ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުގެ ކެޕްޓަނަށް އެކިވަރުގެ އަނިޔާތައް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 05:30 އެހައިކަންހާއިރު އެވެ. ނަމަވެސް، މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ އޭގެ ކެޕްޓަން އެކަންޏެވެ. އެއީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގައި އޭނާގެ ކަރާއި މޭމަތި ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.








