މެޑްރިޑް (ނޮވެމްބަރު 9) - ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ބާސެލޯނާ އެއް ވަނައިގައި އޮތީ 12 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 12 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް 12 މެޗުން 28 ޕޮއިންޓް ވަނީ ލިބިފަ އެެވެ. އަދި، ހަތަރެއްގައި އޮތް ރެއާލް ބެޓިސްގެ އޮތީ 12 މެޗުން 26 ޕޮއިންޓެވެ.
އެތުލެޓިކޯގެ ވަންޑާ ޕެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލީޑުނަގައިދޭން ހަ ވަނަ މިނިޓްގައި ހޫލިއަން އަލްވަރޭޒަށް ލިބުނު ފުުރުސަތުގައި ބޭނުމެއް ނުކުރެވުނެވެ. އޭގެ ފަހުން، އެތުލެޓިކޯގެ މާކް ޕިއުބިލް އާއި ބާސެލޯނާގެ ޕެޑްރީ އަށް ލިބުނު ބޯޅަތަކުން ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގައި އެތުލެޓިކޯ އިން ލީޑުނެގީ 10 ވަނަ މިނިޓްގަ އެވެ. މިއީ، އަލްވަރޭޒް ނެގި ހުރަހަކުން ޖޫލިއާނޯ ސިމިއޯނީ ރަނގަޅު ތަނަށް އަރައި ޖެހި ގޯލެކެވެ. އެކަމަކު، ފުރަތަމަ ހާފު ނިމެންދެން އެތުލެޓިކޯ އަށް ލީޑުގައި އޮވެވޭ ގޮތެއްނުވި އެވެ. ފާމިން ލޮޕޭޒަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބާސެލޯނާ މޮޅުކޮށްދިން ލަނޑު ވެސް ޖެހީ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ފާމިން އެވެ. އެ ގޮތުން، 66 ވަނަ މިނިޓްގައި ލަަމީން ޔަމާލް ދިން ބޯޅައެއް ފާމިން ލޮޕޭޒް ވަނީ ހަމަޖެހިލައިފައި އެތުލެޓިކޯގެ ގޯލަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.







