އިއްޔެ ފެށި އެފްއޭއެމް ވިމެންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭަޝަން އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޮޑު މޮޅަކުން މުބާރާތް ފަށައިފި އެވެ.
ހެންވޭރު ދަނޑުގައި ޖުމްލަ ހަތަރު ޓީމާ އެކު ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ އިން ނުކުތީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް)އާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ މޮޅުވީ، 8-0 އިންނެވެ. އަދި، ދެ ވަނަ މެޗުގައި ރޭ ނިއު ރޭޑިއަންޓުން ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 15-0 އިން މޮޅުވެފަ އެވެ.
މާޒިޔާ އަށް އިއްޔެގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އުޒްބެކިސްތާންގެ ސަފީނާ ރުސާނިއާ ހަތަރު ގޯލުގެ އިތުރުން، ޝަހުލާ ތައުފީގު އާއި ފަދުވާ ޒާހިރު ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. މި މެޗުގައި މާޒިޔާ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ރޭ ކުޅުނު މެޗުގައި ނިއު އަށް ލަނޑުތައް ޖަހައިދިނީ، ބަންގްލަދޭޝް ގައުމީ ޓީމުގެ މަތުސުޝިމާ ސުމައްޔާ ފަސް ގޯލާއި ސަބީނާ ކަތުން ހެޓްރިކެއްގެ އިތުރުން، މައީޝާ އަބްދުލް ހަންނާން ވެސް ހެޓްރިކެއް އަދި މަރިޔަމް ނޫރާ ދެ ގޯލާއި ސުމާ މުހައްމަދު އާއި އައިމިނަތު ފަޒްލާ އެވެ.
މުބާރާތުގެ މެޗުތައް ދެން އޮތީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ދަ ގްރާންޑޭ އާއި މާޒިޔާ ކުޅޭއިރު، އެ ރޭ ނިއު އިން ކުޅޭނީ އެމްއެސް މޭޓްސްއާ އެވެ.
މިދިޔަ އަހަރު ޖުމްލަ އެކު، ހަ ޓީމެއް ބައިވެރިވި، ވިމެންސް ފުޓްބޯލް ލީގުގައި މާޒިޔާ އިން ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. މިއީ، 2014 ވަނަ އަހަރުގެ ފަހުން އެފްއޭއެމް އިން ކްލަބްތަކަށް ހާއްސަކޮށްގެން މިދިޔަ 11 އަހަރު ތެރޭ ބޭއްވި ފުރަތަމަ އަންހެން ފުޓްބޯޅަ މުބާރާތެވެ. ފީފާގެ މާލީ އެހީތެރިކަމާ އެކު، ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ.







