އެމްއެޗްއޭ އިން އާންމުންގެ މެދުގައި މަގުބޫލު އޮޓޮގީ ރާމެންގެ ރަހަތައް ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހިލޭ ރަހަ ތަޖުރިބާކޮށްލުމުގެ މި ހަރަކާތް އިއްޔެ އެމްއެޗްއޭ ހުޅުމާލެ ފޭސް 2 ވިނަރެސްގައި ބޭއްވިއިރު، މިއަދު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެއިންކްރެސްޓްގަ އެވެ. އޭގެއިތުރުން މާދަމާ މި ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާލޭ ފަރީދީމަގުގައި ހުންނަ އެމްއެޗްއޭ މާޓުގަ އެވެ.
އެމްއެޗްއޭ އިން ކަނޑައަޅާފައިވާ އައުޓްލެޓުތަކުން ރަހަތައް ހިލޭ ތަޖުރިބާކޮށްލުން ކުރިއަށްދާނީ ހަވީރު 16:00 އިން ފެށިގެންނެވެ.
މި ހަރަކާތުގެ ތެރެއިން އޮޓޯގީ ބްރޭންޑުގެ މަޝްހޫރު އެކި ފްލޭވާތަކުގެ ރާމެން ތައްޔާރުކޮށް، ފިހާރަތަކަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ހޫނުކަމާއެކު ރަހަބެލޭނެ އެވެ. އެގޮތުން މިއީ މިއީ ރާމެންއަށް ލޯބިކުރާ ފަރާތްތަކަށާއި، އާ ރަހަތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރަނގަޅު ފުރުސަތެއް ކަމަށް އެމްއެޗްއޭ އިން ބުންޏެވެ.
އޮޓޯގީ އަކީ ދުނިޔޭގެ ފެންވަރުގައިވެސް މަގުބޫލު ކޮރެއާގެ ބްރޭންޑެކެވެ. ރާއްޖޭގެ މާކެޓުގައިވެސް މި ބްރޭންޑުގެ ރާމެންއަށް އޮންނަ ތަރުހީބު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.
އެމްއެޗްއޭގެ ތިން މާޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ދެ މާޓް ހުރެ އެވެ. މާލޭގެ މާޓްތައް ހުންނަނީ އޯކިޑު މަގު، ފަރީދީ މަގު އަދި މަޖީދީ މަގުގަ އެވެ. ހުޅުމާލޭގެ މާޓްތައް ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮޅު މަގުގަ އެވެ.










