާކާމިޔާބުވިއިރު، މެޗު ނިންމާލަން ޖެހުނީ އެ އަށް ވުރެން ދެރަކޮށެވެ. މެޗުގެ 88 ވަނަ މިނިޓްގައި ރެއާލްގެ ބެލިންހަމް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ބެލިންހަމް އަށްް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީއެއް ހޯދަން ޑައިވް ކުރި ކަމަށް ބަލައިފަ އެވެ. އަދި، ފުރަަތަމަ ރީނދޫ ކާޑަކީ ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން ދެއްކި ކާޑެކެެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބެލިންހަމްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ބެލިންހަމް ވަނީ އެއީ ޕެނަލްޓީއެއް ކަމަށް ބުނެފައި ކަމަށާއި ކުޅުންތެރިއަކު އެ ގޮތަށް ބުނުމުން އިތުބާރުކުރާ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.







