ކެތޮލިކް ފައްޅީގެ ކުރީގެ ވެރިޔާ ޕޯޕް ފްރާންސިސް އޭނާގެ ހަޔާތުގައި ތިން ފަހަރަކު ޝައިތާނާ ފެނުނު ކަމަށް އަމިއްލަ ޑައިރީގައި ލިޔުނު ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަދި އެއްފަހަރު "ނަރަކައިގެ ދޮރުތައް" ވެސް ފެނުނު ކަމަށް ވެއެވެ.
މިދިޔަ އަންގާރަ ދުވަހު ނެރުނު އޭނާގެ ޑައިރީގައިވާ ގޮތުން، އޭނާއަށް ޝައިތާނާ ފެނުނު ކަމަށް ބުނަނީ ތިން ތަނަކުންނެވެ. އެއީ ކާރެއްގެ ތެރެއިންނާއި، ފައްޅީގައި އަޅުކަމެއްގައި އުޅެނިކޮށާއި އަދި ވެޓިކަންގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ބުއެނޯސް އައިރީސްގެ އާޗްބިޝޮޕަކަށް ހުންނެވި ދުވަސްވަރު ޗެޕަލެއްގެ ތެރެއިން ފެނުނު ދެވަނަ މަންޒަރު ސިފަކުރަމުން ޕޯޕް ލިޔުނީ، "ޝައިތާނާ ބަލަހައްޓައިގެން ހުރީ އަލިފާން ކަނިތަކެއް ފަދަ ބިރުވެރި ދެލޮލުން" ކަމަށާއި، އޭގެ ބާރުގަދަ އަޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.
ހުރިހާ އެއްޗެއްގެ މައްޗަށް ބާރު ފޯރުވައިގެން ހުރި ޝައިތާނާގެ ކާމިޔާބީގެ އަޑު އިވުނު ނަމަވެސް، އެކަމުން ސަލާމަތްވުމުގެ ފުރުސަތު ލިބުނު ކަމަށްވެސް އޭނާ ލިޔެފައިވެ އެވެ.
އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ޖޫން މަހުގެ ރެއެއްގައި ނިދިކުރައްވަން އުޅުއްވަނިކޮށް "ނަރަކައިގެ ދޮރުތައް" ފެނިވަޑައިގެންނެވި ކަމަށްވެސް އެ ޑައިރީގައި ލިޔެފައިވެ އެވެ. ޕޯޕް ބުނި ގޮތުގައި ޝައިތާނާގެ ނުފޫޒު އޭނާގެ ދަތުރަކަށް ވެސް ފޯރި އެވެ. އޭގެ ތެރޭގައި ފާދިރީންގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން ޗިލީއަށް ކުރެއްވި ދަތުރު ވެސް ހިމެނެ އެވެ.
1992 އިން 2024 އާ ދެމެދު އޭނާ ލިޔުއްވި ނޯޓުތަކުގައި، ޗިލީގެ ދަތުރާ މެދު ވަރަށް ބޮޑަށް ހިތާމަކުރި ކަމަށް ލިޔެފައިވެ އެވެ. އެ ދަތުރުގައި، ފާދިރީއެއްގެ ޖިންސީ ގޯނާ ފޮރުވަން އުޅުނު ކަމަށް ތުހުމަތުވި ބިޝޮޕެއްގެ ދިފާއުގައި ވާހަކަ ދެކުމުން ޕޯޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިފަ އެވެ.
ޕޯޕް ފްރާންސިސް އެ މަގާމާ ހަވާލުވީ 2013 ގައެވެ. އަދި 12 އަހަރު އެ މަގާމުގައި ހުންނެވުމަށްފަހު އޭނާ މަރުވީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު، އުމުރުން 88 އަހަރުގައެވެ.







