ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން ނިންމައިފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރު "ބްރަދާ އަބްދުﷲ" ގެ ނަމުން ނިސްބަތްކުރައްވަނީ ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބަށްތޯ އަހައި ކުރި ސުވާލަށް ޖަވާބެއް ނުދެއްވައި އޭނާ ދޫކޮށްލައްވައިފި އެވެ.
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ރިޝްވަތުގެ ގޮތުގައި އީގަލް ހިލްސްގެ ވެރިޔާ "ބްރަދާ އަބްދުﷲ" ކިޔާ ބޭފުޅަކަށް ވަރަށް ގިނަ ފައިސާ ދިންކަމުގެ ތުހުމަތަކީ ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅުވެރި ފަރާތްތަކުން ކުރާ ތުހުމަތެކެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް އިޝާރާތްކުރައްވައި، "ބްރަދާ އަބްދުﷲ" އަކީ މުއްތަލިބުތޯ ސުވާލުކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެވެ. ނަމަވެސް، އޭނަ ކުރެއްވި އެ ސުވާލަށް މުއްތަލިބު ޖަވާބެއް ނުދެއްވި އެވެ.
އޭގެ ބަދަލުގައި މުއްތަލިބު ރައްދު ދެއްވައި ޖަވާބު ދެއްވީ، މައުރޫފް ފުރަތަމަ ކުރެއްވި ސުވާލަށެވެ. މައުރޫފް ފުރަތަމަ ސުވާލުކުރެއްވީ ރަސްމާލޭގެ 500 ހެކްޓަރު ބޭރުގެ ބަޔަކަށް ދިނުމުން، އެ ތަނުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އަދަދަށް އެކަން ކުރެވޭނެތޯ އެވެ.
އެ ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި މުއްތަލިބު ފުރަތަމަ ދެއްވީ ސިޔާސީ ރައްދެކެވެ. އޭނާ ވިދާޅުވީ މައުރޫފްގެ ވިސްނުން ހުރީ ރަސްމާލެއަކީ މީހުން ނިދަން އަރާ ހާއްޔެއްގެ ގޮތުގައި ބޭއްވުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު، ގިރާވަރުފަޅުން ގޯތި ދިންގޮތަށް، އިބްރާހިމް މުހައްމަދު ސޯލިހު ގުޅީފަޅުން ގޯތި ދިންގޮތަށް ވިޔަފާރިއެއް ކުރާނެ، އާމްދަނީއެއް ހޯދާނެ އެއްވެސް ބިމެއް ނެތި ގޯތި ދޫކޮށްފިކަމަށްވަންޏާމުން، ރަސްމާލެއިން ގޯތި ދޫކޮށްފިކަމަށްވަންޏާމުން ކުރިއަށް އޮތް 40 އަހަރު ތެރޭގައި ވެސް އެތަން ތަރައްގީއެއް ނުވާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ދެނީ އެ ތަނުގައި ދިވެހީންނަށް އޮންނަ ބައިގައި ދިރިއުޅޭ މީހުންނަށް ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ތިބި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ އެންމެންނަށް ރަސްމާލޭގައި ދިވެހީންނަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"500 ހެކްޓަރަކީ ހުޅުމާލެ 1، އާއި 2 އާ އެއްކޮށްލީމާ އެއަށްވުރެ ވެސް ބޮޑު ތަނެއް، އެ ތަނުން ދިވެހި ރައްޔިތުންގެ މާލެ ސަރަހައްދުން ބޯހިޔާވަހިކަން ނުލިބޭ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ދެވޭނެ، އެހެންވީމާ އެއާ އެއްކޮށް އުފެދިގެންދާ އިގުތިސާދަށް ހުރަސް އެޅުމަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ތަނަވަސްކަމަށް ސީދާ ހުރަސްއެޅުން،" މުއްތަލިބު ވިދާޅުވި އެވެ.
ކ. ފުށިދިއްގަރުފަޅު ހިއްކައި ރަސްމާލޭގެ ނަމުން ނަންދީފައިވާ ފަސްގަނޑަކީ 65،000 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި ތަނެކެވެ. އޭގެ ތެރެއިން 25،000 އަކީ 1250 އަކަފޫޓުގެ ގޯތިކަމަށް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، އާބަން ޑިވެލޮޕްމެންޓުގެ މިންގަނޑުން ތަރައްގީކުރާ ތަނެއްގައި 1250 އަކަފޫޓުގެ 25،000 ގޯތި ދޫކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ.
ސަރުކާރުން މިހާރު އިއުލާނުކޮށްފައި ވަނީ ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށެވެ. އެ ގޯތިތަކަށް އެދި 22،500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފައިވާއިރު، އޭގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، އަންނަ އަހަރު ދެބައިވުމުގެ ކުރިން ގޯތިތައް ހަވާލުކުރުމަށް އުއްމީދުކުރާ ކަމަށެވެ.








