ރައްޔިތުންނަށް ވީ ބޯހިޔާވަހިކަމުގެ ބޮޑު ވައުދަށް ހިޔާނާތްތެރިވެ، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ނުހިތައި ރައްޔިތުންގެ ކުރިމަތީގައި އިހުތިރާމުގެ ވާހަކަ ދައްކަން ރައީސް މުހައްމަދު މުއިއްޒު ލަދުގަންނަންޖެހޭނެ ކަމަށް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވި ގޮތުގައި މުއިއްޒު ވެރިކަމަށް ވަޑައިގަތީ 18 އަހަރުން މަތީގެ އެންމެންނަށް ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަނެއް ހޯދައިދީ، ކުރީ ސަރުކާރުން ދީފައި ހުރި ހުރިހާ ގޯތިތަކެއް ދިނުމަށްފަހު ގެ އެޅޭނެ ލޯނު ފެސިލިޓީސް ވެސް ހޯދައިދެއްވާނެ ކަމަށް ވައުދުވެގެން ކަމަށެވެ.
ނަމަވެސް މިއަދު އެ ވައުދު ނުފުއްދައި، 58،000 އާއިލާއިން ބޯހިޔާވަހިކަމަށް އެދި ފޯމު ލާފައި އޮތް ބިމުން 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ބޭރުގެ ފަރާތަކަށް ހިލޭ ދޫކޮށްލަން އުޅޭ ކަމަށް އަލީ ވިދާޅުވި އެވެ.
"ވައުދަށް ހުރުމަތްތެރިކޮށް ނުހިތާ މީހަކަށް ކާކުތޯ އިހުތިރާމުކުރާނީ؟ ވައުދަށް ހިޔާނާތްތެރިވެފައި ރައްޔިތުންގެ ކުރިމަތީގައި އިހުތިރާމުގެ ވާހަކަދައްކަން ރައީސް މުއިއްޒު ލަދުގަންނަންޖެހޭނެ. ރައްޔިތުން ކުރިމަތީގައި އިހުތިރާމޭ ކިޔާފައި އަނގަހުޅުވާލަން ވެސް ހަގީގަތުގައި ލަދުގަންނަންޖެހޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ވިދާޅުވީ، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމުގެ ބަދަލުގައި ރައީސް މުއިއްޒު ކުރެއްވި ކަމަކީ މަޖިލީހުގެ މެންބަރުންގެ އަތުގައި ބިޑި އަޅުވައި، ސުޕްރީމް ކޯޓުގައި ތިބި ތިން ފަނޑިޔާރުން ވަކިކުރުން ކަމަށެވެ. އަދި ރައްޔިތުންނަށް އިހުތިރާމު ނުކުރައްވައި، ގޮތްހުސްވެގެން ގަދަކަމުން އިހުތިރާމު ހޯއްދަވަން އުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް އިހުތިރާމު ނުކުރާ މީހަކަށް އިހުތިރާމެއް ނުލިބޭނެ. ރައްޔިތުން އިހުތިރާމު ނުވެސް ދޭނެ. އެހެންވީމާ ގަދަކަމުން އިހުތިރާމު ހޯދަން އުޅުމަކީ އަދި އާދަޔާ ހިލާފުކަމެއް. އެއީ ހަގީގަތުގައި ގޮތް ހުސްވީމާ ދައްކާނެ ވާހަކައެއް ނެތީމާ، މާ މޮޅު ވާހަކައެއް ދައްކާނަމޭ ހިތައި ފައްޓައިގެން އުޅޭ ކަމެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
މީގެ އިތުރުން 58،000 އާއިލާއިން ބޯހިޔާވަހިކަމަށް އެދި ފޯމު ލާފައި އޮތް ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ޒަޔަނިޒަމަށް ތާއީދުކުރާ ބޭރުގެ އޭޖެންޓުންނަށް ހިލޭ ދޫކޮށްލަން އުޅެނީ، ރާއްޖޭގައި ސެކިއުލަރިޒަމް ގާއިމުކޮށް އެހެން ދީންތަކުގެ ސިއާރުތައް ފަތުރައި، އަޅުކަންކުރާ ތަންތަން އެޅުމުގެ މަގުސަދުގައި ކަމަށް ވެސް ރޭގެ ހަރަކާތުގައި އަލީ ހުސައިން ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރީމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.








