ކޯޓުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ (ޖޭއެސްސީ) ދަށުން ވަކިކޮށް، ޖުޑީޝަލް ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވި މި އިސްލާހަކީ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ހުށަހެޅި ބަދަލެކެވެ. މި ބިލު ފާސްވުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ޑީޖޭއޭ ހިންގުމަށް މިހާރު ކަނޑައަޅާފައިވާ މާއްދާތައް އުވިގެންދާނެ އެވެ. އޭގެ ތެރޭގައި އެ ގާނޫނުގެ 21 ވަނަ މާއްދާގެ ބައެއް އަކުރުތައް ހިމެނެ އެވެ.
މި އިސްލާހުގައިވާ ގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ދެން މަސައްކަތް ކުރާނީ ޖުޑީޝަލް ކައުންސިލްގެ ސެކްރެޓޭރިއެޓެއްގެ ގޮތުގަ އެވެ. އަދި އެ މުއައްސަސާ ހިނގަމުންދާނީ ސީދާ ޖުޑީޝަލް ކައުންސިލްގެ އިރުޝާދުގެ ދަށުންނެވެ. މިއީ ޝަރުއީ ދާއިރާގެ އިދާރީ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބިލުގައި ފާހަގަކޮށްފައި ވެ އެވެ.
ޑީޖޭއޭގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު، ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ހިންގުމާއި، ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ މުއައްސަސާގެ މައިގަނޑު ޒިންމާ އެވެ. މީގެ އިތުރުން ކޯޓުތަކުގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި، ޖުޑީޝަލް ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި ސްޓްރެޓެޖިކް ޕްލޭނުތައް ތަންފީޒުކުރުން ވެސް ހިމެނެ އެވެ. ކޯޓުތަކުގެ އިމާރާތްތަކާއި ވަސީލަތްތައް ބެލެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކޯޓުތަކުގެ ނިޒާމުތައް ތަރައްގީކުރުމަކީ ވެސް ޑީޖޭއޭއަށް މަތިކޮށްފައިވާ މަސައްކަތްތަކެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުތަކުގެ ބަޖެޓު ތައްޔާރުކުރުމާއި މާލީ ކަންކަން ބެލެހެއްޓުމަކީ ވެސް އެ ޑިޕާޓްމަންޓުގެ ޒިންމާއެކެވެ. އަދި ކޯޓުތަކުގެ ތަފާސްހިސާބުތައް އެކުލަވާލުމާއި، ކޯޓުތަކުން ނިންމާ ހުކުމްތައް އާންމުކުރުމުގެ އިތުރުން، ފަނޑިޔާރުންނާއި މުވައްޒަފުން ތަމްރީނުކުރުމަށް ޖުޑީޝަލް އެކެޑަމީ ހިންގުން ވެސް ޑީޖޭއޭގެ ދަށަށް ބަދަލުވާނެ އެވެ.
މި މުއައްސަސާގެ އެންމެ އިސްވެރިއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ބިލުގައިވާ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަނުކުރާނީ ޖުޑީޝަލް ކައުންސިލުންނެވެ. އަދި އޭނާ ޖަވާބުދާރީވާން ޖެހޭނީ ވެސް އެ ކައުންސިލަށެވެ. މި މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި މަސައްކަތުގެ ފެންވަރަށް ބަލައި އިތުރު ފަސް އަހަރުގެ އެއް ދައުރަށް މަގާމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަނުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކަށް ވުން ހިމެނެ އެވެ. އަދި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާތަކުން މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. މީގެ އިތުރުން ސިއްހީ ގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ހާލަތެއްގައި ހުރުމަކީ ވެސް ލާޒިމު ޝަރުތެކެވެ.









