ރާއްޖޭގެ ޝަރުއީ ދާއިރާގައި އިސްތިއުނާފީ މަރުހަލާގެ ފުރަތަމަ ކޯޓު ކަމަށްވާ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން އަށް 15 އަށް އިތުރުކުރުމަށާއި އިސްތިއުނާފު ކުރުމަށް މައްސަލަ ހުށަހެޅޭނެ މުއްދަތު ކުރުކުރުމަށް ކޯޓުތަކުގެ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ބިލު ސްޕޮންސާ ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ. ސަރުކާރުން ހުށަހެޅީ ހައިކޯޓުގެ ބެންޗަށް ހަތަރު ފަނޑިޔާރުން އިތުރުކުރުމަށެވެ. ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާ އޮންނަ ގޮތުން މިހާރު އެ ހައިކޯޓު އެކުލެވިގެންވަނީ އިސް ފަނޑިޔާރާއި 10 ފަނޑިޔާރުންގެ މައްޗަށެވެ.
ކޯޓުތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލައެއް 90 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ޖެހެ އެވެ. ރަށެއްގެ ކޯޓަކުން ނަމަ 180 ދުވަހުގެ ތެރޭގައި އަދި ޓްރައިބިއުނަލަކުން ނަމަ އެ މުއްދަތަކީ 90 ދުވަހެވެ.
އަލަށް ހުށަހެޅި ބިލުގައި ވަނީ އިސްތިއުނާފުކުރަން ހުށަހެޅުމުގެ މުއްދަތު 30 ދުވަހަށް ކުޑަކޮށްފަ އެވެ. އެ މުއްދަތު ގުނަނީ ވެސް ސަރުކާރު ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ. ނަމަވެސް، އެ މުއްދަތުގައި މައްސަލަ އިސްތިއުނާފު ނުކުރެވުނީ އަމިއްލަ ބާރުނުފޯރުވޭ ސަބަބެއް މެދުވެރިގެން ނަމަ، އެ ކަން ސާބިތުކޮށްދެވިއްޖެނަމަ އެ މައްސަލައެއްގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގަނެވިދާނެ ކަމަށް ބިލުގައި ބުނެ އެވެ.
ހައިކޯޓަށް ހުށަހަޅާ މައްސަލައެއްގެ ލިޔެކިޔުންތައް ދަށު ކޯޓުން ފޮނުވުމަށް މިހާރު އޮންނަނީ ދެ މުއްދަތެކެވެ. އެއީ މާލޭގެ ކޯޓުތަކުން ނަމަ ހަތް ދުވަހެވެ. ރަށެއްގެ ކޯޓަކުން ނަމަ ގިނަވެގެން 20 ދުވަހެވެ. ނިޒާރު ހުށަހެޅި ބިލުގައި އެ މުއްދަތު 14 ދުވަހަށް ހަމަޖެއްސުމަށް ވަނީ ހިމަނާފަ އެވެ.
އޭގެ އިތުރުން، ހައިކޯޓުގެ ރެޖިސްޓްރާގެ ނިންމުންތައް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ މުއްދަތު ހަތް ދުވަހުން 14 ދުވަހަށް އިތުރުކުރަން ބިލުގައި ވަނީ ލިޔެފަ އެވެ. އެ ބިލުގައި ވަނީ ހައިކޯޓުގެ ރެޖިސްޓްރާ އާއި އެސިސްޓެންޓް ރެޖިސްޓްރާގެ މަސްއޫލިއްޔަތުތައް ވެސް ހިމަނާފަ އެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ހައިކޯޓުގެ ޝަރީއަތެއް އެއްކޮށް ނުވަތަ ޝަރީއަތުން ބައެއް އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިޔުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބެ އެވެ. ނަމަވެސް، ބިލުގައި ވަނީ އެ މާއްދާގެ އިބާރާތް ބަދަލުކޮށް، ގާނޫނުއަސާސީ ނުވަތަ ގާނޫނަކުން އިސްތިސްނާކުރާ ހާލަތްތަކުގައި ފިޔަވައި އެހެން ހުރިހާ ހާލަތެއްގައި އަޑުއެހުންތަކާއި ހުކުމް އިއްވަން ވެސް ޖެހޭނީ ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ކަމަށް ވަނީ ލިޔެފަ އެވެ.
ހައިކޯޓުގައި މައްސަލަތައް ބަލަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.






