އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމަންޖެހޭއިރު، 43 ރަށެއްގައި ފެނާއި 33 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"މި ދެންނެވި ގޮތަށް ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ހުރިހާ މަސައްކަތްތައް ނިންމުމަކީ އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ޒިންމާއެއް، އަދި ހަމަ އެއާއެކު ދަންނަވާލަން ބޭނުންވޭ، ޔުނައިޓެޑް ނޭޝަންސް މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްގެ ދަށުން ވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަކީ،" މުއްތަލިބު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މި އަހަރު ތެރޭގައި، މި ފެށޭ އަހަރު ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަން."
އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަކީ ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ސަރުކާރުގެ މައްޗަށް ލާޒިމުކަމެކެވެ. 2020 ވަނަ އަހަރު ފާސްކުރި އެ ގާނޫނުގައި އޭރު އޮތީ 2025 ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރަންޖެހޭ ގޮތަށެވެ. ނަމަވެސް، 2027 ގެ ނިޔަލަށް އެ މުއްދަތު އިތުރުކުރީ މި ވެރިކަން ހިންގާ ޕީއެންސީންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނައިފައި ވަނީ 8.2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، މީގެ ކުރިން 2025 އަދި މި އަހަރު ވެސް މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ ބަޖެޓުކުރި އަދަދަށްވުރެ މަދުންނެވެ.
އެހެންކަމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެސް ހިމަނައިފައިވާ އަދަދު، މަޝްރޫއުތަކަށް ހަރަދުނުކޮށްފާނެކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ބަޖެޓުގައި ހިމަނައިފައި ނުވާތީ ވެސް ބައެއް މެންބަރުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.








