ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންސާނުންގެ ހަށިގަނޑަށް ބޭނުންވާ މާއްދާތަކުގެ ތެރެއިން އެންމެ އާންމުކޮށް މަދުވަނީ ދަގަނޑުގެ ބައެވެ. މިއީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދޭ ހިމޮގްލޯބިން އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އާންމުކޮށް ދަގަނޑު ލިބިގަތުމަށްޓަކައި އެއްގަމު މަހާއި ކަނޑުމަސް ކެއުމަށް އިރުޝާދު ދެވުނު ނަމަވެސް، މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް އެ މާއްދާ ހޯދިދާނެ ގޮތްތަކެއް ސިއްހީ މާހިރުން މިހާރު ވަނީ ފާހަގަކުރައްވާފަ އެވެ.
ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު ބިނާވެފައިވަނީ ހަމައެކަނި ކާ އެއްޗެއްގެ މައްޗަކަށް ނޫނެވެ. އެ ކާނާ ތައްޔާރުކުރާ ގޮތާއި، ކާ ވަގުތު ބޭނުންކުރާ އެހެނިހެން ބާވަތްތަކަކީވެސް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. ގަސްގަހާގެހިން ލިބޭ ދަގަނޑު ނުވަތަ ނޮން ހީމް އަޔަން އަކީ މަހުގެ ބާވަތްތަކުން ލިބޭ ދަގަނޑާ އަޅާބަލާއިރު ހަށިގަނޑަށް ދަމައިގަންނަން އުނދަގޫ ބާވަތެކެވެ. ނަމަވެސް ބައެއް އާދަތަކަށް ބަދަލު ގެނެސްގެން މި މިންވަރު އިތުރުކުރެވިދާނެއެވެ.
ފުރަތަމަ ކަމަކީ ފަތްޕިލާވެލި ކައްކާ ގޮތަށް ސަމާލުކަން ދިނުމެވެ. މިސާލަކަށް ކޮޕީފަތް ނުވަތަ ސްޕިނެޗް ފަދަ ބާވަތްތަކުގައި އޮކްސަލޭޓްސް ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ދަގަނޑު މާއްދާ ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއަޅާ މާއްދާއެކެވެ. ނަމަވެސް މިފަދަ ފަތްތައް ފެނުކައްކާލުމުން އެ މާއްދާ ބޭރުވެ، އަޔަން ދަމައިގަންނަ މިންވަރު އިތުރުވެ އެވެ. އެހެންނަމަވެސް ކެބެޖާއި ބޮކްޗޯއި ފަދަ ބާވަތްތައް ރޯކޮށް ނުވަތަ އާވިން ކައްކައިގެން ކެއުމުން އޭގައި ހުންނަ ވިޓަމިން ސީ ރައްކާތެރިކޮށްދީ، އަޔަން ދަމައިގަތުމަށް އެހީތެރިވެދެއެވެ.
ދެވަނަ ކަމަކީ އަޔަން ގިނަ ކާނާއާއެކު ވިޓަމިން ސީ ބޭނުންކުރުމެވެ. ކާނާގައި ލުނބޯ ހުތް ޖަހައިގެން ނުވަތަ ކާގަޑީގައި އޮރެންޖު ޖޫސް ފަދަ ތަކެތި ބޭނުންކުރުމަކީ ގަސްގަހާގެހިން ލިބޭ އަޔަން ހަށިގަނޑަށް ނަގައިދޭ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ފާމެންޓް ކޮށްފައިވާ ކާނާ ބޭނުންކުރުމަކީވެސް ރަނގަޅު ގޮތެކެވެ. ސަބަބަކީ ފާމެންޓް ކުރުމުގެ ސަބަބުން ގޮވާމުގެ ބާވަތްތަކުގައި ހުންނަ ފައިޓިކް އެސިޑް ނެތިގޮސް، އަޔަން ދަމައިގަތުމަށް މަގުފަހިވާތީއެވެ.
ސަމާލުކަން ދޭންޖެހޭ އަނެއް ކަމަކީ ކާގަޑީގައި ބޯ ބުއިންތަކެވެ. ސައި އަދި ކޮފީގައި ހުންނަ ޓެނިންސް އާއި ޕޮލިފީނޯލްސް އަކީ އަޔަން ހަށިގަނޑަށް ދަމައިގަތުން ހުއްޓުވާ މާއްދާތަކެކެވެ. އެހެންކަމުން އަޔަން ގިނަ ކާނާއެއް ކެއުމަށްފަހު މަދުވެގެން ދެ ގަޑިއިރު ފަހުން ނޫނީ ސައި ނުވަތަ ކޮފީ ނުބުއިމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ.
ކާނާގެ ބާވަތްތަކަށް ބަލާއިރު، މުގާއި، ތޮޅިއާއި، ބްރޮކޮލީ އަދި ސަންފްލާވާ އޮށް ފަދަ ތަކެއްޗަކީ ގިނަ އަދަދަކަށް އަޔަން އެކުލެވޭ ތަކެއްޗެވެ. ނަމަވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ އެއްފަހަރާ ގިނަ އަދަދަކަށް އަޔަން ހޯދުމުގެ ބަދަލުގައި، ދުވަހުގެ އެކި ވަގުތުތަކަށް ބަހާލައިގެން މަދު މިންވަރުގެ އަޔަން ހިމެނޭ ކާނާ ބޭނުންކުރުމަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތް ކަމެވެ. ހަށިގަނޑުގައި އަޔަން މަދުވާކަމުގެ އަލާމާތްތައް ކަމަށްވާ ވަރުބަލިވުމާއި ނޭވާ ކުރުވުން ފަދަ ކަންކަން ފާހަގަކުރެވޭނަމަ، އަމިއްލައަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ.
މައުލޫމާތު: ބީބީސީ







