ލ. ގަމުގައި އެ ރަށު ކައުންސިލާއި ހޮރައިޒަން ފިޝަރީޒް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ތަރައްގީކުރި އެއް ޖާގައިގެ މޯޗަރީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފި އެވެ.
ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު އަދަދު އަށް ވިދާޅުވީ މޯޗަރީއަށް ބޭނުންވާ މެޝިން ފޯރުކޮށްދިނީ ހޮރައިޒަންއިން ކަމަށެވެ. މޯޗަރީ ހެދި އިމާރާތުގެ މަރާމާތަށް ހުރިހާ ހަރަދެއް ކައުންސިލުން ކުރިއިރު، މަސައްކަތް ކުރިއަށްގެންދިޔައީ އާރްޑީސީން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މޯޗަރީގައި ހުރި މެޝިން އޮޕަރޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް އެ މެޝިނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ކުރަންޖެހޭ ހަރަދުތައް ކުރަމުންދާނީ ގަމު ކައުންސިލުންނެވެ.
އަފްސަލް ވިދާޅުވީ ގަމުގައި ބިދޭސީއަކު މަރުވެގެން ގައުމަށް ނުފޮނުވިގެން އުޅޭ ހާލަތެއްގައި ވެސް އެ ބިދޭސީ މީހާ ބާއްވާނެ ތަނެއް ނުހުންނަ ކަމަށާއި އެކަމަކު ކުރިން ދިމާވި އެތައް ތަކުލީފަކަށް މޯޗަރީ ހުޅުވުމާއެކު ހައްލުވެގެންދާނެ ކަމަށެވެ.
މޯޗަރީގައި އެންމެ ޖާގައެއް މިވަގުތު ހުއްޓަސް، ކުރިއަށް އޮތް ދުވަސްތަކުގައި ހޮރައިޒަންއާ ގުޅިގެން ޖާގަ އިތުރުކުރުމަށް އިތުރު މެޝިނެއް ބެހެއްޓުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި މޯޗަރީއެއް ނުހުރެ އެވެ. އޭގެ ސަބަބުން މަރުވާ މީހުން މާލެ ގެނެސް ބާއްވަނީ މާލޭގައި ހުންނަ މޯޗަރީގަ އެވެ.












