ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، އަލީ ސަމީރު އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރު އައްޔަނުކުރަން ފެންނަކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވަނީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވާތީ އެވެ.
ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވުމަށްފަހު ސަމީރު އިސްތިއުފާ ދެއްވީ އެޕްރީލް 2022، ގަ އެވެ. އެެއަށްފަހު އޮކްޓޯބަރު 2024، އާ ހަމައަށް އޭނާ ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގަ އެވެ.
ސަމީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވާފަ އެވެ.
އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީ ކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީ ކޯޓުގެ އިސް ގާޒީ ކަމާއި، ސިވިލް ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ.









