ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށް އަދި ނުސީދާކޮށް ވެސް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ނުވަތަ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، ވެމްކޯއާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ފޮނުވާ މެސެޖުތަކުން ވެސް ސަރުކާރުން ބިރުދައްކާ މިންވަރު ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.
"މިއަދު ވަރަށް ބާރުލާފައި ބުނެވިދާނެ ބިރުވެރިކަމެއްގައި ތިބޭ މެންބަރުން ބިރެއް ނޯންނާނެއޭ. އެ މެންބަރަށް އެނގޭނެ، ރައްޔިތު މީހާއަށް އެނގޭނެ ތިމަންނަގެ ވަޒީފާގެ ބިރު އެބައޮތްކަން، އެ ބިރު ދެއްކީމައި،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ، ވަޒީފާގެ ބިރުވެރިކަމުގައި ތިބޭ ބަޔަކަށް ބިރުވެރިކަން އޮތް ކަމަށް ގަބޫލުކުރަން ވެސް ދަތިވާނެ ކަމަށެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލިސް ވެސް އޮތީ އެފަދަ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، މިއަދުގެ މަޖިލީހުގެ ހާލަތަކީ ވަޒީފާގެ ބިރުވެރިކަމުގައި ތިބޭ ފެނަކަ މުވައްޒަފުންގެ ހާލަތު ކަމަށް އޭނާ ވިދާޅުވި އެވެ.
"2013 ގައި އުފެދިގެން އައި ވެރިކަމެއްގައި އަޅުގަނޑު ހަނދާން އެބަހުރި. އޭރުގައި ވަރަށް ވަރުގަދަ ވިޔަފާރިވެރިއެއް ރާއްޖޭގައި. ކާޅަށް ކޮށައި އަޅާލިޔަސް މިއީ ވިޔަފާރީގެ ބިރު ހުރި ވަރު، ތިމަންނަ މި ހުރިގޮތުގައި ރައްޔިތުންގެ ހައްގުގައި ހުންނާނަމޭ ވިދާޅުވި،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބެވި ބިރުވެރިކަން ބަޖެޓު ބަހުސްގައި ބައިވެރިވި މެންބަރުންގެ އަދަދުންވެސް ސާފުވާ ކަމަށެވެ.
އެގޮތުން މެންބަރުންގެ ދާއިރާތަކަށް އެއްވެސް ކަމެއް ނުވާއިރުވެސް، ބަހުސްގައި ވާހަކަދައްކަވާނަމަ ދާއިރާތަކަށް ކަންކަން ވާކަމަށް ވިދާޅުވެ "ޝުކުރިއްޔާ ރައީސް" އޭ ވިދާޅުވާން ޖެހޭތީ، ގިނަ މެންބަރުން ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވީ ކަމަށް އޭނާ ވިދާޅުވި އެވެ.








