ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގެ ހަތަރު ސެލްގެ ތެރެއިން ސެލްއެއްގެ އޭސީން ފެން ލީކުވުމާ ގުޅިގެން ސީލިންގެ ފިލައަކަށް ފެން އެޅި، ގިރިގެން އިއްޔެ ވެއްޓިއްޖެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަބްދުއްރަހީމް އަދަދު އަށް ވިދާޅުވީ އައިސީޔޫގައި ސެލްއެއްގެ ސީލިންގެ ބައެއް ވެއްޓުނީ ސީލިންގް މައުންޓްކޮށްފައި ހުރި އޭސީއަކުން ފެން ބޭރުކުރާ ޕަމްޕަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފެން ލީކުވެގެން ކަމަށެވެ.
"އެތަން [އައިސީޔޫ ސެލްއެއް] ބަންދުކޮށްފައި ހުރި ވަގުތެއްގައި މިދެންނެވިހެން ބޭނުންނުކުރާ ސެލްއެއްގެ އޭސީގެ މައްސަލައެއް ދިމާވެ، ސީލިން މައްޗަށް ފެން އެޅުނީ. ފެން ލީކުވުމާ ގުޅިގެން. ސީލިން ކުރެވިފައި މިހުންނަނީ ކަރުދާސްކަހަލަ ފިލައެއް މީގައި މި ހުންނަނީ. ފެން އެޅުމާ ގުޅިގެން ސެލްގެ އޭގެއިން ފިލައެއްގެ ބައެއް އިއްޔެގައި މިއޮތީ ނައްޓާލާފައި،" ހަންނާން ވިދާޅުވި އެވެ.
ހަންނާން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އައިސީޔޫގެ އެއްވެސް ހިދުމަތަކަށް ބުރޫއަރާފައި ނުވާ ކަމަށާއި ބާކީ ހުރި ތިން ސެލް މިވަގުތުވެސް ބޭނުން ނުކުރެވޭނެ ކަމަށެެވެ. އޭގެ އިތުރުން ސީލިން ވެއްޓުނު ސެލްގެ މަރާމާތުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާކަން ފާހަގަކުރައްވާ ހަންނާން ވިދާޅުވީ އައިސީޔޫގައި އާންމުކޮށް ބޭނުންކުރަމުންދަނީ އެންމެ ދެ ސެލް ކަމަށެވެ.
އެ ހޮސްޕިޓަލުގައި އައިސީޔޫ ހަތަރު ސެލްއަކަށް ބަހާލާފައިވަނީ ބިއްލޫރި ޖަހައި ވަކިކޮށް، ކޮންމެ ތަނެއް ވަކިން އޭސީކޮށްފަ އެވެ. އެގޮތުން ބަލި މީހުން އެ ސެލްތަކުގައި ވަކިން އެޑްމިޓްކޮށްގެން ފަރުވާދެވެ އެވެ. އެގޮތަށް ވަކި ސެލްތަކެއް ހަދާފައި ހުންނަނީ ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގަ އެވެ.








