އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ 10 މީހުންގެ ލިސްޓުގައި ހިމެނޭ މެކްސިކޯގެ މަސްތުވާތަކެތީގެ ނުރައްކާތެރި ލީޑަރަކު ބަޑީގެ ހަމަލާތަކަކަށްފަހު ހައްޔަރުކޮށްފި އެވެ.
މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގުއަސާވޭގައި ހިންގި މި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ "ޗާޕޯ އިސިދްރޯ" ގެ ނަމުން މަޝްހޫރުވެފައިވާ ފައުސްތޯ އިސިދްރޯ މޭޒާ ފްލޮރޭޒް އެވެ.
މެކްސިކޯގެ ޑިފެންސް ސެކްރެޓޭރިއަޓުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގައި މޭޒާ ފްލޮރޭޒްގެ އިތުރުން ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މި ކުރިމަތިލުންތަކުގައި ހަތް ކުށްވެރިއަކު މަރުވެފައިވާއިރު، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެ ސަރަހައްދަށް ދަތުރުކުރި މެކްސިކޯ ސިފައިންގެ ހަތަރު މީހަކުވެސް ވަނީ މަރުވެފަ އެވެ. މޭޒާ ފްލޮރޭޒް އަކީ އެމެރިކާއަށް ފެންޓަނީލް އާއި ކޮކެއިން އަދި ހެރޮއިން ފަދަ ނުރައްކާތެރި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކުރާ ކަމުގެ ތުހުމަތު އޮތް މީހެކެވެ. އެމެރިކާގެ ސަރުކާރުން މިހާރު ދަނީ އޭނާ އެ ގައުމާ ހަވާލުކުރުމަށް އެދެމުންނެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތުގެ އެހީގަ އެވެ. މެކްސިކޯގެ ހާއްސަ ސިފައިން އޭނާ ހުރި ތަނަށް ވަދެގަތީ ކުއްލި ގޮތަކަށެވެ. ނަމަވެސް ސިފައިން އެ އިމާރާތަށް ވަނުމުގެ ކުރިން ބަޑީގެ ހަމަލާތަކާއި ގޮވާއެއްޗެހިން ހަމަލާދީފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހެލިކޮޕްޓަރުތަކުން ބިމަށް ބަޑިޖަހަމުންދިޔައިރު، ކައިރީގައި އޮތް ބޭސްބޯލް ދަނޑެއްގައި ތިބި މީހުން ބިރުން ދުވާ މަންޒަރު ފެނެ އެވެ. އަދި ހައްޔަރުކުރުމާ ގުޅިގެން އެ ސަރަހައްދުގެ ހައިވޭތަކުގައި ބައެއް އުޅަނދުތަކުގައި ރޯކޮށްލާފައިވާ މަންޒަރުތައްވެސް ވަނީ ފެނިފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި މޭޒާ ފްލޮރޭޒްގެ ކޮއްކޮ އާއި އޭނާގެ އާއިލާގެ އިތުރު މީހަކު ހިމެނެ އެވެ. މީގެ ތެރެއިން މޭޒާ ފްލޮރޭޒް އާއި އޭނާގެ ގާތް ދެ މީހަކު ވަނީ ޝަރީއަތަށް މެކްސިކޯ ސިޓީއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ހަތިޔާރާއި، ގްރެނޭޑް ލޯންޗަރެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
އުމުރުން 44 އަހަރުގެ މޭޒާ ފްލޮރޭޒް އަކީ 1990 ގެ އަހަރުތަކުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހެކެވެ. އޭނާގެ މައްޗަށް މީހުން ވަގަށް ނެގުމާއި، އަނިޔާކުރުމާއި، ފޭރުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އޭނާ އަކީ ކުރިން ބެލްޓްރާން ލޭވާ އޯގަނައިޒޭޝަންގެ އިސް މީހެއް ނަމަވެސް، ފަހުން އަމިއްލަ ގްރޫޕެއް އުފައްދައި ސިނަލޯއާ ކާޓެލްއާ ދެކޮޅަށް ނުރައްކާތެރި ކުރިމަތިލުންތަކެއް ހިންގާފައިވާ މީހެކެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމްގެ ސަރުކާރުން މަސްތުވާތަކެތީގެ ގްރޫޕްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމަށްފަހު މެކްސިކޯގެ ބޯޑަރު ހުރަސްކޮށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ. މެކްސިކޯއިން ބުނެފައިވަނީ އެމެރިކާގެ ސިފައިން އެ ގައުމުގެ ބިމުގައި ހަރަކާތްތެރިވުމަށް ފުރުސަތު ނުދޭނެ ކަމަށާއި، ނަމަވެސް ދެ ގައުމުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކޮށްގެން މަސައްކަތްކުރުމަށް މަރުހަބާ ކިޔާ ކަމަށެވެ.







