ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއަށް އެގްރިކަލްޗާ މިނިސްޓްރީ އިތުރުކޮށް، މިނިސްޓަރަކަށް އަހްމަދު ޝިޔާމް މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝިޔާމްއަށް މިނިސްޓަރުކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ މުހައްމަދު މުއިއްޒު އެވެ.
ފިޝަރީޒް މިނިސްޓްރީއަށް އެގްރިކަލްޗާ އިތުރުކޮށްފައި މި ވަނީ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ އުވާލުމަށް ފަހު އެވެ. ނަމަވެސް އެގްރިކަލްޗާ މިނިސްޓްރީގައި ހިމެނޭ އެނިމަލް ވެލްފެއާ އެއްވެސް މިނިސްޓްރީއެއްގެ މެންޑޭޓަށް ބަދަލުކޮށްފައެއް ނުވެ އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް އިސްކޮށް މަސައްކަތް ކުރެއްވި ޝިޔާމް އައު މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ހަމައަށް ވެސް ހުންނެވީ ފިޝަރީޒް މިނިސްޓަރު ކަމުގަ އެވެ. އޭނާއަކީ މި ސަރުކާރުން އައްޔަންކުރި ފުރަތަމަ ފިޝަރީޒް މިނިސްޓަރެވެ.
ސަރުކާރުގެ މިނިސްޓްރީތަކަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ، އިއްޔެ ޖުމްލަ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވި ފަހުންނެވެ.

ސަރުކާރުގެ 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 އަށް މަދުކޮށް، މުޅިން އަލަށް ހަތަރު މިނިސްޓަރަކު ވަނީ އައްޔަންކޮށްފަ އެވެ. މުއިއްޒު ފުރަތަމަ ކެބިނެޓު އެކުލަވާލީ 22 މިނިސްޓްރީއާ އެކީގަ އެވެ. އެ ފަހުން އެ އަދަދު ކުރިން 20 އަށް ވެސް މަދުކުރި އެވެ.
މިގޮތުން ލޯކަލް ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް އުފެއްދި ސިޓީސް މިނިސްޓްރީ އާއި ދިވެހި ބަސް ކުރިއަރުވައި ދިވެހީންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އާލާ ކުރުމުގެ މަގުސަދުގައި މުއިއްޒު އުފެއްދެވި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ ވެސް އިއްޔެ ވަނީ އުވާލާފަ އެވެ.














