ހުޅުމާލެ ފޭސް ދޭއްގެ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޭ ދަންވަރު އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައި، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުންވެއްޖެ އެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 02:15 އެހައިކަންހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފަ އެވެ.
ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން، ރޭ ދަންވަރު 02:26 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލާފަ އެވެ.
ނަމަވެސް އޭރު އެ ކާރު ވަނީ އިތުރަށް ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި މި ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި ހާދިސާގައި ކާރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.








