މެޑްރިޑް (ނޮވެމްބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްވީ އައިންދޯވަން އަތުން 5-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގައި ސައްތަ އިން ސައްތަ ރެކޯޑް ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑާ 1-1 އިން އެއްވަރުވެ، އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ އަށް ހުއްޓުމެއް އަތުވެއްޖެ އެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރެއާލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފަސް މެޗުން ވެސް މޮޅުވިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އަނެއްކޮޅުން، އާސެނަލުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން 12 މެޗުން އަމިއްލަ ދަނޑުގައި މޮޅުވުމަށް ފަހު، ރޭގެ މެޗުގައި ޑޯޓްމަންޑް ކައިރީގައި ފުއްދާލަން ޖެހުނީ އެއް ޕޮއިންޓުންނެވެ.
ޕީއެސްވީން ރެއާލް ދަނޑުގަައި ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެއީ، 32 ވަނަ މިނިޓްގައި އިވާން ޕެރިސިޗް ވައްދާލި ޕެނަލްޓީންނެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ، ފެޑެރީކޯ ވަލްވޭޑޭ ވަނީ ލަނޑެއް ޖަހައި ރެއާލަށް އެއްވަރުކޮށްދީފަ އެވެ. އަދި، ނަތީޖާ އެއްވަރުވި ހިސާބުން ރެއާލްގެ ކޮންފިޑެންސް ރަނގަޅުވެ، މެޗުގެ ކޮންޓްރޯލް ނަގައި، އިތުރު ހަތަރު ގޯލު ޖެހި އެވެ.
ޖޫޑް ބެލިންހަމްގެ ލަނޑުން ރެއާލުން ލީޑުނެގިއިރު، ކީިލިއަން އެމްބާޕޭ ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. އަދި، ފަހު ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އާސެނަލުން 10 ވަނަ މިނިޓްގައި ލީޑުނެގީ ނޯނީ މަޑުއޭކޭ ދިން ބޯޅައަކުން ވިކްޓަ ޔޯކެރޭޝް ޖެހި ގޯލުންނެވެ. މި މެޗުގައި ޑޯޓްމަންޑުން އެއްވަރުކުރި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނިޓްގައި ޖެހީ މެކްސިމިލިއަން ބައިއާ އެވެ.
ޗެމްޕިއަންސް ލީގުގައިއ ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މެންޗެސްޓާ ސިޓީ ވަނީ 2-2 އިން ނަޕޯލީއާ އެއްވަރުވެފަ އެވެ. ކޯމޯ އިން 1-0 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، ލޯންސް އަތުން އާރްބީ ލައިޕްޒިގު ވަނީ 3-1 އިން މޮޅުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ އެއް ވަނައިގައި މުބާރާތް 15 ފަހަރު ކާމިޔާބުކުރި ރެއާލް އޮތީ މި ފަހަރު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް ފަސް މެޗުން ލިބުނީ 11 ޕޮއިންޓެވެ. އާސެނަލް ވަނީ ދެ މެޗުން އެއްވަރުވެ، ތިން މެޗުން މޮޅުވެފަ އެވެ.







