ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ގާނޫނުގެ މަގުސަދަކީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ގޯސް ކަންކަން ފޮރުވުން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ އަބުރަކީ ރައްކާތެރިކޮށްދޭން ޖެހޭ އެއްޗެއް ކަމަށްވިޔަސް، މިހާރު ހުށަހަޅާފައިވާ އަބުރުގެ ގާނޫނުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަންތަކާއި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ ހަމަނުޖެހޭ ކަންކަމާއި ގޯސް ކަންކަން ފޮރުވުން ކަމަށެވެ.
"މި ބިލު [އަބުރުގެ ބިލު] މިއަދާ ހަމައަށް އައިއިރުގައި ތަފާތު ނަންނަމުގައި މީގެ ކުރިން 2016 ގައި ވެސް އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ބިލެއް އައި މަޖިލީހަށް. މިއިން ކޮންމެ ކަމެއްގައި ހަގީގީ މަގްސަދަކަށް ވެފައި އޮންނަނީ، މައިގަނޑު މަގްސަދަކަށް ވެފައި މިއޮންނަނީ ސަރުކާރުގެ ކޮރަޕްޝަންތަކާއި އެ ސަރަކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ ހަމަނުޖެހޭ ކަންކަން ގޯސް ކަންތައްތައް ފޮރުވުމުގެ ނިޔަތް. މިއިން ކޮންމެ ބިލެއްގައިވެސް މިއޮންނަނީ،" އޭނާ ވިދާޅުވި އެވެ.
އަބުރުގެ ބިލު މިފަހަރު ފަރުމާކޮށްފައިވަނީ މަދަނީ ބިލެއް ގޮތުގައިވިޔަސް، އެ ބިލުގައި ބޮޑެތި ޖޫރިމަނާތަކާއި ސާފުނުވާ ގޮތަށް ފުން ބޮޑެތި މާނަ އެކުލެވިގެންވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އެގޮތުން ހިންގާ ފަރަކާތަކުން ނުވަތަ ކުރާ ހަރަކާތަކުންވެސް އަބުރު ގެއްލޭކަން އެނާ ފާހަގަކުރެއްވި އެވެ.
ސޯޝަލްމީޑިއާގައި ޝެއާކުރާ ޕޯސްޓަކާ ގުޅިގެން ވެސް އަބުރުގެ ދައުވާ އުފުލޭ، އަދަބު 500،000ރ. އާ ހަމައަށް!
ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ޝެއާކުރާ މީހުންގެ މައްޗަށް ވެސް ދައުވާކޮށް، 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އަބުރު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލުގައިވާ ގޮތުން، ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ފެތުރުމުގެ އިތުރުން، އިޝާރާތަކުން ނުވަތަ ކުރެހުމަކުން މީހަކަށް ނިސްބަތްކޮށް އަބުރާ ބެހުނު ކަމަށް ސާބިތުވިޔަސް ބަދަލު ނަގައިދެވޭނެއެވެ.
ޒިޔާދު ވިދާޅުވީ އަބުރުގެ ގާނޫނު މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ އަބުރު ރައްކާތެރިކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެގޮތުން މިހާރު ފާސްކުރަން އުޅޭ ބިލުގެ ސަބަބުން ރައްޔިތުންގެ އަބުރު ހިމާޔަތް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި އަބުރުގެ ބިލުގައި ސޯޝަލްމީޑިއާގައި މީހަކު ޝެއާކުރާ ޕޯސްޓަކާ ގުޅިގެން ވެސް އަބުރުގެ ދައުވާ އުފުލޭއިރު، ބަދަލުގެ ގޮތުގައި 500،000ރ. ނަގައިދެވެ އެވެ.
އަބުރުގެ ދައުވާއެއް އުފުލާއިރު، އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ގެއްލުން ލިބިފައިވާ ކަމަށާއި އަބުރާބެހުނު ފަރާތުގެ ކިބައިން ބަދަލު ނަގައިދިނުމަށް ދައުވާކުރި ފަރާތުން އެދިފައިވާނަމަ، އަދި އެކަން ސާބިތުވާނަމަ ކޯޓުން ބަދަލު ނަގައިދޭން ވާނެ ކަމަށް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އެގޮތުން، އަބުރާ ބެހުނުކަމުގެ ދައުވާއެއް އުފުލާ މީހަކަށް މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް އެ ބިލުގައި ހިމަނައިފައި ވެ އެވެ.








